އިންފޮމޭޝަން ކޮމިޝަނާ

މައުލޫމާތު ހޯދަށް ހުށަހަޅާ މައްސަލަތަކަށް އަވަހަށް ޖަވާބު ދިނުމަށް އެދިއްޖެ

މައުލޫމާތު ހޯދަށް ހުށަހަޅާ މައްސަލަތަކަށް އަވަހަށް ޖަވާބު ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ގޮވާލައްވައިފި އެވެ.

ކޮމިޝަނަރު މިއަދު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވީ މޭ މަހުގެ 31 ވަނަ ދުވަހުން ފެށިގެން ޖޫން 11 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް ހުޅުވުމަށާއި އިދާރާތަކުން ކުރާނެ މަސައްކަތްތައް، ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔަކު ކަނޑަޅުއްވާ ގޮތަކަށް ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ، ކޮންމެހެން ކުރަންޖެހޭ މަސައްކަތުގެ ތެރޭގައި ގާނޫނު އަސާސީގެ 29 ވަނަ މާއްދާއިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށް ދީފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާ ގުޅުން ހުރި މަސައްކަތްތައް ހިމެނުމަކީ މުހިންމު ކަމެެއް ކަމަށެވެ.

މިހާރު ކުރިމަތިވެފައިވާ ސިއްހީ ކުއްލި ހާލަތެއްގައި ގޮންޖެހުންތައް ހުންނާނެ ކަމަށާ ނަމަވެސް، ހެޔޮ ހިންގުމުގެ ނިޒާމެއްގެ އަދި ނަޒާހަތްތެރި ދައުލަތެއްގެ އެންމެ މުހިންމު ސިފައަކީ ހާމަކަން ބޮޑުވުމާއި، މައުލޫމާތު ދިނުމާއި އިދާރާތަކުގައި ހުރި މައުލޫމާތަށް ރައްޔިތުނަށް ވާސިލުވެވުން ކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ.

"އެހެން ނޫން ނަމަ، ނިންމާ ނިންމުންތަކާއި ކުރާ ހަރަދާމެދު ރައްޔިތުންގެ އިތުބާރެއް ނޯންނާނެ. ހިޔާނާތާއި ފަސާދައިގެން ދޮރުތައް ބަންދެއް ނުވާނެ. ހާއްސަކޮށް މިފަދަ ކުއްލި ހާލަތެއްގައި ދައުލަތުގެ އިދާރާތަކަށާއި ވެރިންނަށް ލިބޭނެ އެންމެ ބޮޑު ރައުސުލްމާލަކަށް ވާނީ ރައްޔިތުންގެ އިތުބާރު. އެ ކަން ހާސިލުވާނީ ހާމަކަން ބޮޑުވެ، އަދި ރައްޔިތުންނަށް، ރައްޔިތުންނަށް ރައްޔިތުންގެ މައުލޫމާތަށް ވާސިލުވެވިގެން."

ކޮމިޝަނަރު ވިދާޅުވީ އެކަންކަން ހާސިލްވާނީ މައުލޫމާތު ހޯދަށް ހުށަހަޅާ މައްސަލަތަކަށް ވީހާ އަވަހަށް އިޖާބަ ދީގެން ކަމަށެވެ.

އެހެން ކަމުން ހުރިހާ މުއައްސަސާތަކަކުން ވެސް އެ މަގަށް ކަންކަން ކޮށްދެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ކޮމިޝަނަރު ވަނީ އެދިވަޑައިގެންފައެވެ.

މައުލޫމާތު ހޯދުމަށް ހުށަހަޅާފައި ހުރި ބައެއް މައްސަލަތަކާއި، މައުލޫމާތު ދޫކުރުމަށް ކޮމިޝަނަރު ނިންމަވާފައިވާ ބައެއް މައްސަލަތަކުގެ މައުލޫމާތު ބައެއް ދޫނުކުރައްވާ ހުރިކަން ފާހަގަކުރެވޭތީ، އިތުރަށް ލަސްނުކުރައްވައި އެ މައުލޫމާތު ފުރިހަމައަށް ދޫކުރެއްވުމަށް ވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.