ކުޅިވަރު

ރޭސިޒަމްއާ ދެކޮޅަށް ޖޯޑަން 100 މިލިއަން ޑޮލަރު

ނަސްލީ އިމްތިޔާޒާ ދެކޮޅަށް ހިންގާ ހަރަކާތްތަކަށް ފަނޑު ކުރުމަށް އެމެރިކާގެ ބާސްކެޓްގެ ތަރި މައިކަލް ޖޯޑަންގެ ފަރާތުން 100 މިލިއަން ޑޮލަރު ހޭދަ ކުރަން އިއުލާން ކޮށްފި އެވެ.

މި ފައިސާ ހޭދަ ކުރާނީ، ޖޯޑަން އާއި ނައިކީ އާ ގުޅިފައިވާ އޭނާގެ ކުންފުނި ދަ ޖޯޑަން ބްރޭންޑުންނެވެ. މި ފަންޑުގެ ދަށުން ކުރިއަށް އޮތް 10 އަހަރަށް ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް މަސައްކަތް ކުރަން ހިންގާ ހަރަކާތްތަކަށް ހޭދަ ކުރާނެ އެވެ.

މިއީ އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމަށާވާ ޖޯޖް ފްލޮއިޑްގެ މަރާ ގުޅިގެން، ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ހިންގާ އެންމެ ބޮޑު ކޯޕަރޭޓް ކޭމްޕޭނަށް ވެގެން ދާނެ އެވެ. އެމެރިކާގެ ފުލުހުން ފްލޮއިޑް މަރާލީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެމެރިކާގެ އެކި ސިޓީތަކުގައި މެދުކެނޑުމެއް ނެތި މުޒާހަރާ ކުރާތާ މިހާރު 10 ދުވަސް ވެއްޖެ އެވެ.

ޖޯޑަން ކުޅެން އުޅުނު އިރު، އެކްޓިވިސްޓެއްގެ ދައުރު އަދާ ނުކުރާތީ އޭނާއަށް ފާޑު ކިޔުން އަމާޒު ވެއެވެ. އެމެރިކާގެ ބާސްކެޓްބޯޅަ ކުލަބެއް ކަމަށްވާ ޗާލެޓް ހޯނެޓްސްގެ މެޖޯރިޓީ ޝެއާ ހޯލްޑަރަކީ ޖޯޑަން އެވެ.

ފޯބްސް އިން އަންދާޒާ ކުރާ ގޮތުގައި ޖޯޑަންގެ މިލްކިއްޔާތުގައި ދެ ބިލިއަން ޑޮލަރު ހުންނާނެ އެވެ. އަދި އޭނާއަކީ އެފްރިކާ ދަރިކޮޅުގެ އެމެރިކާގެ މީހުންގެ ތެރެއިން ހަތަރު ވަނައަށް އެންމެ މުއްސަނދި މީހާ އެވެ.

ޖޯޑަން ބްރޭންޑުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، ނަސްލީ އިމްތިޔާޒާ ދެކޮޅަށް މަސައްކަތް ކުރުމަށާއި އިޖުތިމާއީ އަދާލަތު ގާއމު ކުރުމަށް ބާރު އަޅާ ކެމްޕޭންތަކަށް ހަރަދު ކުރާނެ ކަމަށެވެ.

ޖޯޑަންގެ އެހެން ޕްރޮގްރާމްތަކުގެ ތެރެއިން އެމެރިކާ އާއި ޗައިނާގައި ކޮލެޖުތަކުގެ ދަރިވަރުންގެ ތެރެއިން، ކޮލެޖު ފީ ދެއްކުމުގެ ތަނަވަސްކަން ނެތް 1800 ދަރިވަރުންނަށް ދަނީ ކޮންމެ މަހަކު ވެސް ކޮލެޖް ފީ ދައްކައި ދެމުންނެވެ.