އެމްޑީޕީގެ މެންބަރުން ޒާތީވެ، ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލައިގެން އެ މުއައްސަސާގެ މައްސަލަތައް ހައްލު ނުވާނެ ކަމަށާއި އެކަންކަން ރަނގަޅު ކުރުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅު ވެއްޖެ އެވެ.
ސަރުކާރު ފަރާތުން ހުށަހެޅި ފުލުހުންގެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ގިނަ މެންބަރުން ވަނީ އެ މުއައްސަސާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އިތުރަށް ބާރު ދިނުމާ ދެކޮޅު ހަދާފަ އެވެ. އަދި ކޮރަޕްޝަނާއި ބޮޑެތި މައްސަލަތަކުގެ ތަހުގީގަށް ހުރަސް އަޅާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައެއް އެމްޑީޕީ މެންބަރުން ތުހުމަތު ކުރި އެވެ.
އެ ބިލަށް ބަހުސް ކުރައްވަމުން އެފަދަ މެންބަރުންގެ ވާހަކަތަކަށް އިޝާރަތް ކުރައްވާ، ޝަރީފު ވިދާޅުވީ ފުލުހުންގެ ތެރޭގައި ނުރަނގަޅު ކަންކަމާއި އަނިޔާ ކުރުން ފަދަ ބޮޑެތި މައްސަލަތައް ހިނގާފައިވާ ކަމަށާއި ނަމަވެސް އެ މުއައްސަސާއިން ރައްޔިތުންނަށް ކޮށްދޭ މަސައްކަތުގެ އަގު ވެސް ވަޒަން ކުރަން ޖެހޭ ކަމަށެވެ.
ފުލުހުންނަކީ މުހިންމު މަސައްކަތްތެއް ކުރާ ބައެއް ކަމަށާއި އެ މުއައްސަސާގެ މަދު ބަޔަކު ކުރާ ކަމެއްގެ ސަބަބުން މެންބަރުން ޒާތީވެ އަބަދާ އަބަދު މުޅި މުއައްސަސާގެ އަގު ވައްޓާލާ ނަމަ ރައްޔިތުން ފުލުހަށް އިތުބާރެއް ނުކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ޒާތީވެ ފުލުހުންގެ މަދު ބަޔަކު ކުރި ގޯސް ކަމަކާ ހެދި މުޅި އިދާރާ ތަޣައްޔަރުކޮށް އެއީ މުޅި އިދާރާގެ ނަން ހަރާބު ކުރެވޭ ގޮތަކަށް ބަހުސް ކުރުމަކީ އަޅުގަނޑުމެންގެ އަމިއްލަ ޕާޓީގެ މެންބަރުން ކުރި ކަމަކަށް ވިޔަސް އަޅުގަނޑު ތާއީދު ކުރާ ކަމެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.
ރާއްޖޭގައި ކުރާ ކުށުގެ އަދަދު މައްޗަށް ދާއިރު ކުށްވެރިންނަށް އޮތް ފުރުސަތު ފުޅާވާ ގޮތަށް ފުލުހުންނަށް ފާޑު ކިޔައި އެ މުއައްސަސާއަށް ދޭން ޖެހޭ ބާރުތަކާއި ވަސީލަތްތައް މަދު ކުރުމުން އަމާންކަން ގެއްލޭނެ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ. އަދި ފުލުހުން ޓޭޒާ ގަން ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި އެ ވަސީލަތް ބޭނުން ކުރަން ފުރުސަތު ދޭން ޖެހޭ ކަމަށާއި އެހެނިހެން ވަސީލަތްތައް ވެސް ދީ މުއައްސަސާ ވަރުގަދަ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާނަމަ އެކަން ބެލުމާއި ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމަށް ގާނޫނުތަކާ ގަވައިދުތައް ހެދުމަކީ މަޖިލީހުގެ ޒިންމާއެއް ކަން ހަގަ ކުރައްވާ އޭނާ ވިދާޅުވީ ހަދަން ޖެހޭ ގާނޫނުތައް ނުހަދާ މެންބަރުންގެ މައްސޫލިއްޔަތުތައް އަދާ ނުކޮށް ދުރުގައި ތިބެގެން ފާޑު ކިޔުމަކީ ފަސޭހަ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީއާ ބައެއް އިއްޒަތްތެރި މެންބަރުންނާ ދޭތެރޭ ކުރިން ކަންތައްކޮށްފަ ހުރި ގޮތުން އެއީ ގޯސްކަންކަން ކަން އަޅުގަނޑު އެއްބަސްވަން. އެހެނޭ ކިޔާފައި ފުލުހުންގެ މައްސޫލިއްޔަތާއި ވާޖިބު އަދާ ކުރަން ބޭނުންވާ ވަސީލަތްތައް ނުދީ ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތާއި ރިސޯސް ނުދިނީމަ ކިހިނެތްތޯ ވަނީ،" ޝަރީފު ސުވާލު ކުރެއްވި އެވެ.