އައިޝަތު ނަހުލާ

ސަރުކާރު ބަންދަސް މަސައްކަތް ވަރަށް ބުރަ: ނަހުލާ

މިދިޔަ ދުވަސްތަކުގައި ސަރުކާރު ބަންދު ނަމަވެސް ގިނަ ވަގުތު ހޭދަކުރެއްވީ އޮފީހުގެ މަސައްކަތްތަކުގައި ކަމަށް ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިރޭ އޮތް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީގައި ވާހަކަދައްކަވަމުންނެވެ. އެކޮމެޓީގައި މިނިސްޓަރު ބައިވެރިވެވަޑައިގެންފައިމިވަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުވާން އެކި ފަހަރު މަތިން އެންގުމުން ވެސް ހާޒިރު ވެފައި ނުވާތީ އެ ކޮމިޓީގެ މެންބަރުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

އަދި ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މާލެ ސިޓީ ލޮކްޑައުން ކޮށްފައިވަނިކޮށް އާއިލާއާއެކު ފިރިކަލުންގެ ރިސޯޓަކަށް ވަޑައިގެން އެ ރިސޯޓްގައި އުޅުއްވާތީ އާންމުންގެ ފާޑުކިޔުންވެސް އެކަމަނާއަށް ވަރަށް ބޮޑަށް އަމާޒުވެފައިވަނިކޮށެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ ކޮމެޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޓްރާސްޕޯޓް މިނިސްޓްރީއަކީ މެންޑޭޓް ބޮޑު މަސައްކަތް ބުރަ މިނިސްޓްރީއެއް ކަމަށެވެ. އަދި އެ މިނިސްޓްރީގައި ޒިންމާއެއް މަސައްކަތެއް ނެތް ސިޔާސީ އެއްވެސް ބޭފުޅަކު ނުހުންނަވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ސަރުކާރު ބަންދުކޮށް އޮފީސްތަކަށް ދާން ނުޖެހުނު ނަމަވެސް ގޭގައި ތިބެގެން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއްވާ ކަމަށެވެ. އެގޮތުން ސިވިލްއޭވިއޭޝަންގެ މަސައްކަތް އެކަމަނާ ފާހަގަ ކުރެއްވިއެވެ. ވިދާޅުވީ ދުވާލުގެ ގިނަ ވަގުތު އޮފީހުގެ މަސައްކަތްތަކުގައި ހޭދަކުރުމަށްފަހު ރޭގަނޑުގެ ގިނަ ވަގުތު ހޭދަވަނީ ސިވިލްއޭވިއޭޝަންގެ ދާއިރާގެ މަސައްކަތްތަކުގައި ކަމަށެވެ.

ގިނަ ރޭރޭ ފަތިސްވަންދެން މަސައްކަތް ކުރަންޖެހޭ ކަމަށާ އަދި ހެނދުނު ހަތެއް ޖެހުމާއެކު އަލުން މަސައްކަތަށް އެނބުރި އަންނަ ކަމަށެވެ. އެހެން ކަމުން ގޭގައި ތިބި ނަމަވެސް އެ މިނިސްޓްރީގެ މަސައްކަތް ލުއި ނޫން ކަމަށް ވިދާޅުވިއެވެ.

"ސިވިލްއޭވިއޭޝަންއަކީ 24 ގަޑިއިރުހެން އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭ ތަނެއް. އެގޮތުން އޮފީހަށް ނާދެވުނު ނަމަވެސް ގޭގައި ތިބެގެން 24 ގަޑިއިރުހެން އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. ގިނަ ރޭރޭ އަޅުގަނޑުމެންނަށް ހުންނާނީ ތިނެއްޖަހާއިރު ފަތިހު ހަތަރެއް ނޫނީ ފަހެއް ޖަހާއިރުވެސް މަސައްކަތް ކުރެވިފައި. އަނެއްކާ ހެނދުނު ހަތެއް ޖަހާއިރު މަސައްކަތް ފެށޭނެ." ނަހުލާ ވިދާޅުވިއެވެ.

މިރޭގެ ކޮމެޓީގައި މެންބަރުން ވަނީ ނަހުލާއާއި ގިނަ ސުވާލުތަކެއް ކޮށްފައެވެ. އަދި ކައުންސިލްތަކުގެ މެންބަރުންނާ އެކަމަނާ ބައްދަލް ނުކުރައްވާތީ އެކަމާ ކަންބޮޑުވުންވެސް ފާޅުކުރެއްވިއެވެ. އެކަމާއި ގުޅިގެން ނަހުލާ ވިދާޅުވީ ވަގުތުވާ މިންވަރަކުން އަބަދުވެސް ކައުންސިލަރުންނާއި ބައްދަލްކުރާ ކަމަށެވެ. ނަމަވެސް ކޮންމެ ބައްދަލްވުމެއްގެ ފޮޓޯނަގާ އާންމު ނުކުރާތީ އެކަން ބައެއް ބޭފުޅުންނަށް އެނގިވަޑައިނުގަންނަވަނީ ކަމަށް ވެދާނެ ކަމަށެވެ. ނަހުލާ ވަނީ ކުރިއަށް އޮތްތާ ބާއްވަވާ ބައްދަލްވުންތަކުގައި ފޮޓޯ ނަންގަވާ ފެންނާނެ ގޮތަކަށް އާންމު ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.