ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މިއީ ހުޅުވާލަން ފަށަން އެންމެ ރަނގަޅު ވަގުތު: ޑރ. ސްޓޯވާ

Jun 3, 2020
2

ކޮވިޑް-19 އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް، ރާއްޖެ އަލުން ހުޅުވާލަން ފެށުމަށް މިއީ ހަމަ އެންމެ ރަނގަޅު ވަގުތުކަމަށް، އެ ބައްޔާ ދެކޮޅަށް ދިވެހި ޑޮކްޓަރުން ތަމްރީނު ކުރުމުގައި އިސްކޮށް އުޅުއްވާ ދެކުނު އެފްރިކާގެ ޑޮކްޓަރު ޑރ. ބްރޫސް ސްޓޯވާ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ޑޮކްޓަރުންނާއި ނަރުހުން ތަމްރީނު ކުރުމާ ގުޅޭގޮތުން، މިއަދު އައިޖީއެމްއެޗްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ޑރ. ސްޓޯވާ ވިދާޅުވީ، މުޅި ދުނިޔެއެކޭ އެއް ފަދައިން، ކޮވިޑް-19 އިގެ ނުރައްކާ ރާއްޖެއަށްވެސް ބޮޑު ނަމަވެސް، އަބަދު ލޮކްޑައުންކޮށްފައި ބާއްވައިފިނަމަ، އެހެން ބަލިތަކުގައި މީހުން މަރުވުވުމުގެ ފުރުސަތު އިތުރުވާނެ ކަމަށެވެ.

އަދި ރާއްޖެ ފަދަ ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމަކަށް، ބޯޑަރު ބަންދުކޮށްގެން ތިބުމުގެ ސަބަބުން މިހާރުވެސް އިގުތިސޯދީ ގޮތުން ކުރަމަތިވަމުންދާ ދަތިކަން ޑރ. ސްޓޯވާ ފާހަގަ ކުރެއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ކޮވިޑް-19 އާ ގުޅިގެން ހާލު ސީރިސްވާ މީހުނަށް ފަރުވާ ދިނުމުގެ ގާބިލުކަން މިހާރު އިތުރުކުރެވިފައިވާތީ، ލޮކްޑައުން ލުއިކުރުމުން ކުރިމަތިވެދާނެ ނުރައްކަލަށް ވަރަށް ބޮޑަށް ތައްޔާރުވެވިފައިވާ ކަމަށެވެ.

"އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، އަލުން ހުޅުވާލަން މާ އަވަހެއް ނޫނީ ލަހެއް ވެސް ނުވެ އޭ. މިއީ ހުޅުވާލަން ފަށަން ހަމަ އެންމެ ރަނގަޅު ވަގުތު،" ސްޓޯވާ ވިދާޅުވި އެވެ.

އޭނާގެ ވާހަކަތަކަށް ބާރު ދެއްވަމުން، ޑރ. މުހައްމަދު އަލީ ވިދާޅުވީ، ކޮވިޑް-19 ގައި ހާލު ސީރިސްވާ މީހުނަށް ފަރުވާ ދިނުމުގައި އެންމެ މުހިއްމު އެއް އާލަތަކީ އޮކްސިޖެން ކަމަށާއި، އޭގެ ސްޓޮކް ހުރި މިންވަރު ވަރަށް ބޮޑަށް އިތުރު ކުރެވިފައިވާ ކަމަށެވެ.

އެގޮތުން، އޮކްސިޖެންގެ ސްޓޮކް، ހަތް މިލިއަނުން 36 މިލިއަނަށް އިތުރު ކުރެވިފައިވާކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބެލިއިރު، ސާޖެއް އަންނަ އިރު، ކްރިޓިކަލް ކެއާއަށް އޮކްސިޖެން ކެޕޭސިޓީ 16 މިލިއަން ވަރު ބޭނުންވާ ކަމަށް. އޭރު އަޅުގަނޑުމެންގެ ކެޕޭސިޓީ ހުރީ ހަތް މިލިއަންގައި. މިހާރު އެ ކެޕޭސިޓީ 36 މިލިއަނަށް ވަނީ އިތުރުކުރެވިފައި،" ކޮވިޑް-19 އިގެ މައިގަނޑު ފަރުވާއެއްގެ ގޮތުގައި އޮކްސިޖެން ޓްރީޓްމަންޓު ބޭނުންކުރާކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ދެކުނު އެފްރިކާގެ އިތުރުން، އެމެރިކާގެ ސިއްހީ މާހިރުންގެ ޓީމަކާ ގުޅިގެން، މިދިއަ މާޗު މަހުން ފެށިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުން، 600 އަށް ވުރެ ގިނަ ޑޮކްޓަރުންނާއި ނަރުހުން ކޮވިޑް-19 އިގެ ފަރުވާގެ ހާއްސަ ތަމްރީނުތަކެއް ދެވިފައިވާކަމަށް ޑރ. މުހައްމަދު އަލީ މިއަދު ވަނީ ވިދާޅުވެފަ އެވެ.