މެންޗެސްޓާ (ޖެނުއަރީ 8) – ބާސެލޯނާގެ ކުރީގެ ގޯލްކީޕަރު ވިކްޓާ ވަލްޑޭސް ޔުނައިޓެޑްގެ ހުށަހެޅުމެއް ގަބޫލްކޮށް، 18 މަސް ދުވަހުގެ ކޮންޓުރެކްޓެއްގެ ދަށުން އެ ކްލަބާ ގުޅިއްޖެ އެވެ.
މިދިޔަ އަހަރުގެ މާޗު މަހު ވަލްޑޭސް ،32، އަށް ކުރިމަތިވި ސީރިއަސް އަނިޔާ އިން ރިކަވާވުމަށް މަސައްކަތްކުރަމުންދާ ވަލްޑޭސް ދަނީ އޮކްޓޯބަރު މަހުން ފެށިގެން ޔުނައިޓެޑްގައި ޓްރެއިނިން ހަދަމުންނެވެ.
އުމުރުން 20 އަހަރުގައި ވަލްޑޭސް އަށް 2002 ވަނަ އަހަރު ބާސާ އަށް ކުޅުމުގެ ފުރުސަތު ލިބުނުއިރު، އޭރު ބާސާގެ ކޯޗަކަށް ހުރީ މިހާރު ޔުނައިޓެޑްގެ ކޯޗަކަށް ހުރި ލުއީ ވެން ހާލް އެ ޓީމުގެ ކޯޗަކަށް ހުރިއިރު އެވެ.
ބާސާގައި ވަލްޑޭސް ވަނީ ސްޕެއިން ލީގު ހަ ފަހަރު އަދި ޗެމްޕިއަންސް ލީގު ތިން ފަހަރު ހޯދައިފަ އެވެ.
ވަލްޑޭސް ޔުނައިޓެޑްއާ ގުޅުމާއެކު، ޔުނައިޓެޑްގެ ރިޒާވް ގޯލްކީޕަރު ޑެންމާކްގެ އެންޑްރަސް ލިންޑެގާޑް އެ ކްލަބުން ދޫކޮށްލާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އަދި ޔުނައިޓެޑްގެ އެއްވަނަ ގޯލްކީޕަރު ސްޕެއިންގެ ޑޭވިޑް ޑެހެއާ ވެސް މުސްތަގަބްލާއެކު ވަނީ ސުވާލު އުފެދިފަ އެވެ. ރެއާލް މެޑްރިޑް އިން ޑެހެއާ އަށް ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ. ޔުނައިޓެޑާއެކު ޑެހެއާ ހަދައިފައިވާ ކޮންޓުރެކްޓް 2016 ވަނަ އަހަރު ހަމަވާނެ އެވެ.