ބޮލީވުޑް

އަމީތާބަށް "ޑޯން" ލިބުނީ އޭރުގެ ތިން ސުޕަސްޓާރެއް އެއްބަސް ނުވީމަ

ކާމިޔާބު ފިލްމުތަކަކީ ވެސް އެކްޓަރުންގެ ނަސީބާ ގުޅިފައިވާ އެއްޗެކެވެ. ބައެއް އެކްޓަރުންގެ ނަސީބު ދެރަކަމުން ވަރަށް މޮޅު އަދި ކާމިޔާބު ފިލްމުތައް ވެސް ކުޅެން ލިބި ތަފާތު ސަބަބު ތަކާ ހުރެ އެ ފިލްމުތައް ދޫކޮށްލެވެ އެވެ. އަނެއްބައި އެކްޓަރުންނަށް ހީވެސް ނުކޮށް ހުއްޓާ ލިބޭ ފިލްމަކުން އެމީހުންގެ ނަސީބު އަތުގައި އެ ފިލްމެއް ބްލޮކްބަސްޓާއަށް ވެއެވެ.

އަމީތާބު ބައްޗަން ކުޅެފައިވާ އެންމެ މޮޅު އެއް ފިލްމު ކަމަށްވާ "ޑޯން" ވެސް އޭނާއަށް ލިބުނީ އެ ޒަމާނުގައި ފިލްމީ ދުނިޔޭގައި އެންމެ ގަދަޔަށް ފިޔަޖެހި ތިން ސުޕަސްޓާރަކު އެ ފިލްމު ކުޅެދޭން އެއްބަސް ނުވެގެންނެވެ.

"ޑޯން"ގެ ޑައިރެކްޓަރު ޗަންދުރަ ބަރޯތު ތަންކޮޅެއް ކުރިން އިންޑިޔާގެ ފިލްމީ މަޖައްލާއަކަށް ދީފައިވާ އިންޓަވިއު އެއްގައި ވަނީ 1978 ގައި އޭނާ އެ ފިލްމު އުފައްދަން އުޅެން ޖެހުނު ގޮތް ހިއްސާ ކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ފިލްމަށް ރަނގަޅު އެކްޓަރަކު ހޯދުން ވެސް އޭނާއަށް އޭރު ވަރަށް ދަތިކަމަކަށް ވެގެން އުޅެން ޖެހުނެވެ.

ދޭވް އާނަންދު، ޖީތެންދުރަ އަދި ދަރުމެންދުރަ އަށް ވެސް އޭނާ "ޑޯން"ގެ ބަތަލުގެ ބައި ހުށަހެޅި ކަމަށާއި ތިން އެކްޓަރުން ވެސް ބުނީ ނޫނެކޭ ކަމަށް ޑައިރެކްޓަރު ބުންޏެވެ. އެންމެ ފަހުން އެ ރޯލު ކުޅެދޭން އެއްބަސްވީ އަމީތާބެވެ. އަމީތާބަށް "ޑޯން" ކުޅެގެން އެ އަހަރުގެ އެންމެ މޮޅު އެކްޓަރުގެ ފިލްމުފެއާ އެވޯޑު ވެސް ލިބިފައި ވެއެވެ.

ޒީނަތު އަމާން، ހެލަން، ޕްރާން، މެކް މޯހަން ވެސް ބައިވެރިވި މި ފިލްމު ބެލެވިފައިވަނީ ގިނަ ދުވަސްތަކެއް ވީއިރުވެސް ފިލްމު ބަލާ މީހުންގެ ލޯބި އެ ފިލްމަކަށް ލިބެމުން އަންނަ ކްލެސިކް ފިލްމެއްގެ ގޮތުގަ އެވެ.

ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ފަރްހާން އަޚްތަރު ވަނީ ހަމަ މި ފިލްމު ޝާހްރުކް ޚާނާއި ޕްރިޔަންކާ ޗޯޕްޅާ ލީޑް ރޯލަށް ލައިގެން 2006 ގައި އަލުން އުފައްދާފަ އެވެ. އަދި 2011 ގައި "ޑޯން"ގެ ސީކުއަލް ވެސް އުފެއްދި އެވެ. މި ދެ ފިލްމަށް ވެސް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް ލިބުނެވެ.