ހަބަރު

މާލެ ސަރަހައްދު ހިއްކަނީ ތޮއްޖެހުން ކުޑަ ކުރަން: ނަޝީދު

މާލެ ސަރަހައްދަށް އިތުރު ހިކިފަސް ބޭނުންވާ ސަބަބަކީ ބޯހިޔާވަހިކަމާއި ތޮއްޖެހުން ކުޑަ ކުރުން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް އާއި ބައްދަލު ކުރެއްވުމަށްފަހު، ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ތަރައްގީގެ ގިނަ މަސައްކަތްތަކުން ތިމާވެއްޓަށް ނުރަނގަޅު އަސަރުކުރާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މާލެ ސަރަހައްދަށް އިތުރު ހިކިފަސް ބޭނުން ވަނީ މާލޭގަ ދިރިއުޅޭނެ އެހެން ގޮތެއްނެތް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށާއި އަދި މާލެ ސަރަހައްދުގައި ތޮއްޖެހުން ކުޑަކުރުމަށް ކަމަށެވެ. އަދި ވިދާޅުވީ އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އަކީ ތަޖުރިބާކާރު ބޭފުޅެއް ކަމަށެވެ

އެމަނިކުފާނު މިހެން ވިދާޅުވެފައިވާއިރު ގުޅީފަޅު ބޮޑު ކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ފެށުމާއެކު ވިލިމާލެ ފަރަށް ކިސަޑު އެޅި ގެއްލުންވަމުންދާތީ އެކަމާ ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. އަދި މި މައްސަލަ ރައްޔިތުންގެ މަޖިލީހަށްވެސް ވަނީ ވައްދާފަ އެވެ.

ގުޅީފަޅުގެ ފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކަނީ މާލޭ ވިޔަފާރި ބަނދަރު އެތަނަށް ބަދަލު ކުރުމަށްޓަކަ އެވެ. މި މަސައްކަތް ކުރަމުންދަނީ ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުނިންނެވެ. މަސައްކަތް ފެށި ފަހުން ވިލިމާލެ ފަރަށް ކިސަޑު އެޅި ފަރުތައް މަދުވާ ކަމުގެ ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފަ އެވެ.

މި މައްސަލާގައި އީޕީއޭއިން ބުނެފައިވާ އެކަން ބަލަމުންދާ ކަމަށާއި އަދި ގެއްލުންތައް މޮނީޓާކުރަމުންދާ ކަމަށެވެ. މި މައްސަލާގައި އެންވަޔަރުމެންޓް މިނިސްޓްރީ އާއި އީޕީއޭގެ އިސްބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވެ އީޕީއޭގެ ވެރިޔާ އިބްރާހިމް ނައީމަށް މިނިސްޓްރީން އިންޒާރު ވެސް ދީފައިވެ އެވެ.