ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އިދިކޮޅުން ބޮއިކޮޓް ކޮށްފި އެވެ.
ޕީޕީއެމް / ޕީއެންސީ ގުޅިގެން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާދަމާ ބާއްވާ ޖަލްސާއަށް އިދިކޮޅު މެންބަރުން ހާޒިރު ނުވާނެ ކަމަށެވެ. އަދި އިތުރަށް މަޖިލިސް ޖަލްސާތަކުގައި ބައިިވެރިވުމާ ގުޅޭގޮތުން ގޮތެއް ނިންމައި ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާ ބޮއިކޮޓްކުރަން ނިންމި ސަބަބުތަކެއް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. އެގޮތުން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ބޭއްވި ޖަލްސާގައި އެމްޑީޕީގެ މެންބަރުން ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަށާލައި ހަމަލާދީ މާރާމާރީ ހިންގާފައިވުމާއި އޭގެ ފަހުން ޝިޔާމްގެ ހާލަތު ދެނެގަތުމަށް ތަޅުމުން ނިކުތް މެންބަރުން ޖަލްސާގައި ބައިވެރި ނުކޮށް ޖަލްސާ ކުރާ މާލަމް ތަޅުލައިގެން މެންބަރުންނަށް ވޯޓް ދިނުމުގެ ހައްްގު ނިގުޅައިގެންފައިވުން ފާހަގަކޮށްފައި ވެއެވެ.
މިއީ މި ދައުރުގައި މަޖިލީހުގެ ޖަލްސާއެއްް އިދިކޮޅުން ބޮއިކޮޓް ކުރާ ފުރަތަމަ ފަހަރެވެ.
މާދަމާ ޖަލްސާ އޮންނާނެކަން އާންމުކޮށް މަޖިލީހުގެ އިދާރާއިން މިހާރު ވަނީ މެންބަރުންނަށް ނޯޓިސް ފޮނުވާ، ޖަލްސާގެ އެޖެންޑާ ވެސް ނެރެފަ އެވެ.
އެ ޖަލްސާގައި މެންބަރު ޝިޔާމަށް ހަމަލާދީފައި ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިގެން ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ. އެ މައްސަލަ ހަމަ އެ ރޭ ފުލުހަށް ވަނީ ހުށައަޅާފަ އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މައްސަލަ ބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ތަފާތު ކުރުމެއްނެތި އިންސާފު ގާއިމް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އިމްރާންގެ ވާހަކަތަކާއި ގުޅިގެން އެމްޑީޕީން ވަނީ އިމްރާނަށް ފާޑު ކިޔައި ޖިލީހުގެ އިމްތިޔާޒުތަކުގެ ތެރެއަށް ނުވަނުމަށް އިންޒާރުކޮށްފަ އެވެ.