އެއްފަހު ވަޑައިގަންނަވާނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި ބައްދަލު ކުރައްވަން ވޮޝިންޓަނަށެވެ. މިއީ ރައީސްގެ ގޮތުގައި ޖިންޕިން އެމެރިކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ހަފުތާއެއްހާ ދުވަހުގެ މި ދަތުރުގައި އެންމެ ފަހަށް އޮތީ އދ. ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދެއްކެވުމެވެ.
މި ދަތުރުގައި ދެ ގައުމުގެ ވެރިން މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވޭ މައްސަލަ ތަކުގެ ތެރޭގައި ސައިބަ ސެކިއުރިޓީ ހިމެނެއެވެ. ޗައިނާއިން އެމެރިކާއަށް ސައިބަ ދުނިޔޭގައި ސްޕައި ކުރާކަމަށް އެމެރިކާ ޝައްކު ކުރެއެވެ. އެކަމާ ގުޅިގެން ޗައިނާއިން ބުނެފައިވަނީ ސަރުކާރުން އެއްބާރުލުން ދީގެން ހެކް ކޮށްފައި ނުވާނެ ކަމަށެވެ.
މީގެ އިތުރުން ސްޕީޑް ދަށްވެފައިވާ ޗައިނާގެ އިގްތިސޯދާ ބެހޭ ގޮތުން ވެސް އޮބާމާ އާއި ޖިންޕިން މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެއެވެ.
ޗައިނާގެ ރައީސް ގެ މި ދަތުރުގައި އިގްތިސޯދާއި ޓެކްނޮލޮޖީ އާއި ގުޅުން ހުރި ބައްދަލުވުންތަކަށް އިސްކަންދީފައިވާ ކަން ފާހަގަ ކުރެވެއެވެ. ވިޔަފާރި ބައްދަލުވުން ތަކަށް ބަލާއިރު ބޮއިން، އެޕަލް އަދި މައިކްރޯސޮފްޓުގެ ވެރިންނާ ޖިންޕިން ބައްދަލު ކުރައްވާނެއެވެ.
މި ދަތުރުގައި ޗައިނާގެ ރައީސް އާއި ދެކޮޅަށް އެމެރިކާގައި ކުރާ މުޒާހަރާތައް ވެސް އަޑު ގަދައެވެ. ރައީސް ވަޑައިގަތުމާ ދިމާކޮށް ސިއޭޓަލް ގައި އެތައް ސަތޭކަ ބަޔަކު ޗައިނާގައި ހިނގާ އިންސާނިއްޔަތާ ހިލާފު އަމަލުތައް ކުއްވެރިކޮށް މުޒާހަރާ ކުރި އެވެ.