ދުނިޔެ

ހައްޖުގެ އެންމެ ބޮޑު ހާދިސާ، ތުހުމަތުތައް ސައުދީ ސަރުކާރަށް

Sep 25, 2015

މިނާގައި ހިލައުކަން ދިޔަ އެތައް ހާސްބަޔަކު ފިތި 717 މީހުން މަރުވުމަކީ މިދިޔަ 25 އަހަރު ދުވަހުގެ ތެެރޭގައި ހައްޖުގެ އަޅުކަމުގައި ހިނގި އެންމެ ހިތާމަވެރި ހާދިސާ އެވެ. އަދި މިއީ މިފަދަ ހާދިސާއެއްގައި އެހާ ގިނަ ހައްޖާޖީން މަރުވި ވެސް ފުރަތަމަ ފަހަރެވެ. އިއްޔެ ހެނދުނު ޖަމްރާއަށް ހިލައުކަން ދިޔަ އެތައް ބަޔަކު ފިތި ބާރުވެ ހިނގި އެ ހާދިސާގައި ސައުދީ ސަރުކާރުން ތަހުގީގު ކުރަން ފަށާފައިވާ އިރު އެ ހާދިސާ ހިނގި ސަބަބާ މެދު އެކި ފަރާތްތަކުން ވާހަކަ ދައްކަނީ އެކި ގޮތަށެވެ. އަދި މަންޒަރު ދުށް ހައްޖާޖީންނާއި ބައެއް ގައުމުތަކުން ތުހުމަތުގެ އިނގިލި ދިއްކޮށްފައި ވަނީ ސައުދީ ސަރުކާރަށެވެ.

އެހެން ނަމަވެސް ސައުދީ ސަރުކާރުން ބުނަނީ އެ ހާދިސާ ހިނގަން ދިމާވީ އަންގާފައިވާ ގޮތާ ހިލާފަށް ބައެއް ހައްޖުވެރިންގެ އަމަލުތައް ބެހެއްޓުމުން ކަމަށެވެ. އެކަމަކު އަދި އެގޮތަށް ނިންމަން މާ އަވަހެވެ. އެއީ އެ ހާދިސާއިން ސަލާމަތްވި މީހުން ދައްކާ ވާހަކަތަކުގައި ވެސް އޮއްޓަރެއް ހުރީމަ އެވެ.

"އަހަރުމެންނަށް ވަކި ދެވޭނެ އެއްވެސް ތަނެއް ނެތް. މަގުތައް އޮތީ ބަންދުވެފައި. އެހާ ހޫނު ގަދަ. އަހަރުމެން ދިޔުމަށް ބުނެފައި އޮތް މަގުން އަަހަރުމެން ދިޔައީ. މީހުންތައް ވެއްޓި ފިތެން ފެށުމުން ވެސް އެތަނަށް ސައުދީ ދިފައިން އެޑެންޓް ކުރީ ވެސް ލަހުން. އަނެއްކާ އެ މީހުންނަށް ދެން ދާންވީ މަގުވެސް ބުނެދޭކަށް ނޭނގުނު،" އެ ހާދިސާއިން ސަލާމަތްވި މިސްރުގެ އަހުމަދު މަހުމޫދު ކިޔައިދިނެވެ.

ދެން އޮތް މައިގަނޑު ސަބަބަކީ މިނާގެ ހޫނުކަން އާދަޔާ ހިލާފަށް އިއްޔެ ބޮޑުވެ، ބައެއް ހައްޖާޖީ އިން އަނބުރައި ގަނެގެން ވެއްޓުމެވެ. އަދި އެވަގުތުގައި ސައުދީގެ އިމަޖެންސީ ފަރާތްތަކަށް އެ ސަރަހައްދަށް އާދެވެނުލެއް ލަސްވުމަކީ ސަބަބެއް ކަމަށް ވެސް ހައްޖާޖީ އިން ބުނެ އެވެ. އަދި މީހުންތައް ފިތި ބާރުވި ވަގުތު މަރުވި މީހުންގެ އަދަދު ގިނަވީ ވެސް އެހެން ވެގެން ކަމަށް ބުނާ ހައްޖާޖީން ވެސް އެބަ ތިއްބެވެ.

