ދުނިޔެ

އެމެރިކާ ދޫކޮށް އިޒްރޭލުގެ ބެސްޓް ފްރެންޑަކަށް ރަޝިއާ ހެދީތަ؟

Sep 23, 2015

މޮސްކޯ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ނަތަންޔާހޫ ވިދާޅުވީ ދެ ގައުމުން އެއްބާރުލުމުގެ އެންމެ މުހިންމު ބޭނުމަކީ ހަނގުރާމައިގެ މައިދާނުގައި އޮޅިގެން އެއް ގައުމު އަނެއް ގައުމަށް ހަމަލާ ނުދޭނެ ގޮތެއް ހޯދުން ކަމަށެވެ. އެކަމަކު ސީރިޔާގައި މިވަގުތު ހިނގާ ހަނގުރާމައިގެ އެއް ބައިވެރިޔާ ރަޝިޔާއާ އެކު އެއްކޮޅެއްގައި އޮތުން އިޒްރޭލަށް ވަރަށް މުހިންމީ އޮޅިގެން ދެވޭ ހަމަލާގެ ވާހަކައާ ހިސާބަކުން ނޫނެވެ.

ރަޝިޔާއިން ދާދި ފަހުން ސީރިޔާ އަށް ގެންދިޔަ އަސްކަރީ ސާމާނުތަކާ މެދު އިޒްރޭލުން ކަންބޮޑު ވިއެވެ. ރަޝީޔާ އިން ގެނައި ތަކެތީގެ ތެރޭގައި އަސްކަރީ މަދިންދާބޯޓާއި، މަތިންދާ ބޯޓަށް ހަމަލާދޭ ހަތިޔާރު ހިމެނެއެވެ. ސީރިޔާގެ ވައިގެ ސަރަހައްދުގައި ހިޒްބުﷲ ފަދަ ޖަމާއަތްތަކާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް ހިންގާ އިޒްރޭލަށް ރަޝިޔާއާ އެކު އިތުބާރެއް އުފެއްދުން މުހިންމެވެ. އެހެން ނަމަވެސް ދެ ގައުމު އެއްބާރުލުންދޭ އަސްކަރީ ހަރަކާތްތައް އިއުލާނު ކުރުމުން ސީރިޔާ ހަނގުރާމައަށް ޓުވިސްޓެއް އައިސްދާނެ ކަމަށް ބެލެވެއެވެ.

އިޒްރޭލުން އާންމުކޮށް ތާއީދު ކުރަނީ އެމެރިކާ އެ މައްސަލައެއްގައި ދެކޭ ގޮތް ބެލުމަށް ފަހު އެގޮތަކަށް ކަމަށް ބުނެވިދާނެއެވެ. އެކަމަކު މި ފަހަކުން ދެ ގައުމުގެ މެދުގައި ވެސް ސިޔާސީ ކޯޅުންތައް ހިނގައިފިއެވެ. އީރާނާއި އެކު އެމެރިކާއިން ހެދި ނިއުކްލިއާ ޑީލާއި އިޒްރޭލު ދިޔައީ އަބަދުވެސް ދެކޮޅު ހަދަމުންނެވެ. އޮބާމާގެ ސަރުކާރުން އެ މައްސަލައިގާ އިޒްރޭލުގެ އަޑު އެހީ އިދިކޮޅު ރިޕްބްލިކަން ޕާޓީ ދެއްކި ވާހަކަވެސް އަޑު އެހި ގޮތަށެވެ. އިޒްރޭލާއި އެމެރިކާގެ ރިޕަބްލިކަނުން ބުނެ ބުނެ އޮއްވާ އީރާނާއި އެކު ތާރީހީ ނިއުކްލިއާ އެއްބަސްވުމެއްގައި އޮބާމާ ސޮއިކުރެއްވިއެވެ.

އިޒްރޭލުން ރަޝިޔާއާއެކު ސީރިޔާގައި ރަސްމީކޮށް ހަނގުރާމައަށް ނުކުމެއްޖެ ނަމަ މެދު އިރުމަތީގައި އާ އެކުވެރިންތަކެއް އުފެދުން އެކަށީގެންވެއެވެ. މިއީ އިޒްރޭލުން ރައްކާތެރިކަން ހޯދަން ބޭނުންވާނެ ސަރަހައްދެކެވެ.

