ހަބަރު

ގުޅިފަޅުގައި ޕޯޓަށްވުރެ ފައިދާ ވާނީ ފްލެޓު އެޅުން: މުއިއްޒު

Jun 7, 2020
5

މާލޭގެ ކޮމާޝަލް ޕޯޓް ގުޅިފަޅަށް ބަދަލު ކުރުމަށް މި ސަރުކާރުންް ފަށާފައިވާ މަޝްރޫއަށް ވުރެ ރަނގަޅުވާނީ ކުރީ ސަރުކާރުން ފެށި ބޯހިޔާވެހިކަމުގެ މަޝްރޫއެއް ކުރިޔަށް ގެންދިޔުން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގެ ޕޯޓް ގުޅިފަޅަށް ބަދަލު ކުރުމަކީ މި ސަރުކާރުން މާލޭގެ ތޮއްޖެހުން ކުޑަ ކުރުމަށް ފެށި އެންމެ ބޮޑު މަޝްރޫއެވެ. އެގޮތުން ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކަން ނެދަލެންޑްސްގެ ބޮސްކާލިސްއާ ހަވާލުކޮށްގެން އެ މަސައްކަތް ވަނީ ފަށައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން މުއިއްޒު މިއަދު ކުރެއްވު ޓުވީޓެއްގައި ވިދާޅުވީ ގުޅިފަޅުގައި ބޯހިޔާވެހިކަމުގެ ޓޯޓަލް ސޮލިއުޝަންގެ ގޮތުގައި "ވިލިމާލެ 2" މަޝްރޫއު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އޮތީ ރަސްމީކޮށް ލޯންޗުކޮށްފައި ކަމަށެވެ. އަދި އިސާހިތަކު ޖާގަ ފުރޭނެ ޕޯޓެއް ގުޅިފަޅުގައި ހެދުމަށް ވުރެ ރައީސް ޔާމީން ސަރުކާރުން ފައްޓާފައި އޮތް ވިޝަނަރީ ސޮލިއުޝަން ކުރިޔަށް ގެންދިޔުން ރައްޔިތުންނަށް މާ ފައިދާ ބޮޑުވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ވިލިމާލެ 2 މަޝްރޫއު އިފްތިތާހު ކުރަމުންް އިއުލާންކޮށްފައި ވަނީ އެ މަޝްރޫއުގެ ދަށުން ބޯހިޔާވެހިކަމުގެ މައްސަލަ އެއްކޮށް ހައްލުވާނެ ކަމަށެވެ. އަދި ވިލިމާލޭ 2 ގައި 315،000 އަށް ވުރެ ގިނަ މީހުންގެ އާބާދީއަށް ބޭނުންވާ ވަސީލަތްތަކާއެކު ތަރައްގީ ކުރާނެ ކަމަށް ރައީސް ޔާމީން ވައުދުވެވަޑައިގަތެވެ.

އޭރު ސަރުކާރުން ރާވާފައި ވަނީ ގުޅިފަޅުގައި ފްލެޓު އަޅައި މާލޭގެ ޕޯޓް ތިލަަފުއްޓަށް ބަދަލު ކުރުމަށެވެ. އެހެން ނަމަވެސް އެކަން ބަދަލުކޮށް މި ސަރުކާރުގެ ކެބިނެޓުން ނިންމާފައިވާ ގޮތައް ގުޅިފަޅު މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާއިރު، އޭގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކާ ބެހޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހުން އަންނަނީ ބަލަމުންނެވެ.