މިނާގެ ހޫނުމިން އިއްޔެ 47 ޑިގްރީއަށް އެރި އެވެ.

"އަންނަ މީހުންނާއި ހިލައުކަން ދާ މީހުން ވަކި މަގުތަކަކުން ދެވޭނެ ރަނގަޅު އިންތިޒާމްތަކެއް ނެތްތަން ފެނުނު. ދެބައި މީހުން ގޮސް ފައްތަރުވެ ދެން ފެނުނީ މީހުން ވެއްޓެން ފެށިތަން. އޭގެ އިރުގަނޑެއް ފަހުން ހެލިކޮޕްޓަރުތައް މަތިން އުދުހެން ފަށައި އެމްބިއުލެންސްތައް އަންނަން ފެށީ. އެ ސަރަހައްދުގައި ތިބި ސިފައިން ވެސް ފެނުނީ ތަންކޮޅެއް އާކޮށް އުޅުތަން. އެ މީހުންނަށް ވެސް ހަދާނެ ގޮތެއް ނޭނގިގެން އުޅުނު ކަހަލަ،" މިއީ އަންހެނުންނާ އެކު އެ ހާދިސާ އިން ސަލާމަތްވި، ސައުދީގެ ރައްޔިތަކު ކިޔައިދިން ގޮތެވެ.

އިއްޔެގެ ހާދިސާއާ އެކު ސައުދީ ސަރުކާރަށް ވެސް ސިހުން ލިބުނު އިރު، މީގެ ކުރިން މިފަދަ ހާދިސާއެއް ހިނގީ 2006 ވަނަ އަހަރު އެވެ. އެ ފަހަރު މަރުވީ 364 ހައްޖާޖީންނެވެ. އަދި މިއީ ފަހުގެ ތާރީހެއްގައި މިހާ ގިނަ އަދަދެއްގެ ހައްޖާޖީން މަރުވި ފަހަރެވެ.

ހާދިސާގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި އީރާނުން މި މައްސަލައިގައި ސައުދީ ސަރުކާރު އިހުމާލުވާ ކަމަށް ބުނެ އަންނަނީ ތުހުމަތުތައް ކުރަމުންނެވެ. އެ ގައުމުން 100 އަށް ވުރެ ގިނަ ހައްޖާޖީ އިން މަރުވުމުން އެ ގައުމުގެ ސަރުކާރުން ބުނީ މިއީ ހައްޖުގެ އިންތިޒާމްތަކުގެ ދޯހަޅިކަން ކަމަށެވެ. އަދި ސައުދީ ސަރުކާރުން މިކަމުގެ ފުރިހަމަ ިޒންމާ ނަގަން ޖެހޭނެ ކަމަށް އެ ގައުމުން ބުނެ އެވެ. މައްސަލައިގައި އީރާން ހިތްހަމަ ނުޖެހި އެ ގައުމުގައި ހުންނަވާ ސައުދީ ސަފީރު ވަނީ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފަ އެވެ.

އެ ހުރިހާ ތުހުމަތުތަކަކާ ގުޅިގެން ސައުދީ ސަރުކާރުން ބުނީ ދެ ފުށްފެންނަ ގޮތަކަށް މައްސަލަ ތަހުގީގުކޮށް އިހުމާލުވާ ބަޔަކު ތިބި ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ދެވަނަ ފަހަރަށް މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ރަސްގެފާނު ވަނީ ވައުދުވެ ވަޑައިގެންފަ އެވެ.

މަރުވި މީހުންގެ ގައުމުތައް އަދި މުޅިން ވަކި ނުވިޔަސް ގިނައީ އޭޝިޔާ ސަރަހައްދަށް ނިސްބަތްވާ މީހުން ކަން ވަނީ ކަށަވަރު ކުރެވިފަ އެވެ.