ކޮވިޑް ރޯގާއާ ގުޅިގެން އާމްދަނީއަށް އަސަރު ކޮށްފައިވާ ފަރާތްތަކުން މިދިޔަ މަހުގެ އިންކަމް ސަޕޯޓް އެލަވަންސަށް އެދެން އިތުރު ފުރުސަތު ދީފި އެވެ.
އިކޮނޮމިކް މިނިސްޓްރީ އިން ބުނީ އިންކަމް ސަޕޯޓަށް އެދޭ ފަރާތްތަކަށް ދީފައިވާ ސުންގަޑި އިއްޔެގެ ނިޔަލަށް ހަމަވި ކަމުގައި ވިޔަސް ގިނަ ބަޔަކަށް އެ ފުރުސަތު ދިނުމުގެ ގޮތުން ސަޕޯޓަށް އެދޭ މުއްދަތު އިތުރު ކުރީ ކަމަށެވެ. އެކަމަކު މުއްދަތު އިތުރު ކޮށްފައިވަނީ ކޮން ދުވަހަކާ ހަމައަށް ކަމެއް ނުބުނެ އެވެ.
މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ "މޭ މަހުގެ އެލަވަންސް އަށް އެދި ހުށަ ނާޅާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރުމަށް ފަހު ހުށަހެޅުމަށް އިއުލާން ކުރަން" ކަމަށެވެ.
އިންކަމް ސަޕޯޓް އެލަވަންސް ހުށަހަޅަން ހަމަޖެހިފައިވަނީ ޖޮބް ސެންޓަރު މެދުވެރިކޮށް އޮންލައިން ފޯމަކުންނެވެ. އީމެއިލް މެދުވެރިކޮށް ވެސް އެ ފޯމު ހުށަހެޅެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ގެޒެޓް ކޮށްފައިވާ "ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާ ގުޅޭ އުސޫލު" ގައިވާ ގޮތުން އަމިއްލަ މަސައްކަތް ކުރާ މީހުންނާއި ވަޒީފާ ގެއްލި ނުވަތަ ވަޒީފާގެ ހާލަތަށް އަސަރު ކުރާ މީހުންނަށް ވެސް ލިބޭނީ 5،000ރ. އެވެ. މި އެލަވަންސް ދެނީ އޭޕްރީލް މަހުން ފެށިގެން ތިން މަސް ދުވަހަށެވެ.
ރޯގާއާ ގުޅިގެން ވަޒީފާގެ ހާލަތު ބަދަލު ވެގެން 700 އަށް ވުރެ ގިނަ މީހަކު ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅި ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.