ޕޮލިޓިކްސް

އިމްރާންގެ ވާހަކަތަކާ ނަޝީދު ވެސް ދެކޮޅު

ރައްޔިތުންގެ މަޖިލީހުގެ އިންތިޒާމްތަކާއި އެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުގެ ވިސްނުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ކިބައިގެން ހުންނަވައިގެން ނުވާނެ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެ ދެއްކެވި ވާހަކަފުޅުތަކަށް ތާއީދު ކުރައްވާ އެ ޓްވީޓް ރައީސް ނަޝިދު ރިޓްވީޓް ކުރައްވައިފި އެވެ.

އިމްރާން ރޭ ވިދާޅުވީ މަޖިލީހުގައި ހިނގާދިޔަ ހަމަނުޖެހުންތަކުގެ މައްސަލަ ފުލުހުން ބަލާނެ ކަމަށެވެ. އަދި އިންސާފުވެރި ކަމާއެކު މައްސަލަ ބަލައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅާނެ ކަމަށެވެ.

އެކަމާ ގުޅިގެން އިމްރާނާއި އޭނާ ނިސްބަތްވާ އަދާލަތަށް ފާޑުކިޔާ ހަސަން ލަތީފް ވަނީ ޓްވީޓެއް ކުރައްވާފަ އެވެ.

ހަސަން ވިދާޅުވީ އިމްރާން ލީޑް ކުރައްވައި އާދަލަތު ޕާޓީއަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށާއި މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް އެ ޕާޓީއަށް ނުލިބޭ ކަމަށެވެ. އެހެންވިޔަސް މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް ވެންނެވުމުގެ ވިސްނުން ގެންގުޅުއްވައިގެން ނުވާނެ ކަމަށެވެ.

"މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން [އަދާލަތު ޕާޓީގެ ރައީސް] ޝައިހް އިމްރާން އަބްދުﷲ ގެ ހުރެގެން ނުވާނެ،" ހަސަން ލަތީފު ވިދާޅުވި އެވެ.

އޭނާގެ ޓްވީޓް ރައީސް ނަޝީދު ރިޓްވީޓް ކުރައްވާފައިވާއިރު މެންބަރު ޝިޔާމަށް އެމްޑީޕީގެ މެންބަރުން ހަމަލާދިނީ ރައީސް ނަޝީދު އަންގަވައިގެން ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ. އަދި އެކަމަށް ބާރު ލިބޭ ވީޑިއޯތައް އިދިކޮޅު މެންބަރުން ވަނީ އާންމު ކޮށްފައެވެ.

ރައީސް ނަޝީދާ އިމްރާނަކީ މީގެ ކުރިން ވަރަށް ބޮޑަށް ވިސްނުން ތަފާތު ދެ ބޭފުޅުންނެވެ. ސިޔާސީ ގޮތުން ދެ ބޭފުޅުން އެކަކު އަނެކަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވެއެވެ. އަދި އިމްރާން ވަޒީރު ކަމަށް ވަޑައިގެންނެވި ފަހުން ވެސް އޭނާއަށް އަމާޒުކޮށް ރައީސް ނަޝީދާއި އެމްޑީޕީން ފާޑު ކިޔައެވެ.