ހަބަރު

ނައިފަރާއި ތިމަރަފުށީގެ ގެދޮރުގެ މަސައްކަތް ބާރަށް ކުރިއަށްދޭ: ހައުސިން

ތ. ތިމަރަފުއްޓާއި ޅ. ނައިފަރުގައި ސަރުކާރުން އިމާރާތްކުރުމަށް ނިންމާފައިވާ 100 ހައުސިން ޔުނިޓުތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ނައިފަރުގައި އިމާރާތް ކުރުމަށް ނިންމާފައިވާ ހަތަރު ބްލޮކުގެ 100 ހައުސިން ޔުނިޓުގެ ތެރެއިން ބްލޮކް އޭގެ ކޮންކްރީޓް މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. މި ބްލޮކުގައި ހިމެނެނީ ތިން ކޮޓަރީގެ 28 އެޕާޓްމަންޓް ކަމަށް އޮފިޝަލް ވިދާޅިުވި އެވެ.

ނައިފަރުގައި ސަރުކާރުން އިމާރާތްކުރުމަށް ނިންމާފައިވާ 100 ހައުސިން ޔުނިޓުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާއި ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. މިމަސައްކަތް އާރްސީސީ އާއި ހަވާލުކޮށްފައިވަނީ 72.3 މިލިއަން ރުފިޔާ އަށް ޖުމްލަ 330 ދުވަހުގެ ތެރޭގައި ނިންމާ ހަވާލު ކުރުމަށެވެ.

ތިމަރަފުށީގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓުގެ ތެރެއިން 27 ޔުނިޓެއްގެ ފައުންޑޭޝަން މަސައްކަތް މިހާރު އެއްކޮށް ނިންމައި 16 ޔުނިޓެއްގެ ކޮލަމް މަސައްކަތް މިހާރު ކުރަމުންދާއިރު 10 ޔުނިޓެއް ރޭނުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ތިމަރަފުށީ ހައުސިން ޔުނިޓުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 71.5 މިލިއަން ރުފިޔާއަށް ޖުމްލަ 364 ދުވަސްތެރޭ ނިންމާ ހަވާލު ކުރުމަށެވެ.

މި މަޝްރޫއުގެ ދަށުން އެއްބުރީގެ 100 ހައުސިން ޔުނިޓު އިމާރާތް ކުރާ އިރު ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރިއާއި ތިންފާހާނަ އާއި ބަދިގެ އާއި ސިޓިން ރޫމްގެ އިތުރުން ލޯންޑްރީ ބައެއްވެސް ހިމެނޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އޮފިޝަލް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ގޮންޖެހުންތައް ހުރި ނަމަވެސް އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށެވެ.