ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ހުކުރު ޖަމާއަތް ނެތި 12 ހަފުތާ!

ކޮވިޑްގެ ބަލި މީހަކު ރާއްޖެއިން ފެނުތާ 90 ދުވަސްވެފައި ވެއެވެ؛ އެ ދުވަހުން ފެށިގެން ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާފައި ވެއެވެ. އޭގެތެރޭގައި މާލެ އާއި ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލީ މާޗް މަހުގެ 18 ވަނަ ދުވަހުގެ އަސުރު ނަމާދަށް ފަހު އެވެ. އޭގެ ދެ ހަފުތާއެއްހާ ފަހުން މާލެ ސިޓީ ލޮކްޑައުން ކުރިއެވެ. އެ ލޮކްޑައުނާއެކު މިސްކިތްތައް ބަންދުކޮށް، ޖަމާއަތްތައް މުޅިން ހުއްޓުނެވެ. މުޅި ރާއްޖެއަށް މި ފިޔަވަޅު އައީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ. އެއީ މާލެ ސިޓީގެ މާލެއިން ފުރަތަމަ ފަހަރަށް ކޮވިޑްގެ ބަލި މީހަކު ފެނިގެނެވެ.

މިސްކިތްތައް ބަންދުކޮށް، ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން މަޖުބޫރު ވުމަކީ ދިވެހިންނަށް ކޮވިޑްގެ ބަލިމަޑުކަމުގައި ލިބުނު އެންމެ ބޮޑު ހިތާމަ އެވެ. ހާއްސަކޮށް ރޯދަ މަހުގެ ދުވަސްތަކާއި ރޭތައް މިސްކިތްތަކާއި މުޅިން ދުރުގައި ހޭދަ ކުރަން ޖެހުމަކީ ހަޔާތުގައި ވެސް ކުރަންޖެހުނު އެންމެ ބޮޑު ހިތާމަ އެވެ. ތަރާވީހާއި ދަމު ނަމާދު އަދި އޭގެ ފަހުން އީދުގެ ޖަމާއަތް ވެސް ނުލިބުނީ އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް ރޯދަ މަހުގެ ފަހު ދެތިން ދުވަހާއި ހަމައަށް ކަން އޮތީ އެގޮތަށެވެ. މާލެ ސިޓީ ހިމެނޭ ގޮތުން 12 ވަރަކަށް ރަށުގައި ނޫނީ މިސްކިތްތައް ހުޅުވަން ހުއްދަ ދިނީ ރޯދަ މަހުގެ އެންމެ ފަހު ހުކުރު ދުވަހު އެވެ. އޭރު ރޯދަ މަސް ނިމެން އޮތީ ދެތިން ދުވަހެވެ. ނަމަވެސް އަދިވެސް މާލޭ ސިޓީގެ ހާލަތު ބަދަލު ނުވާ ކަމަށް ބުނެ މިސްކިތްތައް ވަނީ ބަންދު ކޮށްފަ އެވެ. ނަމާދުގެ ޖަމާއަތް ވަނީ މެދުކަނޑާލާފަ އެވެ.

ލޮކްޑައުންގެ ހާލަތަށް މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ސަރުކާރުން ވަނީ ލުއިތަކެއް ދީފަ އެވެ. މަގުމައްޗަށް ނުކުމެ އުޅެވޭ ވަގުތު އިތުުރުކޮށް، ކޮންމެ ގެއަކުން ނުކުމެވޭ މީހުންގެ އަދަދުވެސް ވަނީ އިތުރު ކޮށްފަ އެވެ. ގިނަ ފިހާރަތަކެއް ހުޅުވަން ހުއްދަ ދީ މާރުކޭޓްތައް ހުޅުވަން ފުރުސަތު ދީފައި ވެއެވެ. ޓެކްސީ ތަކަށް މަގުތަކަށް ނުކުމެވޭ ގޮތް ހެދި އެވެ. ރެސްޓޯރަންޓް ކެފޭތަކަށް ޑެލިވަރީގެ ހުއްދަ ދީ ގިނަ ވިޔަފާރިތަކަށް އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ އިންތިޒާމްތައް ފަހި ކޮށްދިނެވެ. ހަފުތާއަކު ތިން ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވާ، ބޭންކްތަކުން ހިދުމަތް ދޭ ވަގުތު އިތުުރު ކޮށް އެކަން ކަން އެ ގޮތަށް ހިނގަމުން އެބަދެ އެވެ.

މި ހުރިހާ ކަމަކާއެކު ލުއި ނުލިބެނީ ދެތިން ކަަމަކަށެވެ. އެއީ ސުކޫލްތައް ހުޅުވުމާއި، ރަށްރަށަށް އަރާ ފޭބުމުގެ އިތުރުން މިސްކިތްތައް ހުޅުވާ ޖަމާއަތުގައި ނަމާދު ކުރާށެވެ. އެ ހުއްދަތައް މިވަގުތަށް ދެވެން ނެތީ ރައްކާތެރިކަމަށްޓަކައި ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެ އެވެ.

ނަމަވެސް ލޮކްޑައުންއަށް މިހާރު މިވަނީ ވަރަށް ބޮޑު ލުޔެއް ދީފަ އެވެ. ހިސާބު ނަންބަރުތަކުން އެ ލުއި ތަފްސީލް ކުރާ ނަމަ އެއީ އެތައްހާސް ބަޔަކަށް މަގުތަކަށް ނުކުތުމުގެ ހުއްދަ ދިނުން ކަމުގައި ބުނެވިދާނެ އެވެ. މިހާރު މާލޭގެ މަގުތަކަށް ނުކުމެ ބަލާލާއިރު ވެސް ފެންނަނީ އެ މަންޒަރެވެ.

ނަމްބަރުތަކެއް ޖަހަމާ ހެއްޔެވެ؟ ފުލުހުން މިހާތަނަށް ޑެލިވަރީގެ ހިދުމަތް އެކަނި ވެސް 9739 ވުރެ ގިނަ ހުއްދަ ދީފި އެވެ. އެ ވިޔަފާރިތަކަށް ވެސް 12،000 ފާސް ދޫކޮށްފައި ވެއެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 1380 ވިޔަފާރިއަކަށް ޕޮލިސް ޕޯޓަލް މެދުވެރިކޮށް ހުއްދަ ދޫކޮށްފައި ވެއެވެ. އަދި އެ ވިޔަފާރިތަކަށް ސަޕޯޓް ސްޓާފުންނަށް 3530 ފާސް ދޫކޮށްފައިވެ އެވެ. އުމުރުން ދުވަސްވީ މީހުންނަށް ބޭރަށް ނުކުމެ އުޅެން 1،000 ވުރެ ގިނަ މީހުންނަށް ފާސް ދޫކޮށްފައި ވެއެވެ.

އެހެން ކަމުން މިއީ އެކި ވަގުތުތަކުގައި ބޭރުގައި އުޅޭނެ ބައިވަރު މީހުނެވެ. މާލޭގެ ކޮންމެ މަގަކުން ވެސް މިހާރު ފެންނަނީ ހަލަބޮލި ކަމެވެ. ފިހާރަތައް ފުރިފައި ވަނީ ހިދުމަތް ހޯދަން ގޮސް ތިބޭ މީހުންނައިގެނެވެ.

މި ހާލަތުގައި ހަމައެކަނި މިސްކިތްގެ ނަމާދު ޖަމާއަތް ހުއްޓިފައި އޮތުމުން ބައެއް މީހުންނަށް ގަބޫލު ކުރަން ދަތިވެ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން މާލޭ ސިޓީގެ މިސްކިތްތައް ހުޅުވަން ގިނަ ބަޔަކު ދަނީ ގޮވާ ވެސް ލަމުންނެވެ. ދީނީ މަދު އިލްމުވެރިންތަކެއް އެ ވާހަކަ ދައްކަ އެވެ. އަދި އެެހެން ބައެއް އިލްމުވެރިންނަށް ކޮންމެވެސް ސިޔާސީ ސަބަބަކާ ލައިގެން އެ ވާހަަކަތައް ދައްކަވާކަށް ކެރިވަޑައެއް ނުގަންނަވަ އެވެ. އަދި އިސްލާމިކް މިނިސްްޓްރާއި މިނިސްޓްރީން ވެސް އެކަމާ މާ ބޮޑަށް ކަންބޮޑުވެގެން އުޅޭތީއެއް ނުފެނެ އެވެ.

ދީނީ އިލްމުވެރިންގެ ތެރެއިން ގިނަ ބޭފުޅުން އެ ވާހަކަ ފާޅުގައި ނުދައްކަވަނީ އެކަމުން އުފެދިފާނެ ބައިބައިވުމަށް ވިސްނެވުމަށް ފަހުގައި ކަމަށް ވެސް ވެދާނެ އެވެ.

