ޗައިނާ އެފްޓީއޭ

ޗައިނާގެ އެފްޓީއޭ ރިވިއު ކުރަން މަޖިލީހަށް ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާއެކު ގާއިމު ކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހުން ރިވިއު ކުރުމަށް އެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅުއްވައިފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އާޒިމް ފޮނުއްވި ސިޓީއެއްގައި ވަނީ، 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޗައިނާގެ އެ އެއްބަސްވުމަށް ރުހުން ދީފައި ވަނީ އޭގެ ސަބަބުން ގައުމަށް ލިބޭނެ ގެއްލުމަށް ފުރިހަމައަށް ބެލުމެއް ނެތި ކަމަށެވެ. އަދި އެ އެއްބަސްވުމުން ފާސްކުރުމުގެ ކުރިން މަޖިލީހުގެ ތަޅުމާއި ކޮމިޓީގައި ވެސް އެކަށީގެންވާ ވަރަށް ދިރާސާކޮށްފައި ނުވާ ކަމަށެވެ.

އެހެންކަމުން "ފްރީ ޓްރޭޑް ބިޓްވީން ދަ ގަވަރުމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރުމަންޓް އޮފް ދަ ރިޕަބްލިކް މޯލްޑިވްސް" ގެ އެއްބަސްވުން މަޖިލީހުން ރިވިއު ކުރުމަށް އާޒިމް ހުށަހެޅުއްވި އެވެ. އެ މައްސަލަ އާޒިމް ހުށަހެޅުއްވީ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާ މައްސަލައެއްގެ ގޮތުގަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ އެޖެންޑާ ވެސް ކުރި އެވެ. ނަމަވެސް ޖަލްސާގެ އެޖެންޑާގައި ގިނަ މައްސަލަތަކާއި ބިލުތަކުގެ މަސައްކަތް ވެސް އޮތުމުން މިއަދުގެ ޖަލްސާގައި އެ މައްސަލަ ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ޗައިނާގެ އެފްޓީއޭއާ މެދު މަޖިލީހުން ގޮތެއް ނިންމަން ޖެހޭ ކަމަށެވެ. އެއީ ތަންފީޒު ކުރެވެމުންދާ އެއްބަސްވުމެއް ކަމަށް ވެސް ގަބޫލު ނުކުރެވޭތީ ކަމަށެވެ. އެކަމަކު އެ ކަމުގައި "އަވަސް އަރުވާލަން" ނުޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަށާރަވަނަ މަޖިލީހުގައި ޗައިނާއާ އެކު ފްރީ ޓްރޭޑް އެގްރިމެންޓެއް ވެފައި. އޭގެ އެއްވެސް ކަމަކަށް ތަންފީޒު ކުރަމުން ނުދޭ. މިކަމާ ގުޅޭ ގޮތުން މަޖިލީހުން ވަކި ގޮތެއް ކަނޑައަޅަން ޖެހޭ. އަޅުގަނޑު މި ދަންނަވަނީ މި ކަން ކޮންމެހެން އަވަސް އަރުވާލައިގެން ނިންމަން މެންބަރުން އުޅޭށެކޭ ނޫން." ރައީސް ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރަން ރުހުން ދޭން ފާސްކުރީ ވަރަށް އަވަސް އަރުވާލައިގެންނެވެ. އެ ގޮތުން ކޮމިޓީއަށް ދިރާސާ ކުރަން ފޮނުވުމުން ބައްދަލުވުމެއް ބާއްވައި އެންމެ 10 މިނެޓުގެ ތެރޭގައި އެއްބަސްވުމަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްލި އެވެ.

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުން ނޮވެމްބަރު 29، 2017 ގައި އެއްބަސްވުމަށް ރުހުން ދިނުމުން ޑިސެމްބަރު 18، 2014 ގައި ރައީސް ޔާމީން ހިމެނިވަޑައިގަންނަވާ ގޮތަށް ރާއްޖޭގެ ވެރިންގެ ވަފުދެއް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެ އެއްބަސްވުމުގައި ސޮއި ކުރެއްވި އެވެ.

އެ އެއްބަސްވުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން އަދި މިހާރު ސަރުކާރުގައި ތިބި އިސް ބޭފުޅުން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ. މި ސަރުކާރު އައި ފަހުން އެ އެއްބަސްވުން އުވާލަން ޖެހޭ ކަމަށް ބައެއް ބޭފުޅުން ވިދާޅުވެފައިވެ އެވެ. އެންމެ ގިނައިން އެ ވާހަކަ ވިދާޅުވަމުން ގެންދަވަނީ ވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.