ހަބަރު

މަޖިލީހުގައި އިދިކޮޅު ނެތް ކަން ފާހަގައެއް ނުވޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އިދިކޮޅު ކޯލިޝަންގެ މެންބަރުން އާންމުކޮށް ވެސް ވަގުތަށް ޖަލްސާއަށް ވަޑައި ނުގަންނަވާ ކަމަށާއި އެހެންކަމުން މިއަދުގެ ޖަލްސާއަށް ވެސް އެ މެންބަރުން ވަޑައިގެންފައި ނުވާ ކަން އެންމެ ފުރަތަމަ ފާހަގަ ނުކުރެވުނު ކަމަށް އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ މެންބަރުން ވަނީ މިއަދުގެ ޖަލްސާ ބޮއިކޮޓް ކޮށްފަ އެވެ. އިދިކޮޅު މެންބަރުން ޖަލްސާ ބޮއިކޮޓް ކުރި ސަބަބަކީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ޖަލްސާގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން އެ ކޯލިޝަންގެ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް އަނިޔާވުމުންނެވެ.

އެ ޖަލްސާގައި ޝިޔާމްގެ ނަން ރައީސް ނަޝީދު އިއްވި އެވެ. އެކަމަކު ޖަލްސާ ދޫކުރައްވަން ޝިޔާމް ދެކޮޅު ހެއްދެވި އެވެ. ތަޅުމުން ޝިޔާމް ނެރުނީ އެމްޑީޕީގެ މެންބަރުންތަކެއް އޭނާ ވަށާލައި "ހިފައިގަނެގެން" ގެންގޮހެވެ. އެކަމުގެ ތެރޭގައި ޝިޔާމަށް އަނިޔާވުމުން އޭނާ ވަނީ އެ މައްސަލަ ފުލުހަށް ވެސް ރިޕޯޓްކޮށްފަ އެވެ. ފުލުހުން ދަނީ މައްސަލަ ބަލަމުންނެވެ.

މިއަދުގެ ޖަލްސާ އިދިކޮޅު މެންބަރުން ބޮއިކޮޓް ކޮށްފައިވަނިކޮށް، ޖަލްސާގެ އެޖެންޑާގައި ފުރަތަމަ ކަމަކަށް ހިނާފައި ވަނީ ވެސް އިދިކޮޅު ޕީއެންސީގެ މެންބަރު އަދި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ހުށަހެޅުއްވި ގަރާރެކެވެ. އެއީ އެ ދާއިރާގައި ހިމެނޭ ފުލިދޫގެ ގޮނޑުދޮށް ގިރާތީ މިދިޔަ ފެބްރުއަރީ މަހު އޭނާ ހުށަހެޅުއްވި ގަރާރެކެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ، ފަޒުލް ޖަލްސާއަށް ވަޑައިނުގަންނަވާތީ ގަރާރު ކުރިއަށް ގެންދެވެން ނެތް ކަމަށެވެ. ފަޒުލްއާއެކު އުޅުއްވާ މަދު މެންބަރުންތަކެއް ވެސް މިއަދުގެ ޖަލްސާއަށް ވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެއީ އާންމުކޮށް ވެސް ވަޑައިނުގަންނަވާ މެންބަރުންނަށްވާތީ އެ ކަން ފާހަގަ ނުވާ ކަމަށެވެ.

"އިއްޒަތްތެރި މެންބަރު [ފަޒުލް] ތަޅުމުގައި ވަޑައިގެން ނެތް. އެ މެންބަރާއެކު އުޅުއްވާ ދެތިން މެންބަރުން ވެސް ވަޑައިނުގަންނަވާ. އެ ކަން ފާހަގަ ނުވަނީ އެ އިއްޒަތްތެރި މެންބަރުންނަކީ އާންމުކޮށް ވެސް މި ތަނަށް ވަޑައިގަންނަވާ މެންބަރުންނަށް ނުވާތީ ކަމަށް ވެދާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަަޝީދު ވިދާޅުވީ، އެ އިއްޒަތްތެރި މެންބަރުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ މަޖިލީހުގެ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެއީ އެ މެންބަރުން ތަމްސީލު ކުރައްވާ ދާއިރާގެ ރައްޔިތުން ވެސް ބޭނުންވާނެ ގޮތެވެ.

"އަޅުގަނޑު އެދެނީ އިއްޒަތްތެރި މެންބަރު [ފަޒުލް] މި ތަނަށް [މަޖިލީހަށް] ވަޑައިގަންނަވަން. ދާއިރާގެ ރައްޔިތުން ވެސް އެދޭނީ ވެސް މި ތަނަށް ވަޑައިގެން މަސައްކަތް ކުރައްވަން. އެކަމަކު މިއަދު އެ ގޮތަށް ވެފައެއް ނުވޭ." ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން މެންބަރެއްގެ ނަން އިއްވުމަށް ފަހު ތަޅުން ދޫކުރައްވަން ދެކޮޅު ހައްދަވާނަމަ މެންބަރަކު ނެރެން އޮންނަނީ މަޖިލީހުގެ ސާޖެންޓް އޮފް އާމްސް މެދުވެރިކޮށެވެ. ނަމަވެސް އެ ޖަލްސާގައި އެމްޑީޕީގެ މެންބަރުންތަކެއް ޝިޔާމް ނެރުމުން މަޖިލީހަށާއި ރައީސް ނަޝީދަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައިވެ އެވެ.

ޝިޔާމަށް އަނިޔާވުމުން އޭނާ ވަނީ އޭޑީކޭއިން ފަރުވާ ހޯއްދަވައިފަ އެވެ. ޝިޔާމްގެ މައިބަދައަށާއި މޭކަށިގަނޑަށް އަނިޔާތަކެއް ލިބިފައިވާތީ ހިނގާބިނގާ ވެސް އުޅެން ދަތި ކަމަށް އޭނާ ވިދާޅުވެ އެވެ. އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ދާން ޖެހިދާނެ ކަމުގެ އިޝާރާތެއް ޑޮކްޓަރުން ދީފައިވާ ކަމަށް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.