ދުނިޔެ

ފްލޮއިޑް މަރާލި ސިޓީގެ ފުލުހުންގެ މުއައްސަސާ އުވާލަނީ

Jun 8, 2020
6

މިނިއާޕޮލިސް (ޖޫން 8) - އެމެރިކާގެ މިނިއާޕޮލިސް ސިޓީގައި ފުލުހުންގެ ބެލުމުގެ ދަށަށް ކަޅު ނަސްލުގެ މީހަކު ގެންދަން އުޅުމުގެ ތެރޭގައި އޭނާ މަރުވި މައްސަލައާ ގުޅިގެން، އެ ސިޓީގެ ފުލުހުންގެ މުއައްސަސާ އުވާލަން، ސިޓީ ކައުންސިލުގެ އަޣުލަބިއްޔަތު ވައުދު ވެއްޖެ އެވެ.

މިނިއާޕޮލިސް ސިޓީ ކައުންސިލުގެ 13 ކައުންސިލަރުންގެ ތެރެއިން ނުވަ އެއް ވަނީ، އާއްމުންގެ ރައްކާތެރި ކަމަށްޓަކައި، ފުލުހުންގެ ބަދަލުގައި މުޅީން އެހެން ނިޒާމެއް ތައާރަފު ކުރާނެ ކަމަށް ބުނެފަ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އުމުރުން 46 އަހަރުގެ ޖޯޖް ފްލޮއިޑް މަރުވެފައި ވަނީ ދޮން ނަސްލުގެ ފުލުހަކު އޭނާގެ ކަރަށް ކަކުލުން އަރައިގެން ހުރުމުގެ ސަބަބުން ނޭވާ ހާސް ވެގެނެވެ. އޭރު އޭނާ ދިޔައީ ނޭވާ ނުލެވޭ ކަމަށާއި މަރާ ނުލަން އެދި ގޮވަމުންނެވެ.

އެ މައްސަލާގައި އެމެރިކާގެ ގިނަ ސިޓީތަކުގައި އާއްމުން ނުކުމެ ކުރަމުންދާ މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތައް ވަނީ ހިނގާފަ އެވެ. ހަމަނުޖެހުންތަކުގެ ތެރޭ އިމާރާތްތަކުގައި ހުޅުޖަހައި، އާއްމުންގެ މުދާ ލޫޓުވައި، ބޮޑެތި ގެއްލުންތައް ވަނީ ދީފަ އެވެ.

ނަމަވެސް، ފާއިތުވި ދުވަސްތަކުގައި، މުޒާހަރާތަކުގެ ތެރެއިން ކާފިއުއާ ހިލާފަށް މަގުތަކަށް ނުކުތުމާއި ހަމަނުޖެހުން ހިންގުން ވަނީ މަދުވެފަ އެވެ. އެއާއެކު ގިނަ ސިޓީތަކުގައި އަޅާފައިވާ ސަލަމާތީ ފިޔަވަޅުތައް މިހާރު ވަނީ ލުއި ކުރަން ފަށައިފަ އެވެ.

މިނިއާޕޮލިސްގައި ކުރި މުޒާހަރާއެއްގެ ތެރެއިން އެ ނުވަ ކައުންސިލަރުން ވަނީ ބަޔާނެއް އިއްވައިފަ އެވެ. އެ ބަޔާނުގައި ބުނި ގޮތުގައި، މިނިއާޕޮލިސްގެ އިތުރުން އެމެރިކާގެ އެހެން ސިޓީތަކުގައި ވެސް، ފުލުހުންގެ މުއައްސަސާތަކުން މުޖުތަމައު ރައްކާތެރި ކޮށްދިނުމަށް ނުކުޅެދިފައިވާ ކަމަށެވެ.

އަދި ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމަށް ކުރެވުނު ހުރިހާ މަސައްކަތްތަކެއް ވެސް ނާކާމިޔާބު ވެފައިވާ ކަމަށް އެ ކައުންސިލަރުންގެ ބަޔާނުގައި އިތުރަށް ބުންޏެވެ.

އެމެރިކާގެ އިތުރުން، ކަޅު ނަސްލުގެ މީހުނަށް ތަފާތު ކުރުމުގެ ޒަމާންވީ ސަގާފަތާ ދެކޮޅަށް އިނގިރޭސި ވިލާތާއި، އޮސްޓްރޭލިއާގެ އިތުރުން ޔޫރަޕުގެ ބައެއް ގައުމުތަކުގައި މީހުން ނުކުމެ ވަނީ އިހުތިޖާޖުކޮށްފަ އެވެ.

ފްލޮއިޑް މަރުވި މައްސަލާގައި، މިހާރު ވަޒިފާއިން ވަކިކޮށްފައިވާ ހަތަރު ފުލުހަކަށް ވަނީ ދައުވާ ކޮށްފަ އެވެ.

ފްލޮއިޑްގެ ކަރަށް ކަކުލުން އަރައިގެން ހުރި ޑެރެކް ޗައުވިން ނަމަކަށް ކިޔާ ފުލުސް މީހާގެ މައްޗަށް އުފުލާފައިވާ މަރުގެ ދައުވާ ވެސް މިހާރު އެއް ދަރަޖަ މަތިކޮށްފައިވާއިރު، އެތަނުގައި ތިބި އަނެއް ތިން ފުލުހުންގެ މައްޗަށް ވަނީ މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލައިފަ އެވެ.