"ހާލަތު މިހާރު އޮތްގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަައިގެން މިސްކިތްތައް ހުޅުވާލަންޖެހޭ. ނަމަވެސް އަޅުގަނޑުމެން އިސްވެ އެ ވާހަކަތައް ފާޅުގައި ދައްކާނަމަ އެކަމާއި ގުޅިގެން ބައިބައިވުން ބޮޑުވާނެ. އަދި ބަޔަކު ނިކުމެ ސަރުކާރުގެ ހުއްދަ ނެތި މިސްކިތްތަކަށް އަރަންވެސް ފަށާފާނެ. އަޅުގަނޑުގެ އިލްތިމާސްއަކީ އަދި ގޮވާލުމަކީވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މިސްކިތްތައް ހުޅުވުން، ހާއްސަކޮށް ހުކުރުގެ ޖަމާއަތް މެދުކެނޑިފައި އިތުުރު ހަފްތާއަކު ނުބޭއްވުން." އިލްމުވެރިއަކު ވިދާޅުވި އެވެ.

ރާއްޖެއަށްވުރެ ހާލަތު ގޯސް ބައެއް ގައުމުތަކުގައި ވެސް މިސްކިތްތައް މިހާރު ވަނީ ހުޅުވާލާފަ އެވެ. ސައުދީގައި ވެސް އެތައް ހާސް މިސްކިތެއް އިއްޔެގެ ހުކުރު ނަމާދާއެކު ވަނީ ހުޅުވާލާފަ އެވެ. ހާއްސަ ފިޔަވަޅުތަކަކާއެކު ރަސޫލާގެ މިސްކިތްކޮޅު ވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ.

"ހުކުރުގެ ޖަމާއަތެއް ނެތި 12 ހަފުތާ. ސުބްޙާނަﷲ، މި ހާލަތު ބަދަލުވާން ޖެހޭ. ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން މިސްކިތްތައް ހުޅުވާލަން ސަރުކާރަށް ގޮވާލަން. އެހެން ގައުމުތަކުން އަމަލުކުރާ ގޮތުގެ މިސާލު ނަގާއިރު މިސްކިތްތައް ހުޅުވާލުމުގައި އެހެން ގައުމުތަކުން ގެންގުޅޭ ގޮތްވެސް ބަލަންޖެހޭ." އާންމުންގެ މީހަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ލިޔެފައި ވެއެވެ.

މާލޭގެ ބާޒާރު މަތީގައި މިހާރު ވެސް ބާރު ބޮޑެވެ. މަޖީދީމަގުގައި ކޮންމެ ރެއަކު ތޮއްޖެހުން ބޮޑު ވަގުތުތައް އާދެ އެވެ. އެތައް ބަޔަކު އެކި ބޭނުންތަކުގައި މަގުތަކަށް ނިކުމެ އެބައުޅެ އެވެ. އެތައްހާސް ބަޔަކަށް ކޮންމެ ދުވަހަކު ވިޔަފާރި ކުރުމަށާއި އެހެނިހެން ބޭނުންތަކަށް ބޭރަށް ނިކުތުމަށް އެއްގަޑިއިރުގެ ހުއްދައެއް ދެއެވެ. އެހެންވީމަ ހާއްސަ އުސޫލެއްގެ ދަށުން މިސްކިތުގެ ޖަމާއަތްތައް ވަކިން ހާއްސަކޮށް ހުކުރުގެ ޖަމާއަތް ނުބޭއްވެންވީ ސަބަބެއް ނެތެވެ.

މިކަމާއި ގުޅޭގޮތުން މިވަގުތު އިތުރަށް ދޭނެ މެސެޖެއް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި އޭނާގެ މިނިސްޓްރީގައި ވެސް ނެތެވެ. އޮންނަ ހަމަ އެކަަނި ޖަވާބަކީ މިނިސްޓްރީން ދަނީ މިސްކިތްތައް ހުޅުވާލުމާއި ގުޅޭގޮތުން ޓެގާ މަޝްވަރާ ކުރަމުންނެވެ. ނަމަވެސް މިސްކިތްތައް ހުޅުވާލެވޭނެ ދުވަހެއް ނޭނގެ އެވެ.

ނަމާދު ޖަމާއަތް ގާއިމް ކުރަން ފެށޭނެ ވަގުތެއް ނޭނގެ އެވެ. މިވަގުތަށް މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މިސްކިތްތައް ބަންދުކޮށްފައި ބެހެއްޓުމަށް މިނިސްޓްރީން އޮތީ ނިންމާފަ އެވެ.

ބަލާއާފާތެއްގެ ސަބަބުން އަދި އެ ނޫން ހާލަތެއް ދިމާވެގެން ވެސް ފަރުލު ނަމާދާއި، ހުކުރުގެ ޖަމާއަތް ގާއިމް ނުކުރެވި 12 ހަފްތާގެ ދިގު މުއްދަތެއް މީގެ ކުރިން ދިވެހި ތާރީހުގައި ހޭދަވެގެން ގޮސްފައެއް ނުވެ އެވެ.