ސޯޝަލްމީޑިއާ އަކީ ތަފާތު ކަންކަން ފެންނަ ޕްލެޓްފޯމެކެވެ. ހިނގާ ގިނަ ކަންކަން މީޑިއާގެ މެއިން ސްޓްރީމްގެ ސުރުހީތަކަށް އެރުމުގެ ކުރީން ތިލަވަނީ ސޯޝަލް މީޑިއާއަށެވެ. އެފަދަ ބައެއް ކަންކަމަކީ ބައެއް ފަހަރު އަސްލާ ހިލާފަށް ތިލަވާ ކަންކަމަށް ވެސް ވެފައި ހުރެއެވެ. އަނެއްކޮޅަށް ހަގީގަތައި އަސްލު ހާމަވާ މެދުވެރިއަކަށް ވެސް ވަރަށް ގިނަ ފަހަރު ސޯޝަލް މީޑިއާ ވެއެވެ.
ރާއްޖޭގައި ތަފާތު ނަންނަމުގައި އެކިއެކި މުބާރާތްތައް ކުރިއަށްގެން ދާއިރު ގުރުއާން މުބާރާތްތަކާއި މަދަހަ މުބާރާތްތަކާއި ފުޓްސަލް މުބާރާތްތަކާއި މަސް ބޭނުމުގެ މުބާރާތްތަކުގެ އިތުރުން އެކިއެކި ކާތަކެތި ތައްޔާރުކުރާ މުބާރާތްތައް ވެސް ހިމެނެ އެވެ. އެފަދަ ބައެއް މުބާރާތްތަކަކީ ބައެއް ފަހަރާ އާމުންގެ ވޯޓަށް ވެސް އަހައިގެން ވަނަ ހޮވާ މުބާރާތްތަކެވެ.
އެހެންޏާ ރޯދަމަހެއް ފެށެން ވާއިރަށް ތިބެނީ މުބާރާތްތަކަށް ޓީމުތައް ހޮވައި ފައްކާ ކޮށްގެންނެވެ. މަސްރޭހުގައި ބައިވެރިވުމަށް މަސްވެރިކަމުގެ އާލާތްތައް އަތްމަތި ކޮށްގެނެވެ. ފުޓްސަލް މުބާރާތަށް ފުރާނައިގެން ބޮޑު އަގުގައި ކުޅުންތެރިން ހޯދައިގެނެވެ. މިދިއަ ރޯދަމާއި ލޮކްޑައުނާއެކު ތަފާތެއް ފެނުނެވެ.
ކޮވިޑް-19 އިގެ ބަލާއާފާތާއެކު އެންމެން ވެސް ތިބެން ޖެހުނީ ހަތަރު ފާރުގެ އެތެރޭގައި ތަޅުލެވިގެނެވެ. އެހެންވެ މުބާރާތްތައް ކުރިއަށް ގެންދާ ވައްޓަފާޅިއަށް ވެސް ބަދަލު އައިސފައި ވެއެވެ. މިފަހަރުގެ ގިނަ މުބާރާތްތަކުން މޮޅުވާ މީހާ ހޮވުން މިއޮތީ "ވާޗުއަލް" ވެފަ އެވެ. ސޯޝަލް މީޑިއާ ފުރާލާފައި ވަނީ އެންމެ ގިނަ "ރިއެކްޓް" ނުވަތަ "ލައިކް" ހޯދަން ހިއްސާ ކުރަމުން ގެންދާ ޕޯސްޓުތަކެވެ.
އަތުން ފޯނު ދޫކޮށްލައި ގަޑިއެއްހާއިރު ފަހުން ފޯނު ބަލާލާއިރު އޭގެ އެތައް މެސެޖެއް ފޯނަށް އައިއްސަ އޮވެއެވެ. އަސްލު ޕޯސްޓަށް "ވާއު" ރިއެކްޓު ނޫނީ " ހާޓް" ރިއެކްޓު ހޯދާށެވެ. އެފަދަ މެސެޖުތައް ގިނަ ކަމުން އެ ވާގޮތެއް ބަލަން ރައްޓެއްސެއްގެ ގާތުގައި އެހުމުން އެނގުނީ އެއީ މުބާރާތްތަކުން ވަނަ ހޯދަން މިހާރު އޮންނަ އުސޫލު ކަމެވެ.
