ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަރީގެ މައްސަލަތަކެއް ނިންމައިފި

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަރީގެ މައްސަލަތަކެއް ފެމިލީ ކޯޓުން ނިންމައިފި އެވެ.

ފެމިލީ ކޯޓުން ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމާގުޅިގެން ސަރުކާރު ބަންދުކޮށްފައިވާތީ ޝަރީއަތްތަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށެވެ. އެގޮތުން ލޮކްޑައުންގެ ކުރިން ހުށަހަޅާފައިވާ ވަރީގެ މައްސަލަތަކެއް އެ ކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނިންމާފައިވާ ކަމަށް ބުންޏެވެ.

ކޮވިޑް-19 އައި ފަހުން އެ ކޯޓުގައި ވަރީގެ 19 މައްސަލައެއް ރެޖިސްޓްރީ ކޮށްފައިވާ ކަމަށާއި މި މައްސަލަތަކުގެ ތެރޭގައި ގެވެށި އަނިޔާއާއި ގުޅިގެން ވަރިވާންއެދި ހުށަހަޅާފައިވާ މައްސަލަތަށްވެސް ހިމެނޭ ކަމަށް އެ ކޯޓުން ބުންޏެވެ.

ފެމިލީ ކޯޓުން ނިންމި މައްސަލަތަކުގެ ތެރޭގައި ވަރިވުމަށް އެދި ހުށަހެޅި މައްސަލަތަކާއި ވަރި ސާބިތު ކުރުމަށް އެދި ހުށަހެޅި މައްސަލަތައްވެސް ހިމެނޭ ކަމަށް އެ ކޯޓުން ބުންޏެވެ. މި މައްސަލަތަކުގެ ތެރެއިންވެސް ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަވަސް އަމުރަކަށް އެދި ހުށަހެޅި މައްސަލާގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ބާއްވާ އެ ކޯޓުން އަމުރު ނެރެދީފައިވާ ކަމަށް އެ ކޯޓުން ބުންޏެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެ ކޯޓުގައި ރަޖިސްޓްރީ ކުރެވުނު މައްސަލަތަކީ ވަރިވުމަށް އެދި ހުށަހެޅި ހަ މައްސަލަ އަކާއި ވަރި ސާބިތު ކުރުމަށް އެދި ހުށަހެޅި އަށް މައްސަލަ އަކާއި ގެވެށިއަނިޔާއިން ރައްކާތެރިވުމުގެ އަވަސް އަމުރަކަށް އެދި ހުށަހެޅި އެއް މައްސަލަ އަކާއި ވަރިކުރުމަށް އެދި ހުށަހެޅި އެއް މައްސަލައެއްގެ އިތުރުން
އެހެނިހެން ބާވަތްތަކުގެ ތިން މައްސަލަ ހިމެނެ އެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިތަކެއްވެސް އެ ކޯޓުން ވަނީ ކޮށްދީފަ އެވެ. އެގޮތުން މިހާތަނަށް 52 ކައިވެންޏެއް ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮށްދީފަ އެވެ.