ބޮލީވުޑް

ކަރަންގެ ޝޯއަށް ވިކީ ކޯޝަލް އާއި ކެޓުރީނާ

"ކޮފީ ވިތު ކަރަން" ގެ އެޕިސޯޑެއް ވިކީ ކޯޝަލް އާއި ކެޓުރީނާ ކައިފް އާއެކު ތައްޔާރު ކުރަން އެ ޝޯގެ ހޯސްޓް ކަރަން ޖޯހަރް ބޭނުންވެ އެވެ. ދާދިފަހުން ސޯޝަލް މީޑިއާ ލައިވް ސެޝަނެއްގައި ވާހަކަ ދައްކަމުން ކަރަން ބުނީ ކެޓުރީނާ އާއި ވިކީ އޭނާގެ ޝޯގައި ބައިވެރި ކުރުމަކީ އުންމީދެއް ކަމަށެވެ.

"ކޮފީ ވިތު ކަރަން" ގެ އާ ސީޒަނެއް ފަށަން ކަރަން ތައްޔާރުވަމުން ދާއިރު އޭނާ މިފަހަރު ޝޯ އަށް ދައުވަތު ދޭ މެހެމާނުންގެ ތެރޭގައި މި ދެ ތަރިން ހިމެނޭނެކަން މިހާރު ވަނީ ޔަގީން ވެފަ އެވެ. ކަރަން އަކީ އަބަދުވެސް އޭނާގެ ޝޯގެ ކޮންމެ އެޕިސޯޑަކަށް ވެސް ވަރަށް ޝައުގުވެރިވާ ކަހަލަ ދެ މެހެމާނަކަށް ދައުވަތު ދީގެން ގެނެސް އެމީހުން ލައްވާ އެމީހުންގެ ސިއްރުތައް ބޭޒާރު ކުރުވުމަށް މަޝްހޫރު ހޯސްޓެކެވެ. ބައެއް ފަންނާނުން މި ޝޯގައި ދައްކާ ވާހަކަ ތަކުގެ ސަބަބުން ޝޯ ދައްކާ ފަހުން ވަރަށް ގިނަ މައްސަލަ ތަކާ ވެސް އެމީހުންނަށް ކުރިމަތިވެފައި އެބަހުއްޓެވެ.

ކަރަންގެ ޝޯގައި އޭނާ އާންމު ގޮތެއްގައި ބައިވެރި ކުރަނީ އޭނާ ދައްކާ ވާހަކައަށް ނޫނެކޭ ބުނަން ނުކެރޭ ކަހަލަ ފަންނާނުން ކަމަށް ވާތީ ކޮންމެ ފަދަ ސުވާލެއް ކުރިޔަސް އެ ސުވާލަކުން ރެކެވޭނެ ގޮތެއް ޝޯގައި ބައިވެރިވާ ފަރާތްތަކަކަށް ނޯވެ އެވެ. އެހެންވެ ކޮންމެވެސް ޖަވާބެއް ދޭން ހަދައިގެން ދެވޭ ޖަވާބު އެކަމާ ގުޅޭ އެހެން މީހުންނަށް ހަޖަމު ނުކުރެވޭތަން ވަރަށް ގިނައިން ފެނިފައި ވެއެވެ.

މިފަހަރުގެ ސީޒަންގައި ކަރަން ދައުވަތު ފޮނުވާ ފަންނާނުންގެ ލިސްޓުގެ އެންމެ ކުރީގައި މިހާރު އޮތީ ވިކީ އާއި ކެޓުރީނާ އެވެ. މި ދެ ތަރިންގެ ހަގީގީ ލޯބީގެ ވާހަކަ މި ފަހަކަށް އައިސް އިންޑިއާގެ ނޫސްތަކުން ވަރަށް ގިނައިން ފެނެ އެވެ. އެހެންކަމުން މި ދެ ތަރިން އެކުގައި ޝޯގައި ބައިވެރިވެއްޖެނަމަ މިއީ ވަރަށް ގިނަ ބަޔަކު ބަލާނެ އަދި ޝައުގުވެރިވާ ކަހަލަ ވާހަކަތަކެއް އިވިގެންދާނެ އެޕިސޯޑަކަށް ވާނެ އެވެ.

