ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑްގެ ބިރާއެކުވެސް ބައެއް އާދަތައް ބަދަލެއް ނުވޭ

ކޮވިޑް-19 ޖެހިދާނެތީ އެންމެން ވެސް ބިރު ގަނެ އެވެ. ނަމަވެސް ދުނިޔޭގެ ބައެއް ގައުމުތަކުގެ މީހުން އެމީހުން ކުރިން ވެސް އުޅެމުން އައި ގޮތް ބަދަލު ކުރާކަށް ބޭނުމެއް ނުވެ އެވެ. އެކަކު އަނެކަކަށް ތިން ފޫޓު ދުރުގައި ތިބެން ސިއްހީ މާހިރުން އަބަދާ އަބަދު އަންގަމުން ދާއިރު ވެސް ބޭރަށް ނުކުމެވޭއިރަށް ގިނަ މީހުން މިކަން ހަނދާނަކު ނުހުރެ އެވެ.

ޚާއްސަކޮށް ފްލައިޓްތަކުގައި ދަތުރުކުރާ އިންޑިޔާ މީހުންގެ މެދުގައި އެއްގޮތަކަށް ވެސް އަދަބު ސަދަބު ނުހުންނަކަން އެ ގައުމުގެ ނޫސްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ. މަތިންދާބޯޓަށް އަރާފައި ފޯނު ނިއްވާ ނުލުމާއި ބޯޓު ޖެއްސުމާއެކު އަވަހަށް ސީޓުން ތެދުވެ އެހެން މީހުންނަށް ވުރެ ކުރިން ބޯޓުން ފައިބަން ކޮއްޕާ ގަޅުވާ ހަދާ މަންޒަރު ވެސް ވަރަށް އާއްމުކޮށް މިފަދަ މީހުންގެ ފަރާތުން ފެނެ އެވެ.

ދާދިފަހުން ފްލައިޓެއް ތެރޭގައި ފޭސް މާސްކާއި ޝީލްޑް އަޅައިގެން ތިބި އިންޑިޔާ ބަޔަކު ބޯޓުން ފޭބި ވަގުތު އެކަކު އަނެކަކާ ޖެހި ފިތި ބާރުވެ އެކަކަށް ވުރެ ކުރިން އަނެކަކު ފައިބަން މަސައްކަތް ކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެ ވަރަށް ގިނަ ބަޔެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.

އެހާ އަވަސް އަރުވާލައިގެން މި މީހުން ބޯޓުން ނުފޭބިގެން އުޅެނީ ކީއްވެތޯ މި ރިޕޯޓުގައި ސުވާލު އުފައްދާފައި ވެއެވެ. އަދި މީހުން ދުރުދުރުގައި ތިބެގެން ލަސް ލަހުން ފޭބުމަށް އިތުރު ދެ ތިން މިނިޓަށް ހޭދަވިޔަސް ކޮބައިތޯ މައްސަލަ އަކީ ވެސް ސުވާލު ކޮށްފައި ވެއެވެ.

އެއާޕޯޓުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކޮށް މީހުންގެ ފޮށިތައް ޑިސްއިންފެކްޓް ކުރުމާއި ޗެކް-އިން ކިއު ގައި ވެސް ދުރުދުރުގައި މީހުންނަށް ތިބެވޭނެ އިންތިޒާމްތައް ހަމަޖައްސާފައި ވިޔަސް މަތިންދާ ބޯޓުން ފައިބާ ވަގުތު މީހުންގެ އަމަލުތައް ބަހައްޓާ ގޮތުން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ވައިރަސް އެރުމުގެ ފުރުސަތު ބޮޑުވެ އެވެ.