ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އޭޑިކޭ ހޮސްޕިޓަލް

ޓެސްޓް ކޮށްދެނީ ހަރަދުވާވަރަށްވުރެ ކުޑަ އަގެއްގައި: އޭޑީކޭ

ކޮވިޑް-19ގެ ޓެސްޓެއް އޭޑީކޭ ހޮސްޕިޓަލުން ހަދައިދެނީ ވަރަށް ކުޑަ އަގެއްގައި ކަމަށާ އެ އަގާމެދު ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ކޮވިޑް-19ގެ ޓެސްޓެއް އޭޑީކޭ ހޮސްޕިޓަލްގައި ހަދައިދެނީ 675 ރުފިޔާއަށެވެ. އެއަގު ހާމަކުރުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްްދަލްވުމުގައި ބައިވެރިވެވަޑައިގެން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ ކޮވިޑްގެ ޓެސްޓެއް އޭޑީކޭއިން ކޮށްދެނީ ރާއްޖޭގައި އެ ޓެސްޓް ކޮށްދޭނެ އެންމެ ހެޔޮ އަގުގައި ކަމަށެވެ.

އައްފާލް ވިދާޅުވީ ހޮސްޕިޓަލެއްގައި ޕީސީއާރު މެޝިނެއް ބެހެއްޓުމަކުން ޓެސްޓްތައް ނުކުރެވޭނެ ކަމަށާ އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެކަމަށް އެތައް މުވައްޒިފުނެއް ހާއްސަކުރަން ޖެހޭ ކަމަށާ މުވައްޒިފުން ތިބެން ޖެހެނީ ޕީޕީއީ އަޅައިގެން ކަމަށްވެސް ވިދާޅުވިއެވެ.

"ހަގީގަތުގައި ޕީސީއާރު މެޝިނެއް ގެނެސް ބެހެއްޓުމަކުން ޓެސްޓެއް ނުހެދޭ. ވަރަށް ގިނަ ވަރަށް މަރުހަލާތަކެއްދޭ، ހަގީގަތުގައި ލެބެއްގެތެރޭ އައު ލެބެއް ހަދަން މިޖެހެނީ. އެހެންވީމަ މިއީ ވަރަށް ބައިވަރު މަސައްކަތްތައް. ޕީސީއާރު މެޝިނެއް ހޯދުމަށް އަޅުގަނޑުމެން އޯޑަރުކޮށްފިން ފެބްރުއަރީގައި. ނަމަވެސް ދުނިޔޭގައި މިކަމަށް އޮތް ޑިމާންޑްގެ ބޮޑުކަމުން މެޝިން މި ލިބުނީ މެއި މަހުގައި."

އައްފާލް ވިދާޅުވީ މި ހުރިހާ ކަމަކަށް ކުރެވޭ ހަރަދަށް ބަލާއިރު މިހާރު ނަގަމުންދާ އަގަކީ ވަރަށް ކުޑަ އަގެއް ކަމަށެވެ. އެ އަގުގައި ކޮށްދެނީ ގައުމަށް ދިމާވެފައިވާ މި ހާލަތުގައި ރައްޔިތުންނާއި ދައުލަތަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

އޭނާ ވިދާޅުވީ އޭޑީކޭގެ މަގްސަދަކީ ގިނަ އަދަދެއްގެ ޓެސްޓްތަކެއް ހަދައިގެން ފައިސާ ހޯދުން ނޫން ކަމަށެވެ.

"ހަގީގަތަށް ބަލައިފިނަމަ އަޅުގަނޑަށް ވަރަށް ޔަގީންކަމާއެކު ދަންނަވާލަން އިނގޭ މީގެ ޔުނިޓް ކޯސްޓެއް ހަދައިފި ކަމުގައިވާނަމަ ޓެކްސްޕޭޔަރަކު ދައްކާނެ އެންމެ ކުޑަ އަގޭ މި ނަގަނީ."

ރާއްޖޭގައި ކޮވިޑަށް ޓެސްޓް ކުރަނީ އައިޖީއެމް ހޮސްޕިޓަލާއި އޭޑީކޭގެ އިތުރުން ފުލުހުންގެ ލެބުގަ އެވެ. އައިޖީއެމް ހޮސްޕިޓަލްގައި ދުވާލަކު 600 ސާމްޕަލް ކުރެވެއެވެ. އޭޑީކޭއިން 500 ސާމްޕަލް ޓެސްޓް ކުރެވޭއިރު ޕޮލިސް ލެބުން ދުވާލަކު ކުރެވެނީ 145 ޓެސްޓެވެ.