ވޮލްސްވޭގަންއިން ކާރު އުފެއްދުމުގެ ސިނާއަތުގައި ހިފަހައްޓަން ކަނޑައަޅާފައިވާ މިންގަނޑު ތަކާއި ހިލާފުވެފައިވާ ކަމަށް އެ ކުންފުނިން ވަނީ އެއްބަސްވެފައެވެ. ކާރު އުފައްދާ ކުންފުނި ތަކުން ބޯލަނބަން ޖެހޭ ވަކި އުސޫލުތަކަކާ މިން ތަކެއް ހުންނައިރު، ކާރުގެ އިންޖީނުން ޖައްވަށް ދޫކުރާ ވިހަ މާއްދާތަކުގެ މިންގަނޑު ވަކި ވަރެއް ގައި ހިފެހެއްޓުން ވެސް އޭގެ ތެރޭގައި ހިމެނެއެވެ. މި މިންގަނޑުތައް ވޮލްސްވޭގަނުން ހިފަހައްޓާތޯ ބެލުމަށް ކުރި ޓެސްޓު ތަކުގައި އެކުންފުނިން ވަނީ އެތައް ފަހަރެއްގެ މަތިން މަކަރު ހަދާ އޮޅުވާލާފައެވެ. މިގޮތަށް އޮޅުވާލައިގެން އެ ކުންފުނިން އެގާރަ މިލިއަން ވެހިކަލް މާކެޓަށް ނެރެފައިވެއެވެ.
ސީއީއޯ މާޓިން ވިންޓަކޯން ދެ ފަހަރެއްގެ މަތިން އާންމުންގެ ކިބައިން މާފަށް އެދި، އެއާ ވިދިގެން މަގާމުން އިސްތިއުފާ ދީފައި ވާއިރު، ޓެސްޓު ތަކުގައި މަކަރު ހެދިކަން އެނގޭ ކަމަކަށް އޭނާ އެއްބަހެއް ނުވެއެވެ. "އާ ފެށުމަކަށް ކުންފުންޏަށް ފުރުސަތު ދިނުމުގެ ގޮތުން އަހަރެން އިސްތިއުފާ ދެން. މައުލޫމާތު ހާމަ ކުރުމާއި ދެފުށް ފެންނަ ސިޔާސަތުތައް ދަމަހައްޓަން ޖެހޭ. ގެއްލިފައިވާ އިތުބާރު ކުންފުންޏަށް ލިބޭނެ ގޮތަކީ އެއީ." ވިންޓަކޯން ބުނެފައި ވެއެވެ.
ކުންފުނީގެ އެންމެ މަތީ މަގާމާ ދެން ހަވާލު ވަނީ ކާކު ކަމެއް އަދި ހާމަ ކޮއްފައެއް ނުވެއެވެ. މާދަމާ އޮންނަ އެ ކުންފުނީގެ ބޯޑް މީޓިން ގައި މިކަމަށް ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ. އެމެރިކާގެ ތިމާވެށި ހިމާޔަތް ކުރާ އޭޖެންސީން ބުނީ ވޮލްސްވޭގަން ގެ މައްޗަށް 18 ބިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.
އިސްތިއުފާދިން ސީއީއޯ ވިންޓަކޯން އަކީ މިދިޔަ އަހަރު ފޯބްސް އިން އިއުލާނު ކުރި ދުނިޔޭގެ އެންމެ ނުފޫޒު ގަދަ މީހުންގެ ލިސްޓުގެ 58 ވަނަ އެވެ. މިއީ މެކްސިކޯ އަދި ޖަޕާނުގެ ވެރިންނަށް ވުރެ މަތީ ވަނަ އެކެވެ. އެކަމަކު އިސްލާމިކް ސްޓޭޓުގެ ލީޑަރު ބަގުދާދީ އަށް ވުރެ ދަށް ވަނައެކެވެ.