މެޑްރިޑް (ޖެނުއަރީ 8) – ސްޕެނިޝް ކަޕްގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑް އަތުން 2-0 އިން އެތުލެޓިކޯ މެޑްރިޑް އަމިއްލަ ދަނޑުގައި ރޭ މޮޅުވެއްޖެ އެވެ.
އެތުލެޓިކޯ އަށް އެނބުރި އައިސް، ސްޕެއިންގެ ފޯވަޑް ފެނާންޑޯ ޓޮރޭސް އެ ޓީމަށް ކުޅުނު ފުރަތަމަ މެޗުން އެތުލެޓިކޯ މޮޅުވީ މެޗުގެ ދެވަނަ ހާފުގައި ރައުލް ގާސިއާ އާއި ޖޯސޭ މާރިއާ ޖިމިނޭޒް ޖެހި ދެ ލަނޑުންވެ. ގާސިއާ ލަނޑު ޖެހީ އޭނާ އަށް ރެއާލްގެ ޑިފެންޑަރު ސާޖިއޯ ރާމޮސް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ.
އޭސީ މިލާން އިން ލޯނު އެއްބަސްވުމެއްގެ ދަށުން އެތުލެޓިކޯ އަށް ބަދަލުވި ޓޮރޭސްގެ ފަރާތުން ރޭގެ މެޗުގައި ތަފާތު ކުޅުމެއް ނުފެނުނެވެ. މެޗުގެ 59 ވަނަ މިނިޓުގައި އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވަނީ ޓޮރޭސް ބާލައިފަ އެވެ.
ޔޫތު ކުޅުންތެރިއެއްގެ ގޮތުގައި އެތުލެޓިކޯ އަށް ކުޅެން ފަށައި، ސީނިއާ ކެރިއަރު ވެސް އެ ކްލަބުގައި ފެށި ޓޮރޭސް ،30، ވަނީ 2001 އިން 2007 ވަނަ އަހަރާ ހަމައަށް އެތުލެޓިކޯ އަށް ކުޅެފަ އެވެ. އެތުލެޓިކޯ ދޫކޮށް ޓޮރޭސް ލިވަޕޫލަށް ބަދަލުވީ 2007 ވަނަ އަހަރެވެ. އޭގެ ފަހުން ޓޮރޭސް ވަނީ ޗެލްސީ އަށް ވެސް ކުޅެފަ އެވެ.
މިއީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. މި މެޗަށް ރެއާލްގެ ކޯޗު ކާލޯ އެންޗަލޮޓީ ނެރުނު ފުރަތަމަ 11ގައި އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމެނެ އެވެ. އެކަމަކު މެޗުގެ ދެވަނަ ހާފުގައި ރޮނާލްޑޯ ކުޅެން ނުކުތެވެ.
މި މެޗަށް އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ނެރުނު ފުރަތަމަ 11ގައި ވެސް ގިނަ ބަދަލުތަކެއް ވަނީ ފާހަގަވެފަ އެވެ. އެތުލެޓިކޯގެ މުހިންމު ކުޅުންތެރިން ކަމަށްވާ ކޯކޭ އާއި މާރިއޯ މަންޒޫކިޗް އަދި އަރްދާ ތޫރާން އަދި ހުއާން ފްރާން މި މެޗަށް ސިމިއޯނީ ނެރުނު ފުރަތަމަ 11ގައި ނުހިމެނެ އެވެ.
އެތުލެޓިކޯ އާއި ރެއާލް ދެވަނަ ލެގުގައި ކުރިމަތިލާނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. މި މެޗުން މޮޅުވާ ޓީމެއް ކުއާޓާ ފައިނަލްގައި ބައްދަލުކުރާނީ ބާސެލޯނާ ނުވަތަ އެލްޗޭއާ އެވެ. -- ބީބީސީ