ދުނިޔެ

ފްލޮއިޑްގެ މަރު: ކުރީގެ އިތުރު ތިން ފުލުހަކަށް ދައުވާ ކޮށްފި

Jun 4, 2020
1

އެމެރިކާގެ މިނިއާޕޮލިސް ސިޓީގައި ފުލުހުންގެ ބެލުމުގެ ދަށަށް ކަޅު ނަސްލުގެ މީހަކު ގެންދަން އުޅުމުގެ ތެރޭގައި އޭނާ މަރުވި މައްސަލާގައި، މިހާރު ވަޒިފާއިން ވަކިކޮށްފައިވާ އިތުރު ތިން ފުލުހަކަށް ދައުވާކޮށްފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އުމުރުން 46 އަހަރުގެ ޖޯޖް ފްލޮއިޑް މަރުވެފައި ވަނީ ދޮން ނަސްލުގެ ފުލުހަކު އޭނާގެ ކަރަށް ކަކުލުން އަރައިގެން ހުރުމުގެ ސަބަބުން ނޭވާ ހާސް ވެގެނެވެ. އޭރު އޭނާ ދިޔައީ ނޭވާ ނުލެވޭ ކަމަށާއި މަރާ ނުލަން އެދި ގޮވަމުންނެވެ.

ފްލޮއިޑްގެ ކަރަށް ކަކުލުން އަރައިގެން ހުރި ޑެރެކް ޗައުވިން ނަމަކަށް ކިޔާ އެ ފުލުސް މީހާވެސް ވަޒީފާއިން ވަކިކޮށްފައިވާއިރު، އޭނާގެ މައްޗަށް އުފުލާފައިވާ މަރުގެ ދައުވާވެސް މިހާރު ވަނީ އެއް ދަރަޖަ މަތިކޮށްފަ އެވެ.

ފްލޮއިޑް ހައްޔަރުކުރިއިރު، އެތަނުގައި ތިބި އަނެއް ތިން ފުލުހުންގެ މައްޗަށް ވަނީ މީހަކު މަރާލުމަށް އެހީވިކަމުގެ ދައުވާ އުފުލައިފަ އެވެ.

އެ މައްސަލާގައި އެމެރިކާގެ ގިނަ ސިޓީތަކުގައި އާއްމުން ނުކުމެ ކުރަމުންދާ މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތައް ވަނީ ހިނގައިފި އެވެ. ހަމަނުޖެހުންތަކުގެ ތެރެއިން އިމާރާތްތަކުގައި ހުޅުޖަހައި، އާއްމުންގެ މުދާ ލޫޓުވައި، ބޮޑެތި ގެއްލުންތައް ވަނީ ދީފަ އެވެ.

ނަމަވެސް، ފާއިތުވި ދުވަސްތަކުގައި، މުޒާހަރާތަކުގެ ތެރެއިން ކާފިއުއާ ހިލާފަށް މަގުތަކަށް ނުކުތުމާއި ހަމަނުޖެހުން ހިންގުން ވަނީ މަދުވެފަ އެވެ.