ޗައިނާ އެފްޓީއޭ

ޗައިނާ އެފްޓީއޭގެ މައްސަލައެއް ޖަލްސާއަށް އެޖެންޑާކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާއެކު ގާއިމު ކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

މާދަމާގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުގައި، "ފްރީ ޓްރޭޑް ބިޓްވީން ދަ ގަވަރުމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރުމަންޓް އޮފް ދަ ރިޕަބްލިކް މޯލްޑިވްސް" ގެ އެއްބަސްވުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މެޖޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

ޗައިނާއާއި ރާއްޖެއާ ދެމެދު ވެފައިވާ އެ އެއްބަސްވުމާ ގުޅޭ މައްސަލައެއް މާދަމާގެ ޖަލްސާއެއް އެޖެންޑާކޮށްފައިވާއިރު، މިހާރު ހިނގާ 19 ވަނަ މަޖިލިސް ފެށުނު ފަހުން އާޒިމް ވަނީ ސަރުކާރުން ފޮނުވައިގެން މަޖިލީހުން އެ އެއްބަސްވުން މުރާޖައާ ކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.

އާޒިމް ވިދާޅުވެފައި ވަނީ ޗައިނާއާއެކު ވެފައިވާ އެ އެއްބަސްވުން މަޖިލީހުން ފާސްކޮށްފައި ވަނީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ވެސް ފުރިހަމަ ނުކޮށް ކަމަށެވެ. އޭރުގެ ގިނަ މެންބަރުންނަށް މުޅި އެއްބަސްވުން އެނގިވަޑައިނުގަންނަވާ ކަމަށާއި އޭރުގެ ރައީސްގެ އަމުރުފުޅަށް ވަގުތުން އެކަން ކުރެއްވީ ކަމަށެވެ.

ކުރީގެ ސަރުކާރުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރަން ރުހުން ދޭން ފާސްކުރީ ވަރަށް އަވަސް އަރުވާލައިގެންނެވެ. އެ ގޮތުން ކޮމިޓީއަށް ދިރާސާ ކުރަން ފޮނުވުމުން ބައްދަލުވުމެއް ބާއްވައި އެންމެ 10 މިނެޓުގެ ތެރޭގައި އެއްބަސްވުމަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްލި އެވެ.

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުން ނޮވެމްބަރު 29، 2017 ގައި އެއްބަސްވުމަށް ރުހުން ދިނުމުން ޑިސެމްބަރު 18، 2014 ގައި ރައީސް ޔާމީން ހިމެނިވަޑައިގަންނަވާ ގޮތަށް ރާއްޖޭގެ ވެރިންގެ ވަފުދެއް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެ އެއްބަސްވުމުގައި ސޮއި ކުރެއްވި އެވެ.

އެ އެއްބަސްވުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން އަދި މިހާރު ސަރުކާރުގައި ތިބި އިސް ބޭފުޅުން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ. މި ސަރުކާރު އައި ފަހުން އެ އެއްބަސްވުން އުވާލަން ޖެހޭ ކަމަށް ބައެއް ބޭފުޅުން ވިދާޅުވެފައިވެ އެވެ. އެންމެ ގިނައިން އެ ވާހަކަ ވިދާޅުވަމުން ގެންދަވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ޗައިނާގެ އެހީގައި މިދިޔަ ސަރުކާރުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިމުގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތައް ހަވާލު ކުރުން ލަސްވެގެން އުޅޭތީ ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައިވެ އެވެ. މިފަދަ މަޝްރޫއުތައް ވެސް ނަޝީދު ސިފަ ކުރައްވަނީ ދަރަނީގެ ދަންތުރައެއްގެ ގޮތުގަ އެވެ.