ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ދުނިޔޭގެ ސުރުހީތައް: ރާއްޖެ ހުޅުވާލަނީ އަގު ބޮޑު ފިޔަވަޅަކާއެކު!

ރާއްޖެއަކީ ދުނިޔޭގެ އެންމެ އަގު ބޮޑު އަދި އެންމެ މަޝްހޫރު އެއް "ބްރޭންޑް" އެވެ. އެހެންވެ ރާއްޖޭގައި ކިރިޔާ ކަމެއް ހިނގާއިރަށް އެ ކަމެއް ދުނިޔޭގެ ސަމާލު ކަމަށް އާދެ އެވެ. ހާއްސަކޮށް ޓޫރިޒަމް ސިނާއަތަށް ކުރިމަތިވާ ކޮންމެ ކަމެއް "ހޫނު ގުޅަ" ވިކޭ ގޮތަށް ދުނިޔޭގެ މީޑިޔާގައި ހިނގައިގަނެ އެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް 1، ޖުލައި ގައި ހުޅުވާލާ ކަމަށް ބުނުމާއެކު އެ ވާހަކަ މިހާރު ވަނީ ދުނިޔޭގެ ފަލަ ސުރުހީ ތަކުން ޖާގަ ހޯދާފަ އެވެ.

ރާއްޖެ ހުޅުވާލާ ވާހަކަ ދުނިޔޭގެ ސަމާލުތަކަށް އައި ނަމަވެސް ޓޫރިޒަމް ރާއްޖޭން ފުރަތަމަ އެކުލަވައިލަން މަސައްކަތްކުރި "ރައްކާތެރި ޓޫރިޒަމް" ގައިޑްލައިންގެ ގެ ދެލިކޮޕީގެ ސަބަބުން ދުނިޔޭގެ މީޑިއާ ތަކުން ވަނީ ރާއްޖޭން ބޮޑެތި ފީތަކެއް ނަގަން ރާވަމުންދާ ކަމަށް ބުނެފަ އެވެ. އެހެންވެ ގިނަ މީޑިޔާ ރިޕޯޓްތަކުގެ ސުރުހީތަކުގައި ބުނެފައިވާ ގޮތުން ރާއްޖެ ކުރިއަށް ވުރެން ވެސް އަގު ބޮޑު ވާނެ އެވެ.

ސީއެންއެންގައި ރާއްޖެ ހުޅުވާލުމާ ބެހޭ ގޮތުން ފުރަތަމަ ބުނެފައި ވަނީ ރާއްޖެ ހުޅުވާލަނީ ބޮޑެތި ފީތަކެއް ނަގާ ގޮތަށް ކަމަށެވެ. ރާއްޖެ އަންނަ ޕްރައިވެޓް ޖެޓުތަކުން ނަގާ 50،000 ޑޮލަރުގެ ފީއާއި ޓެކްސް ކުރަން ބޮލަކަށް ނަގާ 100 ޑޮލަރުގެ ފީގެ ވާހަކަ ވެސް ބުނެފައި ވެއެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ފަހުން ވަނީ އެއްވެސް ފީއެއް ނުނަގާނެ ކަމަށް ބުނެފަ އެވެ. އެހެންވެ ސީއެންއެން އިން ފަހުން ވަނީ ކުރިން ޖެހި އާޓިކަލްގެ ގައި ހުރި ފީތަކުގެ ވާހަކަ އުނިކޮށްފަ އެވެ.

އިނގިރޭސި ވިލާތުގެ ޓެލެގްރާފުގައި ރާއްޖެ ހުޅުވާލަނީ ކޮރޯނާ ވައިރަސް އިން ރައްކާތެރިވާން "އަގު ބޮޑު ފިޔަވަޅު" ތަކާއެކުގައި ކަމަށް ބުނެފައިވެ އެވެ. އަދި ޓޫރިޒަމް ގައިޑްލައިންގައި ހުރި ފީތަކުގެ ވާހަކަ އެ ނޫހުގައި ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން ކޮންޑެނާސްޓް - ޓްރެވަލާ މަޖައްލާ އިން ބުނެފައިވާ ގޮތުގައި ރާއްޖެ ހުޅުވާލާއިރު ކުރިއަށްވުރެ އަގު ބޮޑު ވެގެން ދާނެ އެވެ.

މީގެ އިތުރުން ޓީޓީޖީ ނޫހުގައި ވެސް ރާއްޖެ ހުޅުވާލާ ވާހަކަ ބުނެފައިވެ އެވެ.

ޖުލައި މަހު ރާއްޖެ ހުޅުވާލާއިރު މިދިޔަ އަހަރު ރާއްޖެއަށް 1.7 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. ސަރުކާރުން އަންދާޒާ ކުރަނީ މި އަަހަރު 400،000 އެއްހާ މީހުން ގެނައުމަށެވެ.