ހަބަރު

ބްރޯޑްކޮމަށް އަނާ އައްޔަން ކުރަން މަޖިލީޙުން ރުހުން ދީފި

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯކްޑޮމް) ގެ މެންބަރު ކަމަށް ވީޓީވީގެ ސީނިއާ އެޑިޓަރު އަދި ޕްރެޒެންޓަރު އައިމިނަތު އަމީނާ އައްޔަން ކުރުމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ބްރޯޑްކޮމަށް އައްޔަން ކުރުމަށް ފެންނަ ކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ތަޅުމަށް ހަތް ނަމެއް ފޮނުވި އެވެ. އެ ލިސްޓުގައި އެންމެ ފުރަތަމަ އޮތީ އަނާގެ ނަމެވެ. އެހެންކަމުން ވޯޓަށް އެހީ އަނާގެ ނަމެެވެ. އަނާގެ ނަން ފާސްވުމުން އެހެން ނަމަކަށް ވޯޓަކަށް ނާހަ އެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް އަނާ އައްޔަން ކުރަން ރުހުން ދިނުމަށް މަޖިލީހުން ފާސްކުރީ 63 މެންބަރުންގެ ވޯޓުންނެވެ. އަނާއަށް ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓަކަށް ނާހަ އެވެ.

ވީޓީވީގެ ސީނިއާ އެޑިޓަރުގެ މަގާމުގައި ހުންނެވި އަނާއަކީ އެންމެ މޮޅު ވީޑީއޯ ޖާނަލިސްޓްގެ އިނާމާއި އެންމެ މޮޅު އިޖުތިމާއީ ދާއިރާގެ ބްރޯޑްކާސްޓިން ނޫސްވެރިޔާގެ އިނާމު ހޯދާފައިވާ ނޫސްވެރިޔެކެވެ. އަނާ ވަނީ މީީޑިއާ ދާއިރާއިން ޑިގްރީ ވެސް ހާސިލު ކުރައްވައިފަ އެވެ.

އަނާގެ ނަމުގެ އިތުރުން ތަޅުމަށް ފޮނުވި ނަންތަކުގެ ތެރޭގައި ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީނާއި، ސަންގުޓީވީގެ ޕްރެޒެންޓަރު އަހުމަދު ފައިރޫޒްގެ އިތުރުން ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒު ޖަމާލު އަބޫ ބަކުރުގެ ނަން ވެސް ހިމެނެ އެވެ.

ބްރޯޑްކޮމްގެ މެންބަރަކަށް އައްޔަން ކުރަން ކޮމިޓީން ފޮނުވި ލިސްޓުގެ ކުރީގައި އަނާގެ ނަން އޮތްއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުވި ލިސްޓުގެ ކުރީގައި އޮތީ ކުރީގެ ޕްރެޒެންޓަރު ޝިފްލާ އިބްރާހިމްގެ ނަމެވެ. އަނާގެ ނަން އޮތީ ދެވަނައަށެވެ. ނަމަވެސް ކޮމިޓީން އަނާގެ ނަން އިސްކޮށް ޝިފްލާގެ ނަން ލިސްޓުން އުނި ވެސް ކުރި އެވެ.

މީގެ ކުރިން ވެސް ބްރޯޑްކޮމަށް އައްޔަން ކުރުމަށްޓަކައި ރައީސް ފޮނުއްވި ލިސްޓެއްގައި ޝިފްލާގެ ނަން އެންމެ ކުރީގައި އޮތެވެ. އެ ފަހަރު ޝިފްލާގެ ނަން ކޮމިޓީން ފާސްކޮށް ތަޅުމަށް ވެސް ގެންދިޔަ އެވެ. އެކަމަކު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުން ރުހުން ދީފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓް، ގދ. އަތޮޅު ކުރީގެ ކައުންސިލަރު އަހްމަދު ގައިސްގެ ނަމަށެވެ.

ބްރޯޑްކޮމްގައި މިހާރު ތިއްބެވީ އެ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި، ކޮމިޝަންގެ ނައިބު ރައީސް އަހްމަދު ގައިސް އާއި، މެންބަރު ޒީނާ ޒާހިރު އާއި، މެންބަރު އައިމިނަތު ސަހާރަތު އިއްޒަތު އާއި، މެންބަރު އަމްޖަދު ވަހީދުގެ އިތުރުން މެންބަރު އަލީ ޔޫސުފެވެ.

އޭގެ ތެރެއިން އަމްޖަދާއި، ސަހާރަތާއި، ޒީނާއަކީ ކުރީގެ ސަރުކާރުގެ ދުވަސްވަރު ބްރޯޑްކޮމަށް އައްޔަން ކުރި މެންބަރުންނެވެ. ކޮމިޝަންގެ ރައީސް މަރީއާއި، ގައިސް އާއި އަލީ ޔޫސުފަކީ މި ސަރުކާރުގައި އައްޔަން ކުރި މެންބަރުންނެވެ.