ފިނިޕޭޖް

އަމީތާބާއި ޖާޔާގެ ކައިވެނި ކުއްލިއަކަށް ކުރި ސަބަބު

ހިންދީ ފިލްމުތައް ބަލާ ކޮންމެ މީހަކީ ވެސް އަމީތާބު ބައްޗަންގެ ފޭން އެކޭ ބުނެވިދާނެ އެވެ. އެހެން ކަމުން އަމީތާބުގެ ހަޔާތުގެ ވަރަށް ގިނަ ވާހަކަތައް ވެސް ވަރަށް ގިނަ މީހުންނަށް އެނގޭނެ އެވެ. ފިލްމު ކުޅެން ފެށި ދުވަސްވަރު އޭނާއަށް ދިމާވި ތަފާތު މައްސަލަތަކާއި ކުރަން ޖެހުނު ބުރަ މަސައްކަތް އަދި އޭނާއަށް ކާމިޔާބު ލިބުނު ގޮތާއި އާއިލީ ވާހަކަތައް ވެސް މެއެވެ.

ނަމަވެސް އަމީތާބާއި އަންހެނުން ޖާޔާ ބައްޗަންގެ ކައިވެނި ކުއްލިއަކަށް ކުރި ސަބަބު ވަރަށް ގިނަ ބަޔަކަށް ނޭނގޭނެ އެވެ. އެ ވާހަކަތައް އަމީތާބު ވަނީ ވަރަށް ފަހުން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ.

ޖާޔާ އާއި އޭނާގެ ކައިވެންޏަށް 47 އަހަރު ފުރުނު މުނާސަބަތާ ގުޅުވައިގެން ކައިވެނީގެ ރަސްމިއްޔާތުގެ ފޮޓޯތަކަކާއެކު ޓުވިޓާގައި އަމީތާބު ޝެއާ ކުރި ޕޯސްޓެއްގައި ކައިވެނި ކުރި ދުވަހުގެ ހަނދާންތައް އާ ކޮށްފައި ވެއެވެ. އަދި ފޮޓޯތަކުގެ ކެޕްޝަނަށް އޭނާ ލިޔެފައިވާ ވާހަކައަކީ އެ ވާހަކަ ކިޔާލި ކޮންމެ މީހަކަށް ވެސް ހިތްހަމަޖެހުން ގެނެސްދޭ ފަދަ ވާހަކަ އެކެވެ.

"މީގެ 47 އަހަރު ކުރީގެ މި ދުވަސް. ޖޫން 3، 1973، ގައި އަހަރެމެން [އޭނާ އާއި ޖާޔާ] ނިންމީ "ޒަންޖީރު" ކާމިޔާބު ވެއްޖިއްޔާ ބައެއް އެކުވެރިންނާއެކު ލަންޑަނަށް ދަތުރަކު ދާން. ބައްޕަ ސުވާލު ކޮށްފި ކޮން ބައެއްހޭ އެކުގައި ދަނީ؟ އަހަރެން ދާ މީހުން ކިޔައިދިނީމަ ބުނެފި އޭނާ [ޖާޔާ] ގޮވައިގެން ދަންޏާ އޭނާއާ ކައިވެނި ކޮށްގެންނޭ ދާން ވާނީ. އެހެންނޫނީ ކަލޭ ނުދައްޗޭ. އެހެންވެ އަހަރެން ބައްޕަގެ ބަސް އެހީ،" ކެޕްޝަންގައި އަމީތާބު ވަރަށް ކުރުކޮށް ފޮނިކޮށް އޭނާ އާއި ޖާޔާ ކުއްލިއަކަށް ކައިވެނި ކުރަން މެދުވެރިވީ ސަބަބު ބުނެދީފައި ވެއެވެ.

މި ވާހަކައިން ދޭހަ ވަނީ އަމީތާބު އޭނާގެ ބައްޕައަށް ކުރާ ގަދަރުގެ ބޮޑު ކަމެވެ. އަދި ބައްޕަގެ ބަސް އެހުމުގެ ގޮތުން އޭނާ ވަގުތުން ޖާޔާ އާ ކައިވެނި ކޮށްގެން ދެ މީހުން އެކުގައި ލަންޑަނަށް ދިޔައީ އެވެ.

ކައިވެންޏަށް ފަހު އަމީތާބާއި އެކި ބަތަލާއިންނާ ލޯބީގެ ގުޅުންތައް އޮތް ކަމަށް އޭރުގެ ނޫސްތަކުގައި ވަރަށް ގިނައިން ޖަހާފައި ވެއެވެ. ނަމަވެސް ޖާޔާ ދޫކޮށްލާފައި އެއްވެސް ބަތަލާއަކާ ގުޅެން އަމީތާބު ބޭނުން ނުވިކަން އެ ޚަބަރުތަކުން ވެސް ޔަގީންވެ އެވެ.

އަމީތާބާއި ޖާޔާ އެ މީހުންގެ ކެރިއަރުގެ ކުރީކޮޅު ވަރަށް ގިނަ ފިލްމުތަކެއް އެކުގައި ކުޅެފައި ވެއެވެ. "ޒަންޖީރު"، "އަބީމާން"، "ސިލްސިލާ"، "ޝޯލޭ"، "ޗުޕްކޭ ޗުޕްކޭ" ފަދަ ފިލްމުތައް މީގެ ތެރޭގައި ހިމެނެ އެވެ. އަދި ފަހުގެ ތާރީޚުގައި މި ދެ އެކްޓަރުން އެކުގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި "ކަބީ ހުޝީ ކަބީ ޣަމް" ހިމެނެ އެވެ.