އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ ޝަޖާޕޫރްގެ ހޮސްޕިޓަލެއްގައި 80 އަހަރުގެ ފިރިހެނަކު އެނދުގައި ބަނދެފައި އޮއްވާ ފެނިއްޖެ އެވެ. މިމީހާ ބަނދެފައި އޮތީ ހޮސްޕިޓަލުގެ ބިލުތަކަށް ފައިސާ ނުދެއްކިގެނެވެ.
މި މީހާ އެނދުގައި ބަނދެފައި އޮތް މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު ގިނަ ބަޔަކު މިކަމާ ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ޝިވްރާޖް ސިންގް ޗައުހާން ވަނީ މި މީހާ އަށް އިންސާފު ހޯދައިދޭނެ ކަމަށް ވިދާޅުވެފަ އެވެ.
ޗީފް މިނިސްޓަރުގެ އަމުރަށް ޝަޖާޕޫރް ޑިސްޓްރިކްޓް ކަލެކްޓާ އާއި އޭނާގެ ޓީމުން މިހާރު ވަނީ ހޮސްޕިޓަލަށް ގޮސް މިކަން ހިނގި ގޮތް ތަހުގީގު ކުރަން ފަށާފަ އެވެ. އަދި ފުލުހުން ވެސް މައްސަލަ ބަލަމުންދާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ.
މިކަން ކުރި މީހުން ހޯދައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި އެއްވެސް މީހަކަށް ސަލާމަތުން ނުފިލޭނެ ކަމަށް ޗީފް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
އިންޑިޔާގެ ނޫސްތަކުން ބުނާ ގޮތުގައި ފަގީރު އަދި ކުޑަ އަވަށެއްގައި ދިރިއުޅޭ މި މީހާ މި ހަފުތާގެ ކުރީކޮޅު މި މީހާ ޝަޖާޕޫރް ޑިސްޓްރިކްޓް ހޮސްޕިޓަލަށް ގެނައީ ބަނޑުގެ ބައްޔަކަށް ފަރުވާ ކުރާށެވެ. ފަރުވާއަށް ފަހު މި މީހާ ހޮސްޕިޓަލުން ދޫކޮށްލަންވެގެން ބިލްތަކަށް ފައިސާ ދައްކަން ބުނުމުން އާއިލާގެ މީހުންނަށް އެފައިސާ ހަމަޔަށް ނުދެއްކުނީ އެވެ.
އެ މީހާގެ އަންހެން ދަރިފުޅު ވަރަށް ގިނަ ފަހަރު މަތިން ފައިސާ ހޯދައިގެން ހޮސްޕިޓަލަށް ދައްކާފައި ވެއެވެ. ނަމަވެސް ބިލަށް އެއްކޮށް ފައިސާ ދެއްކޭގޮތް އޭނާއަށް ނުވީ އެވެ.
ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން ގިނަ ބަޔަކު ހާލުގައި ޖެހި އަތްމަތި ހުސްވެފައިވާ މި ދުވަސްވަރު ހުރިހާ އެންމެންނަށް ވެސް އޯގާތެރިކޮށް ކަންތައް ކުރުމަށް ކަމާ ބެހޭ ސަރުކާރުގެ އިދާރާތަކުން އަބަދުވެސް އިލްތިމާސް ކުރަމުންދާ ކަމަށާއި ނަމަވެސް ބައެއް މީހުންގެ އަމަލުތައް އަދިވެސް އިސްލާހުނުކޮށް މީހުންނާ ދޭތެރޭ އިހާނެތިކޮށް ކަންތައްތައް ކުރަނީ ކަމަށް މައި ސަރުކާރުން ބުނެފައި ވެއެވެ.