ހިޔާ މަޝްރޫއު

7،000 ފެލްޓަށް 11،000 ލިޔުން ދީފައިވޭ: ހައުސިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމުގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭނެ ކަމަށް 11،000 މީހުނަށް ލިޔުން ދީފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމުގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ 7000 ފްލެޓް ހަވާލު ކުރުން ފަސްވެފައިވާތީ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި އެ ފްލެޓްތައް ހަވާލު ކުރުމުގެ މަސައްކަތް އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ފެށޭނެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާއަށް ވިދާޅު ވެވުނީ އޮޅުމަކުން ކަމަށް ބުނެފައިވާތީ ފާޑުކިޔުން ވަނީ ބޮޑުވެފައެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ ހިޔާ މަޝްރޫއުގައި 7،000 ފްލެޓް ހިމެނޭ ކަމަށް ބުނި ނަމަވެސް ހުރީ 6860 ފްލެޓް ކަމަށެވެ. އަދި އެ ފްލެޓްތައް ލިބޭނެ ކަމުގެ ލިޔުން 11،000 މީހަކަށް ދޫކޮށްފައިވާ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އަގު ވަރަށް ބޮޑު ކަމަށާ 550 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް 82398 ޑޮލަރު ހަރަދު ކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އަކަފޫޓަކަށް 2300 ރުފިޔާވެފައިވާ ކަމަށާ އެ ހަރަދުކޮށްފައިވަނީ ފިނިޝިން މަސައްކަތްވެސް ނުހިމަނާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފްލެޓްތައް ހަވާލުކުރުން ލަސްވަނީ ފިނިޝިން މަސައްކަތް ނިންމުމަށް ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭނެ ކަމަށް 11،000 މީހުންނަށް ލިޔުން ދީފައިވާތީ ރައީސް އުފައްދަވާފައިވާ ފްލެޓް ކޮމެޓީން ދަނީ އެކަން ބަލަމުންނެވެ. އަދި އައު ލިސްޓެއް އެކުލަވާލުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެހެން ކަމުން ލިޔުން ލިބުނު ގިނަ ބަޔަކަށް ފްލެޓް ނުލިބޭނެކަން ވަނީ ޔަގީންވެފައެވެ.

"ހިޔާ" ފްލެޓަކަށް ކުލީގެެ ގޮތުގައި މަހަކު 11،000 ރުފިޔާ އަރާ ކަމަށާއި، ސަރުކާރުން ސަބްސިޑީތަކެއްދީގެން އެ އަދަދު 6،000 ރުފިޔާއަށް ކުޑަކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ.

ފްލެޓުތަކުގެ ޖާގަ ތަނަވަސްކޮށް ބަދަލުތައް ގެނައުމުން ދެ ކޮޓަރީގެ ފްލެޓަކަށް 13،000 ރުފިޔާ އަދި ތިން ކޮޓަރީގެ ފްލެޓަކަށް 23،000 ރުފިޔާ އަރާކަމަށް ސަރުކާރުން ކުރި ދިރާސާއަކުން ދައްކާކަމަށް މިދިޔަ އަހަރު ނޫސްވެރިންނާ ބައްދަލްކުރައްވާ ރައީސް ވިދާޅުވިއެވެ.

ނަމަވެސް ކުރީ ސަރުކާރުގެ ވެރިން އެ ވާހަކަތައް ދޮގުކުރެއެވެ. "ހިޔާ މަޝްރޫއު" ދަށުން އިމާރާތް ކުރި ކޮންމެ ފްލެޓަކުން މަހު ކުއްޔަށް 5600 ރުފިޔާ ނަގަން ނިންމާފައިވާ ކަމަށާއި ކުލީގެ ގޮތު މަހަކު 7000 ރުފިޔާ ނެގިއަސް 15 އަހަރު ތެރޭގައި ފައިދާ ވާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވަނީ ޓްވީޓާާ މެދުވެރިކޮށް އެ ހިސާބުތައް ވެސް ހިއްސާ ކުރައްވާފަ އެވެ. އެގޮތުން މަޝްރޫއަށް 434 މިލިއަން ޑޮލަރު ހަރަދުވެފައިވާއިރު، މަޝްރޫއާ ގުޅިގެން ކޮށްފައިވާ ހިންގުމާއި އިދާރީ ހަރަދުތަކާއެކު ޖުމުލަ 563 މިލިއަން ޑޮލަރު އަރަ އެވެ. އަދި ކޮންމެ މަހަކު ކޮންމެ ފްލެޓަކުން 7000 ރުފިޔާ ނަގަނާމަ 15 އަހަރުގެ ތެރޭގައި އެޗްޑީސީއަށް 572 މިލިއަން ޑޮލަރު ލިބެ އެވެ.

މީގެ އިތުރުން ހިޔާ މަޝްރޫއުގެ ފްލެޓަކުން ކުލީގެ ގޮތުގައި މަހަކު 5600 ރުފިޔާ ކަމުގައި އޮކްޓޯބަރު 17، 2018 ގައި ރައީސް ޔާމީން ނިންވަމައި އެޗްޑީސީއަށާއި ހައުސިން މިނިސްޓްރީއަށް އެންގެވި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. މިއީ ރައީސް ޔާމީންގެ ވެރިކަން ބަދަލުވި ފަހުން އަދި މި ސަރުކާރުގެ އަގުތައް އިއުލާން ކުރުމުގެ ކުރިން ވެސް މުއިއްޒު ވިދާޅުވެފައިވާ ވާހަކައެވެ.