ހަބަރު

ނަޝީދު، މުލިއާގެއަށް ވަޑައިގެން ރައީސްއާ ބަައްދަލު ކުރައްވައިފި

Jun 4, 2020
2

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ ގެކޮޅަށް ވަޑައިގެން އެމަނިކުފާނާ ބައްދަލު ކުރައްވައިފި އެވެ.

މުލިއާގޭގައި ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް ސޯލިހު ވަނީ ޓްވީޓް ކުރައްވާފަ އެވެ. ރައީސް ސޯލިހު ވިދާޅުވީ ތަރައްގީ ގެނައުމުގެ އިސްކަން ދޭނެ ދާއިރާތަކާއި ކަންކަމާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސްއާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެކަމުގައި ރައްޔިތުންގެ މަޖިލީހަކީ ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ.

"އަހަރެމެން ރާއްޖެއަށްޓަކައި އެކުގައި މަސައްކަތް ކުރާނަން،" ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު ބައްދަލު ކުރައްވައި އެކަން ހާމަ ކުރައްވާފައި މިވަނީ އެ ދެ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވާ ކަމަށް އަޑުތައް ފެތިފައިވާ ވަގުތެއްގަ އެވެ.

އެ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވީ ކޮވިޑް-19އާ ގުޅިގެން ސަރުކާރުގެ ފިޔަވަޅުތަކާމެދު ރައީސް ނަޝީދު ހިތްހަމަނުޖެހިވަޑައިގެން ކަމަށް އޭރު އަޑުތައް ފެތުރުނެވެ. އަދި އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާ ކަމުގެ އަޑުތައް ވެސް އެރި އެވެ.

އެ އަޑުތަކަށް އިތުރު ބާރު ލިބުނީ ރައްޔިތުންގެ މަޖިލީހުގައި ކައުންސިލަރުންގެ ދައުރު ދަންމާލުމާ ގުޅޭ ގޮތުން އެމްޑީޕީގެ މަޖިލިސް މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވި ހިސާބުންނެވެ. ރައީސް ސޯލިހު، ރައީސް ނަޝީދާއެކު މިއަދު ކުރެއްވި ޓްވީޓްގެ ބޭނުމަކީ މި އަޑުތައް ކަނޑުވާލުން ކަމަށް ބެލެވެ އެވެ.