ބައްޝާރުލް އަސަދަށް ވަފާތެރި ސިފައިންނަށް ރަޝިޔާ އާއި އިޒްރޭލުން އެހީވާނެ އެވެ. ހަނގުރާމަ ވެރިންގެ ތެރޭގައި ބޮޑެތި ގައުމުތަކާއި ބޮޑެތި އޯގަނައިޒޭޝަން ތަކުގެ އެހީ ލިބޭ ޖަމާއަތްތަށް އެބަ އޮތެވެ. އެމެރިކާއަކީ ވެސް އޭގެން އެހީތެރިއެކެވެ. އެހިސާބުން އެމެރިކާ ބައިވެރިވާނީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެއެވެ. ބައްޝާރުލް އަސަދުގެ ވެރިކަމާ އެމެރިކާ ކިތަންމެ ދެކޮޅަސް އިޒްރޭލާއި ރަޝިޔާ ނުކުމެ އޮތް ހަނގުރާމަ އެއްގައި އެމެރިކާގެ ދައުރަކީ ސެންސިޓިވް އޭރިއާ އެކެވެ.

މެދު އިރުމަތީގެ ހަމަ ނުޖެހުންތަކުގައި އެކުވެރިޔާގެ އެކުވެރިޔާ އަކީ އަބަދަކު އެކުވެރިޔެއް ނޫނެވެ. ސީރިޔާގައި މިވަގުތު އައި އެސް އާއި އަދި ސަރުކާރާ އިދިކޮޅު ހަތިޔާރު އެޅި ޖަމާއަތް ތަކަށް ދެން ކުރިމަތިލާން ޖެހޭ ފޯސް ގައި ރަޝިޔާއާއި އިޒްރޭލުގެ އެހީ ހިމެނޭނެއެވެ. ސަފިއިންނާއި ހަތިޔާރުގެ އެހީއެވެ. އަސަދުގެ ސިޔާސަތު ތަކުން ގައުމެއްގެ ގޮތުގައި ސީރިޔާ އެކުނުލެވި، ސިފައިން ބޭނުން ކޮއްގެން އެކަން ނުވި ހިސާބުން ދެން ސަރުކާރު ސަލާމަތް ކުރަން އަންނަ "އެކުވެރި" ގައުމުތަކަކީ ކަން ނިންމަން ޖަހާ ބޮޑު އެތި ފަހަރު ތަކެވެ.

އައިއެސް ފަދަ ޖަމާއަތްތަކުގެ އެންމެ ބޮޑު ދުޝްމަނު އެމެރިކާ އާއި އިޒްރޭލު ފަދަ ގައުމުތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ބައިބައިވެފައިވާ ހަނގުރާމަވެރި ޖަމާއަތްތަށް ވެސް އެއްބައި ވެއެވެ. އަލްގައިދާ އާއި އައިއެސް މުޅިން ވަކި އުސޫލުތަކެއްގެ މަތީގައި އޮޕަރޭޓު ކުރިޔަސް އެމެރިކާ އާއި އިޒްރޭލުގެ ވާހަކައިގައި ތިބީ އެއް ޕޭޖެއްގައެވެ. އެހެން ކަމުން އިޒްރޭލުން ސީރިޔާގައި ސަރުކާރު ދިފާއުކުރަން ނުކުމެއްޖެ ނަމަ ގުރޫޕުތައް ގުޅިގެން އިތުރަށް ހަމަލާ ވަރުގަދަ ކުރުން އެކަށީގެންވެއެވެ.

އޮބާމާ ގެ ދައުރު ވެސް ނިމޭ އަތަށް އަޅާފައި ވަނިކޮށް އިތުރު ހަނގުރާމައެއްގެ ކޮޅިގަނޑުގައި ޖެހެން ބޭނުން ވެދާނެ ކަމަކަށް ނުބެލެވެއެވެ. އެމެރިކާއިން ބޮޑަށް މަސައްކަތް ކުރަނީ ސީރިޔާ ރެފިއުޖީންނަށް ހަދާނެ ގޮތެއްގެ ވާހަކަޔާ ބަހާނެ ޑޮލަރުގެ އަދަދުގެ އަޑު ބާރު ކުރުވާށެވެ. ރަޝިޔާ އިޒްރޭލް ބުނަނީ އެމެރިކާއަށް ބަރާބަރަށް އަޕްޑޭޓް ދެމުން ދާ ކަމަށެވެ. އެމެރިކާ ހަދާނެ ގޮތެއް އެނގޭނީ އެމެރިކާއަށެވެ. ސީރިޔާ ގެ ހާލު ވަރަށް ދެރައެވެ.