މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ހިނގައިދިޔަ ހަމަނުޖެެހުންތަކުގެ ތެރެއިން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް އަނިޔާކުރި މައްސަލަ ޔޫރަޕިއަން ކޮންޒަވޭޓިވްސް އެންޑް ރިފޯމިސްޓް ޕާޓީ (އީސީއާރް) އިން ކުށްވެރިކޮށްފި އެވެ.
ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ބޭއްވި އެ ޖަލްސާގައި ރިޔާސަތުން ޝިޔާމްގެ ނަން އިއްވި އެވެ. އެކަމަކު ތަޅުން ދޫކުރައްވައި ވަޑައިގަންނަވަން އޭނާ ދެކޮޅު ހެއްދެވި އެވެ. އޭނާ ތަޅުމުން ނެރުނީ އެމްޑީޕީގެ މެންބަރުން އޭނާ ވަށާލައި "ހިފައިގަނެގެން" ގެންގޮހެވެ. މެންބަރުން އެ ގޮތަށް އަމަލު ކުރީ ރިޔާސަތުގައި އިންނަވައިހެން ހަރުއަޑުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމަށް އެންގުމާއި ގުޅިގެންނެވެ.
ޔޫރަޕްގައި ނުފޫޒު ގަދަ އީސީއާރް ޕާޓީން ވަނީ ޝިޔާމަށް ހަމަލަދިން މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި އެމްޑީޕީގެ މެންބަރުން ޝިޔާމަށް ހަމަލަ ދިނުން ބަލައި ނުގަންނަ ކަމަށް ބުނެފައި ވެއެވެ. އަދި އޭނާއަށް ލިބުނު އަނިޔާތަކާއި ގުޅިގެން ހޮސްޕިޓަލުން ފަރުވާ ހޯދަން ޖެހުނު ކަމަށާ އެ މައްސަލަ ފުލުހުން ބަލަމުންދާކަން ވެސް ފާހަގަ ކޮށްފައި ވެއެވެ.
މީގެ އިތުރުން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ބޭއްވި މުހިންމު އެ ޖަލްސާ ފަހުން ކުރިއަށް ގެންދިޔައީ ޗެންބަރަށް އިދިކޮޅުގެ މެންބަރުން ނުވައްދާ ދޮރުތައް ތަޅުލައި އިދިކޮޅުގެ ނުވަ މެންބަރުންގެ ހައްގު ގެއްލުވާލައިގެންކަން ވެސް ފާހަގަކޮށްފަ އެވެ.
މިއީ ރާއްޖެ ބަލައިގެންފައިވާ ޑިމޮކްރަސީގައި ފަހަތަށް އެޅި ފިޔަވަޅެއް ކަމުގައި އެ ޕާޓީން ބުނެފައިވާއިރު ޝިޔާމަށް ހަމަލަދިން މައްސަލައާއި ގުޅިގެން މިއަދުގެ މަޖިލީހުގެ ޖަލްސާ އިދިކޮޅުން ބޮއިކޮޓް ކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
އީސީއާރުން ވަނީ އެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރުމުގެ ފުރުސަތު ދޭން ސަރުކާރަށް ގޮވާލާފަ އެވެ. އަދި ޑިމޮކްރަސީގެ އަސާސްތައް ނަގަހައްޓާ، އިދިކޮޅުގެ އަޑު ކަނޑުވާލުމުގެ މަސައްކަތް ހުއްޓާލަން ވެސް ގޮވާލާފައި ވެއެވެ.