ރަންބީރު ކަޕޫރާއި ދީޕިކާ ޕަދުކޯން އާއެކު އެޕިސޯޑެއް ޝޫޓް ކުރުމަކީ ވެސް މި ސީޒަންގައި ކަރަން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށް ލައިވް އިންޓަވިއުގައި އޭނާ ބުނެފައި ވެއެވެ. މި ދެ ތަރިންނަކީ ކުރިން ރައްޓެހި ވެގެން އުޅެފައި ރުޅިވެފައި ތިބި ބައެކެވެ. ދީޕިކާ މިހާރު ކައިވެނި ވެސް ކޮށްފައިވާއިރު ރަންބީރު ވެސް އާލިއާ ބަޓް އާ ކައިވެނި ކުރަން އުޅޭ ކަމުގެ ޚަބަރުތައް އަންނަނީ ފެތުރެމުންނެވެ. މިއީ ވަރަށް ވަރަށް ޝައުގުވެރި އެޕިސޯޑަކަށް ވާނެ އެވެ.

ސިދާރްތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީ ވެސް ކަރަންގެ ލިސްޓުގައި ހިމެނެ އެވެ. މި ދެ ތަރިންގެ ލޯބީގެ ވާހަކަތައް ވެސް މިހާރު ވަރަށް ހަލުވިކޮށް ދެކެވެމުން ދެއެވެ.

"ކޮފީ ވިތު ކަރަން" ގެ އެންމެ ފަހުގެ ސީޒަންގައި ބައިވެރިވެ ވިކީ ވަނީ ކެޓުރީނާ އަށް އޭނާގެ ހިތުގައި އޮތް ގަދަރު ހާމަ ކޮށްފަ އެވެ. އަދި ކެޓުރީނާ ވެސް ވިކީގެ ފިލްމުތަކުގައި އޭނާ ކޮށްފައިވާ މަސައްކަތްތަކާ މެދު ވަރަށް ގަޔާވާ ކަމަށް ކަރަން ބުނުމާއެކު އެ ވާހަކަ ގަބޫލުކުރަން ދަތިވެގެން ހޭނެތިގެން ސޯފާ މައްޗަށް ވެއްޓޭ ކަމަށް ވިކީ ހެދެ އެވެ.

ވިކީ އާއި ކެޓުރީނާ އެކުގައި ޕާޓީތަކާއި އިވެންޓްތަކުން މާ ގިނަގިނައިން ފެންނަން ފެށީ މި އެޕިސޯޑް ދެއްކިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. ނަމަވެސް މި ދެ ތަރިންގެ މެދުގައި ލޯބީގެ ގުޅުމެއް އޮންނަ ކަމަކަށް ވިކީ ވެސް ކެޓުރީނާ ވެސް އެއްބަހެއް ނުވެ އެވެ.

ވިކީ އެންމެ ފަހުން ދީފައިވާ އިންޓަވިއުގައި ވެސް ނޫސްވެރިއަކު މިފަދަ ސުވާލެއް ކުރުމުން ބުނެފައިވަނީ މި ވާހަކަތަކާ ބެހޭ ގޮތުން ބުނާނެ އިތުރު އެއްޗެއް ނެތް ކަމަށާއި ކޮންމެ މީހަކަށް ވެސް އެމީހެއްގެ ޒާތީ ދިރިއުޅުން ހިމާޔަތްކުރުމުގެ ހައްގު އޮންނަން ވާނެ ކަމަށް ދެކޭ ކަމަށެވެ.

އޭނާ އިތުރަށް ބުނީ ލޯތްބާއި މުޅި ދުނިޔޭގައިވެސްވާ އެންމެ ރީތި އަދި އެންމެ އުފާވެރި އިހްސާސް ކަމަށާއި ލޯތްބެއް ލިބުމަކީ އޭނާގެ ހަޔާތުގައި ވެސް ހޭދަވާނެ އެންމެ އުފާވެރި ދުވަސްތަކަށް ވާނެ ކަމަށެވެ.