ކަމުގެ ހުނަރު އެ މީހާ ގައިގައި ހުއްޓަސް ނެތަސް އެންމެ ގިނަ "ލައިކް" ހޯދަން މަސައްކަތް ކުރުމުގެ ކުޅަދާނަކަން މުބާރާތުގެ ބައިވެރިޔާ އާއި އޭނާގެ ޓީމުގައި ހުރިއްޔާ މުބާރާތުން އެއްވަނަ ލިބުމީ ދުރުގައި އޮތް ކަމެއް ނޫނެވެ. މިހާރު މިއޮތީ ގޭގެ ސިޓިން ރޫމް ސޯފާގައި އިނދެ ފޯނަށް ޑާޓާ އަޅައިގެން މަސައްކަތް ކުރަން ކެރުނު ވަރެކެވެ.
މަސްރޭހުގައި ބައިވެރިވި ޓީމު މަސް ބާނައިގެން އަންނައިރު އިސްތިގުބާލުގައި ތިބޭ އާއިލާއާއި އެކުވެރިންގެ ޓީމާ ފުޓްސަލް މުބާރާތުގައި ކުޅެން ދަނޑަށް އެރުމުން ފަރި ގޮތަކަށް ގޯލެއްޖަހާލަން ހިތްވަރު ދިނުމަށް ދަނޑުވަށާލައި އެއްއަޑަކަށް ހިތްވަރު ދޭން ތިބޭ އެކުވެރީންގެ ޓީމަށް ގޭގައި ތިބެ މަސައްކަތް ކުރަން މިއޮތީ ކެރުނު ވަރެކެވެ.
އަމިއްލަ ދަރިފުޅަށް ވަނަ ހޯދައިދިނުމަށް ސޯޝަލް މީޑިއާގައި ވަރަށް ފޯރީގައި މި މަސައްކަތް ކުރަމުންދާ އެތައް ބެލެނިވެރިންނެއް ފެނެ އެވެ. ދަރިއެއް ނެތް މީހަކުނަމަ އާއިލީ ގުޅުމެއް އޮތް ކުއްޖަކަށް ނުވަތަ ގާތް ރަހުމަތްތެރިޔާގެ ދަރިފުޅަށް ނަމަވެސް ވަނަ ހާސިލު ކޮށްދެވޭތޯ ވެސް މަސައްކަތް ކޮށްދެ އެވެ.
މުބާރާތެއްގައި ބައިވެރި ވެވިއްޖެނަމަ އެންމެ އިންތިޒާރު ކުރާނެ ވަގުތަކަށް ވާނީ މުބާރާތުގެ ނަތީޖާ އިއުލާނު ކުރާނެ ވަގުތަކަށްތާ އެވެ. ސޯޝަލްމީޑިއާ މެދުވެރިކޮށް މިފަހަރު ކުރިއަށް މިގެންދާ މުބާރާތްކުގެ ނަތީޖާ އިއުލާނު ކުރާ ވަގުތު ވެސް މިއޮތީ ޖެހިފަ އެވެ. މުބާރާތުގައި ބައިވެރިވި ބައިވެރިންނާއި އެބައިވެރިންނަށް ސޯޝަލް މީޑިއާ މެދުވެރިކޮށް އެންމެ ގިނަ "ލައިކްސް" ހޯދައިދޭން މަސައްކަތްކޮށް ދިން ރައްޓެހިން ނޫނަސް އަހަރެންވެސް މިހުރީ އެ ނަތީޖާ އަންނަ އިރެއްގެ އިންތިޒާރުގަ އެވެ.