ކުޅިވަރު

ނިއުކާސަލް ގަންނަން އެމެރިކާ މަހުޖަނަކު ހުށަހަޅަނީ

ނިއުކާސަލް ޔުނައިޓެޑް ގަތުމަށް ސައުދީ އަރަބިއާގެ ސޮވަރިން ފަންޑާއި އިނގިރޭސި ވިލާތުގެ އެހެން ދެ ހިއްސާދާރަކު ގުޅިގެން ހުށަހަޅާފައިވާ ބިޑް ޕްރިމިއާ ލީގުން ގަބޫލު ނުކޮށްފިނަމަ، ނިއުކާސަލް ގަންނަން އެމެރިކާގެ މަހުޖަނެއް ތައްޔާރު ވެއްޖެ އެވެ.

ނިއުކާސަލްގެ ޗެއާމަން މައިކް އެޝްލީ ވަނީ، އިނގިރޭސި ވިލާތުގެ އަންހެން ވިޔަފާރިވެރިއެއް ކަމަށްވާ އާމަންޑާ ސްޓޭވްލީ އާއި ރިއުބޯން ބްރަދާސް އާއި ސައުދީ ސޮވޮރިން ފަނޑު ގުޅިގެން ހުށަހަޅާފައިވާ ބިޑަށް އެ ކުލަބު ވިއްކާލުމަށް އޭޕްރީލް މަހު އެއް ބަސްވެ ވަޑައިގެންފަ އެވެ. އެ އެއްބަސްވުމުގެ އަގަކީ 300 މިލިއަން ޕައުންޑެވެ.

އެ ބިޑްގެ ހުށަހެޅުން ޕްރިމިއާ ލީގްގައި ރަޖިސްޓްރީކޮށް އެ ބިޑް ފައިނަލް ކުރަން ޖެހޭނެ އެވެ. ކުލަބު ގަންނަން މަސައްކަތް ކުރާ ކޮންސޯޓިއަމުން ވަނީ އެކަމަށް އަދި ޕްރިމިއާ ލީގަށް ހުށަހަޅާފަ އެވެ. ނަމަވެސް ބައެއް ފަރާތްތަކުން ވަނީ އެ މުއާމަލާތް ބަލައި ނުގަތުމަށް ހުށަހަޅާފަ އެވެ. ޕްރިމިއާ ލީގްގެ ބްރޯޑްކާސްޓިން ޕާޓްނަރެއް ކަމަށްވާ ގަތަރުގެ ބީއީން މީޑިއާ އިން ވެސް ވަނީ އެ ހުށަހެޅުން ގަބޫލު ނުކުރަން ޕްރިމިއާ ލީގްގެ ކިބައިން އެދިފަ އެވެ.

ބީއިން މީޑިއާ ގުރޫޕުން ބުނެފައި ވަނީ، ޕްރިމިއާ ލީގް ދެއްކުމުގެ ރައިޓްސް ނެތި ސައުދީން އަރަބިއްޔާއިން ޕްރިމިއާ ލީގް ދައްކާފައިވާ ކަމަށެވެ. ޕްރިމިއާ ލީގުން ކުރިން ބުނެފައި ވަނީ ފަސް ހަފުތާ ތެރޭ ވަކި ގޮތެއް ނިންމާނެ ކަމަށެވެ. އެހެން ނަމަވެސް އޭގެ ފަހުން ދެ މަސް ވީއިރު ވެސް ބިޑާ ބެހޭގޮތުން ވަކި ގޮތެއް ނިންމާފައި ނުވުމުން ސައުދީން ހުށަހާޅާފައިވާ ބިޑް ގަބޫލު ކުރާނެތޯ މިހާރު ވަނީ ސުވާލު އުފެދެ އެވެ.

އެމެރިކާގެ ކްލިއާ ޓީވީ ސީއީއޯ ހެންރީ މައުރިސް ހުންނެވީ، ސައުދީއަށް ނާކާމިޔާބު ވެއްޖެނަމަ ނިއުކާސަލް ގަތުމަށް ތައްޔާރު ވެގެންނެވެ. ޓެލެގްރާފް ނޫހުން ބުނީ، އޭނާގެ ފަރާތުން ނިއުކާސަލްގެ ވެރިންނަށް ވެސް އެކަމަށް އިޝާރާތް ކޮށްފައިވާ ކަމަށެވެ. ކްލިއާ ޓީވީ އަކީ އެމެރިކާގެ އެއާޕޯޓްތަކާށާއި ހޮސްޕިޓަލްތަކަށް ބްރޯޑްކާސްޓިން ހިދުމަތް ފޯރު ކޮށްދޭ ކުންފުންޏެކެވެ. މައުރިސް ވަނީ 2014 ވަނަ އަހަރު އޭނާގެ އަމިއްލަ ކްރެޑިޓް ކާޑު ވިޔާފަރީ ކުންފުންޏެއް އުފައްދާފަ އެވެ.