ހަބަރު

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅޭ ހަރަކާތްތަކެއް ހިންގަނީ

Jun 7, 2020

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާވާފައިވާ ހަރަކާތްތައް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލުތު. ،ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަލާފައިވާ ރެޕްރެސެންޓޭޓިވް، ޑރ.އަރްވިދު މާތުރު ގެ އިތުރުން މިނިސްޓްރީ އޮފް ހެލްތު އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މިއީ މިކަމަށް ވަކި ދުވަހެއް ކަނޑައަޅާ މި ދުވަސް ދުނިޔޭގައި ފާހަގަކުރާ ފުރަތަމަ ފަހަރެވެ. މިގޮތުން ކޮންމެ އަހަރެއްގެވެސް 7 ޖޫން އަކީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ކަމުގައި އ.ދ ގެ ޖެނެރަލް އެސަންބްލީން، 20 ޑިސެންބަރު 2018 ގައި ވަނީ ނިންމާފައެވެ. މި ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަގުސަދަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، އާއްމުން ހޭލުންތެރިކުރުވައި، ކާބޯތަކެތީގެ ޒަރީއާއިން ދިމާވާ އިގުތިސޯދީ އަދި ސިއްހީ މައްސަލަތަކުން ސަލާމަތްވެ ދުޅަހެޔޮ އުފާވެރި މުޖުތަމައެއް ބިނާކުރުމެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާ ގޮތުން، ޖަރާސީމާއި ތަފާތު ކެމިކަލުން ތަގައްޔަރުވެފައިވާ ކާބޯތަކެތީގެ ނުރައްކާ އަހަރަކު 600 މިލިއަނަށް ވުރެ ގިނަމީހުން ތަހައްމަލުކުރެއެވެ. މީގެތެރެއިން އަހަރަކު ގާތްގަޑަކަށް 420،000 މީހުންގެ ފުރާނަ ގެއްލިގެންދެއެވެ. ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތަކުގެ ތެރޭގައި އެންމެ އާދައިގެ ބޭރަށް ހިންގުމުން ފެށިގެން ކެންސަރުފަދަ ނުރައްކާތެރި ބަލިތައް ހިމެނޭއިރު، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅިއްޖެނަމަ އެފަދަ ބަލިން ރައްކާތެރިވެ އޭގެ ސަބަބުން ގެއްލިގެންދާ ފުރާނައިގެ އަދަދު އިންތިހާއަށް މަދުކުރެވޭނެއެވެ. އަދި މިއީ އާއްމު ސިއްހަތަށް ހުރި ގޮންޖެހުމެއްގެ އިތުރުން އިގުތިސޯދަށް ވެސް އޮތް ބޮޑު ގޮންޖެހުމެއްކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.

މި އަހަރުގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ކާބޯތަކެތީގެ ރައްކާތެރިކަން، އެންމެންގެ ކަމެއް" މި ސުރުހީއެވެ. މިގޮތުން ދަނޑުން ސުފުރާއާއި ދެމެދުގައިވާ ހުރިހާ މަރުހަލާއެއްގައި ބައިވެރިވާ ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ފަރާތްތަކާއި ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުން ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެންމެންގެ ޒިންމާއެއް ކަމަށް ދެކި މަސައްކަތްކުރުމަށް ވަނީ ގޮވަލާފައެވެ.