ލައިފްސްޓައިލް

މަރުވެގެން އަންދާލީ ކާކުކަން އާއިލާއަށް ޔަގީނެއް ނޫން!

އިންޑިޔާގެ އަހުމަދުއާބާދުގެ ހޮސްޕިޓަލަކަށް ގިނަ ބައެއްގެ މަލާމާތާއި ރުޅިވެރިކަން އަމާޒުވަމުން އެބަދެ އެވެ. ކޮރޯނާވައިރަސް ކޭސްތަކާ މެދު އެމީހުންގެ އިހުމާލު ބޮޑުވެގެނެވެ. މިފަދަ އެތައް ހާދިސާއެއް ހިނގާފައިވާއިރު އެންމެ ފަހުން ހިނގި މި ކަމަކީ ވެސް އޭގައި ހޮސްޕިޓަލުގެ އިހުމާލު ވަރަށް ބޮޑަށް އޮތް ކަމެއްކަން ފާހަގަ ކޮށްލެވެ އެވެ.

ގުޖްރާތުގެ އާއިލާއެއްގެ ދޭވްރާމްބާއީ ބިސީކަރް ނަމަކަށް ކިޔާ މީހަކު އެ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މިދިޔަ މޭ މަހުގެ 28 ވަނަ ދުވަހު އެވެ. އޭނާ މަރުވިކަން އާއިލާއަށް އެންގީ އޭގެ އެއް ދުވަސް ފަހުން މޭ 29 ވަނަ ދުވަހު އެވެ. އޭރު އަދި ކޮވިޑް-19 ތޯ ބަލަން ދޭވްރާމްބާއީގެ ސާމްޕަލް ޓެސްޓް ކުރަން ފޮނުވައި ނަތީޖާ ވެސް ނުލިބެ އެވެ. ނަމަވެސް ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކަށް ވާތީ ނަތީޖާ ނުލިބުނަސް އަންދާލަން ޖެހެނީ ބަލި ޖެހިފައިވާ މީހުން މަރުވީމަ އަންދާލާ ގޮތަށެވެ.

ދޭވްރާމްބާއީގެ އާއިލާއިން އޭނާ މަރުވީ ކަމަށް ނިންމާ ހިތާމަ ކުރަމުން ދަނިކޮށް އޭނާގެ މަރުވެފައިވާ މަސްގަނޑު ކަމަށް ބުނެ ހޮސްޕިޓަލުން ވަނީ އާއިލާއަށް މަރުވެފައިވާ މީހަކު ހަވާލު ކޮށްފަ އެވެ. އިންޑިޔާގެ ހެލްތު މިނިސްޓްރީ އާއި އެނޫންވެސް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ގައިޑްލައިންގައިވާ ގޮތުން ކޮވިޑް-19 ޖެހިގެން ނުވަތަ ބައްޔަށް ޝައްކު ކުރެވޭ މަރުވާމީހަކު ލާފައި އޮންނަ އެއްވެސް ބޮޑީބޭގެއް ހުޅުވުމުގެ ހުއްދައެއް އާއިލާގެ އެއްވެސް މީހަކަށް ނޯވެ އެވެ.

އެމީހަކު އަންދާލަން ޖެހެނީ އެ އޮތްގޮތަށް އޮއްވަ އެވެ. އާއިލާގެ އެއްވެސް މީހަކު މޫނު ވެސް ބަލާފައި ނެތުމުން އެއީ ދޭވްރާމްބާއީ ނޫންކަން އެމީހުންނަށް ނޭނގި ޖަނާޒާގެ ކަންތައްތައް ކުރީ އެވެ.

ދޭވްރާމްބާއީ އަންދާލައި އޭނާ މަރުވުމުގެ ހިތާމައިގައި އާއިލާގެ މީހުން ތިއްބާ އަނެއްކާ ވެސް ހޮސްޕިޓަލުން އެމީހުންނަށް ގުޅައި ދޭވްރާމްބާއީގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބުންޏެވެ.

ބިސީކަރްގެ ތިމާގެ މީހެއް ކަމަށްވާ ނިލޭޝްބާއީ ބުނި ގޮތުގައި އާއިލާގެ މީހުން މިހާރު ތިބީ ވާނުވާ ނޭނގިފަ އެވެ. އާއިލާގެ މީހުން އިންތިހާއަށް ލޯބިވާ ދޭވްރާމްބާއީ ދުނިޔޭގައި ހުރިކަން ނެތްކަން މިހާރު އެމީހުންނަށް ވަނީ އޮޅިފަ އެވެ.

ސަބަބަކީ ބިސީކަރްގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބުނެ މޭ 30 ވަނަ ދުވަހު ހޮސްޕިޓަލުން ގުޅުމުން އާއިލާގެ މީހުން ވާނުވާ އޮޅުން ފިލުވަން ހޮސްޕިޓަލަށް އަނބުރާ ގުޅި ކަމަށާއި އެ ފަހަރު ގުޅުމުން ހާލު ރަނގަޅުކަމަށް ބުނެ ގުޅުނީ ހޮސްޕިޓަލުގެ ސްޓާފަކަށް އޮޅިގެން ކަމަށް ބުނި ކަމަށެވެ. އަދި ހަމަ ހަގީގަތުގައި ވެސް ދޭވްރާމްބާއީ މޭ 29 ވަނަ ދުވަހު ވަނީ މަރުވެފައި ކަމަށް އެ ފަހަރު ހޮސްޕިޓަލުން ބުނި ކަމަށެވެ.

ނަމަވެސް ދެ ވަނަ ފަހަރަށް އަނެއްކާވެސް އާއިލާއިން ގުޅުމުން ދޭވްރާމްބާއީގެ ކޮވިޑް-19 ސާމްޕަލްގެ ނަތީޖާ ލިބިއްޖެ ކަމަށާއި ނަތީޖާ ނެގެޓިވް ކަމަށް ހޮސްޕިޓަލުން ބުނި ކަމަށާއި އަދި އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ބުނި ކަމަށެވެ.

އަހުމަދުއާބާދު ސިވިލް ހޮސްޕިޓަލުގެ ޑރ. ޝަޝާންކް ޕާންޑްޔާ ވިދާޅުވީ ބިސީކަރް ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ ހަކުރު ހުރީ 500 އަށް ވުރެ މަތީގަ އެވެ. އޭނާ ގެންދިޔައިރު ވެސް ނޭވާ ލުމުގައި ދަތިތައް ހުރި ކަމަށާއި މަރުވީ ނޭވާ ނުލެވިގެން ކަމަށެވެ. ނަމަވެސް އޭނާ ކޮވިޑް-19 އަށް ޝައްކު ކުރެވޭތޯ ޓެސްޓް ކުރަން ފޮނުވީ ކަމަށާއި މަރުވިއިރު ނަތީޖާ ނުލިބޭތީ ކޮވިޑް ޖެހިގެން މަރުވާ މީހުންނާ ދޭތެރޭ އަމަލުކުރާ އުސޫލުން އަމަލު ކުރަން އާއިލާއަށް އެންގީ ކަމަށެވެ.