ހަބަރު

ގައްދޫ ބޯޓުު ސަަލާމަަތްވީ މަސްވެރިންގެ އެހީން

ގދ. ގައްދޫ "ސައުތު އެކްސްޕްރެސް" ބޯޓު ރޭ ފަތިހު އޮތީ ކޮޅިގަނޑެއްގައި ޖެހި އެހީއަށް އެދި އެދި އެވެ. ހުވަދޫ އަތޮޅަށް ކުރަމުންދާ ވިއްސާރަައިގައި ސައުތު އެކްސްޕްރެސް ބޯޓުގެ އިންޖީނު ހުއްޓި ގއ. ދާންދޫ ކައިރި އޮންނަ ވޮޑަ މުލާ ކަނޑާ ދިމާލަށް ފަރާ ކައިރި ވިި އެވެ.

ފަތިހު 4:30 ހާއިރު އެހިސާބުގައި އޮތް ކޮޅިގަނޑު ވައިގަދަވުމުން ގިނަ މަސްދޯނި ފަހަރުގެ ނަގިލިި ކަނޑާލާ އެންދާ ނުޖެހޭ ވަރަށް ރާޅު ބޮޑުވި އެވެ. މީގެ ތެރޭގައި ހާލު ޖެހުނު ބޯޓަކީ ގައްދޫ ސައުތު އެކްސްޕްރެސް ބޯޓެވެ. އެބޯޓުގެ އިންޖީނު ހުއްޓުނީ ބޯޓުން ވެއްޓުނު ވަލެއްގެ ބުރަަފަތީގައި އޮޅިގެންނެވެ.

ދި މަސްވެރިންގެ ނަމުގައި ޓްވިޓާގައި ހިންގާ އެކައުންޓުން ދިޔައީ ގައްދޫ ބޯޓަށް ވަމުން ދިޔަ ގޮތް ފޮޓޯ އާއި ވީޑިއޯ އިން ދައްކަމުންނެވެ. އަދި މައުލޫމާތުތައްވެސް ގެންނަމުންނެވެ. ގައްދޫ ބޯޓާ ހަވާލާދީ އެމީހުން ބުނީ ބޯޓުގެ އިންޖީނު ހުއްޓި ފަތިހުން ފަށައިގެން ދިޔައީ އެމްއެންޑީއެފްގެ އެހީއަށް އެދެމުން ކަމަށެވެ. އޭގެ އެތައް ގަޑިއިރެއް ފަހުންވެސް އެހީއެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

އޭގެ ގަޑިއިރެއް ފަހުންވެސް، "އެމްއެންޑީއެފްގެ އާޖެންޓް އެހީ ބޭނުން" ޖަހައި އެ އެކައުންޓުން ޓްވީޓު ކުރި އެވެ. އޭރު ބޯޓު ދިޔައީ ދިޔަވަމުންނެވެ. އަދި އިންޖީނު ރޫމްވެސް ވަނީ ދިޔަވެފަ އެވެ. ބޯޓުގައި ހުރި ތިން ޕަމްޕު ތެރެއިން ދެ ޕަމްޕު ޖަހައިގެން ކޮންޓްރޯލް ކުރަމުން ދިޔައިރު އެ ސަަރަހައްދުގެ ރާޅު ބޮޑުވެ އޮއެވަރުވެސް ގަދަ އެވެ. އޭރެ އެ ސަރަހައްދުގައި އޮތް ދެ މަސްދޯނިން ދިޔައީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

"ދޯނި ކަފު ޖަހައިގެން ފަރާ 0.5 މޭލު ދުރުކުރެވިއްޖެ. ކަފު ޖަހައި ދަމާ ގެނެވުނީ، ބޯޓުގެ ފަހަތް ފަރަށް އަރާފައި ވަނިކޮށް"

ގައްދޫ ބޯޓުގެ ބަނޑުފިލައިން ފަސް ފޫޓެއްހާ ތަން އޮތީ ހަލާކުވެފަ އެވެ. ބޯޓު ދިޔަވާތީ އެކަން ހައްލުކުރުމަށް އެހީވި ދޯނި ފަހަރުން އިތުރު ޕަންޕުތައްވެސް ބޯޓަށް އެރުވި އެވެ. އެ ބޯޓުގައި ހުރި މުދަލަށްވެސް ގެއްލުންވެ، ފަރުގައި ޖެހުމުގެ ސަބަބުން ބޯޓުގެ ތިން ތަނަކަށް ވަނީ ބޮޑެތި ގެއްލުން ލިބިފަ އެވެ. ބޯޯޓުގައި ހުރި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށް ދި މަސްވެރިން އިން ބުނެ އެވެ.

ގަދަ ކަނޑުގައި ދަތުރު ކުރި ގައްދޫ ބޯޓު ސަލާމަތްވީ އެހިސާބުގައި އޮތް އެހެން ބޯޓުތަކުން ދިން އެހީގެ ސަބަބުންނެވެ. ފަތިހުން ފަށައިގެން ބޯޓު ސަލާމަތް ކުރެވޭތޯ ކުރި މަސައްކަތް ނިމުނީ ކުޑަ ވަގުތުކޮޅެއް ތެރޭ ޖެހި ބިޔަ ރާޅުތަކާ އިދިކޮޅަށް އެތައް މަސްވެރިންނެއް ކުރި މަސައްކަތުންނެވެ. މިހާރު އެ ބޯޓު ވަނީ ފުންކޮށް އެ އަތޮޅު ގެމަނަފުއްޓަށް ރައްކާތެރިކަމާއެކު ގެންގޮސްފަ އެވެ.