އިދިކޮޅު ފަރާތްތައް

ރައްކާތެރިކަމެއް ނެތް، ބުދަ ދުވަހުގެ ޖަލްސާވެސް ބޮއިކޮޓް: އިދިކޮޅު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް އިދިކޮޅު ކޯލިޝަންގެ މެންބަރުން ބޮއިކޮޓް ކުރަން ނިންމާފައިވާ ނިންމުމުގެ ދަށުން މާދަމާގެ ޖަލްސާވެސް ބޮއިކޮޓް ކުރުމަށް ނިންމައިިފި އެވެ.

މިއީ ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ފެށިގެން ފަހުން އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ މެންބަރުން ސިލްސިލާ ގޮތެއްގައި ޖަލްސާތައް ބޮއިކޮޓްކުރަން ފެށި ފުރަތަމަ ފަހަރެވެ.

އިދިކޮޅު ކޯލިޝަންގެ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޖަލްސާތައް ބޮއިކޮޓް ކުރަނީ ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް އަނިޔާ ކުރުމުން މެންބަރުންނަށް އޮންނަންޖެހޭ ސަލާމަތާއި ރައްކާތެރިކަން ނެތުމުން ކަމަށެވެ.

ޝިޔާމަށް އަނިޔާ ކުރި ކަމަށް ތުހުމަތުކޮށް މަޖިލީޙުގެ ރައީސް މުހައްމަދު ނަޝީދަށާއި އެ ކަމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް އިދިކޮޅު ކޯލިޝަނުން ސިޓީއެއް ވެސް ފޮނުވާފައިވެ އެވެ. ޕީޖީން މި ކަމުގައި އަދި ވަކި އެއްޗެއް ނުބުނެ އެވެ.

މި މައްސަލަ ޝިޔާމް ފުލުހަށް ރިޕޯޓް ކުރެއްވި އެވެ. އޭގައި ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާނެ ކަމަށް ފުލުހުން ބުނެފައިވާއިރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް އެހެން ވިދާޅުވެފައިވެ އެވެ. އެއާ ގުޅިގެން ރައީސް ނަޝީދާއި އެމްޑީޕީގެ މެންބަރުން ނުރުހުން ފާޅު ކުރައްވާފައިވެ އެވެ.

ޝިޔާމަށް އަނިޔާވުމުން އޭނާ ވަނީ އޭޑީކޭއިން ފަރުވާ ހޯއްދަވައިފަ އެވެ.