މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހަށް ނުފޫޒު ނުފޯރުވަން އިމްރާން ގޮވާލައްވައިފި

ފުލުހުންގެ މަސައްކަތަށް އެއްވެސް ފަރާތަކުން ނުފޫޒު ނުފޯރުވަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފި އެވެ.

އިމްރާން މި ކަމަށް ގޮވާލެއްވީ "ސަންގު" ޓީވީގެ ޕްރޮގްރާމްގައި މިރޭ ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

މަޖިލީހުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގައި ދިޔަ ހަމަނުޖެހުންތަކުގެ މައްސަލަ ފުލުހުން ބަލާނެ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވުމުން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ އިމްރާނަށް އިންޒާރުގެ ރައްދެއް ދެއްވާފަ އެވެ.

އިމްރާން ލީޑް ކުރައްވައި އާދަލަތު ޕާޓީއަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށާއި މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް އެ ޕާޓީއަށް ނުލިބޭ ކަމަށާ އެހެން ކަމުން މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް ވެންނެވުމުގެ ވިސްނުން ގެންގުޅުއްވައިގެން ނުވާނެ ކަމަށް ހަސަން ވަނީ ވިދާޅުވެފަ އެވެ. އަދި ހަސަންގެ އެ ވިސްނުމަށް ތާއީދުކުރައްވާކަން ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ. އަދި ފަހުން އަދާލަތު ޕާޓީއަށް އިޝާރާތް ކުރައްވާ ވަނީ ޓްވީޓެއްވެސް ކުރައްވާފައެވެ.

އެކަންކަމާއި ގުޅޭ ގޮތުން ސުވާލެއް ކުރުމުން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެން އިންނަވާ އިމްރާން ވިދާޅުވީ މަޖިލީހުގެ އިމްތިޔާޒުތަކުގެ ތެރެއަށް ސަރުކާރުން ވަދެގެން ނުވާނެ ކަމަށާ އެކަން ނުވެސް ކުރާނެ ކަމަށެވެ. ހަމަ އެގޮތަށް ފުލުހުންގެ މަސައްކަތަށް ވެސް އިދިކޮޅުން ވެސް އަދި އެއްކޮޅުން ވެސް ފޯރުވާން ނުޖެހޭ ނުފޫޒެއް ނުފޯރުވަން ވެސް އެދިވަޑައިގެންނެވި އެވެ.

"ސަރުކާރާ އެއްކޮޅު ވިޔަސް އަދި ދެކޮޅު ވިޔަސް އެއްވެސް ފަރާތަކުން ފޯރުވައިގެން ނުވާނެ ނުފޫޒެއް ނުފޯރުވުން އަޅުގަނޑުމެން މި ގާއިމް ކުރަން މި ބޭނުންވާ ނިޒާމަކީ،" އިމްރާން ވިދާޅުވި އެވެ.

އެ މައްސަލައާއި ގުޅިގެން ކުރެއްވި ގިނަ ސުވާލުތަކަށް އިމްރާން އެކަށީގެންވާ ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.

އަދި ވިދާޅުވީ ރައީސްގެ ކެބިނެޓްގެ ތެރެއިން ކަންކަން ތަންފީޒުވާއިރު ޕާޓީތަކުން ދެކޭ ގޮތްތައް ވެސް ހާމަ ކުރަމުން ގެންދާނެ ކަމަށެވެ. އަދި ކޮންމެ ސިޔާސީ ޕާޓީއެއްގެ ވެސް އަމިއްލަ ވިސްނުންތަކެއް ހުންނާނެ ކަމަށާ އެކަމަށް އިހުތިރާމް ކުރައްވާ ކަމަށެވެ. ދެން ވިދާޅުވީ ސަރުކާރު ކޯލިޝަންގައި ވެސް އަދި ސަރުކާރުގެ ތެރޭގައި ވެސް މައްސަލައެއް ނެތް ކަމަށެވެ.

"ކޯލިޝަންތެރޭގައި އަޅުގަނޑު ހިތުން މައްސަލައެއް ނެތް، ސަރުކާރުގެ ތެރޭގައި ވެސް މައްސަލައެއް ނެތް،" އޭނާ ވިދާޅުވި އެވެ.