ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މެދުކަނޑާލާފައިވާ ބައެއް ހިދުމަތްތަށް އަލުން ދޭން އެމްއެމްއޭ އިން ނިންމައިފި

ލޮކްޑައުންގެ ހާލަތަށް ސަރުކާރުން ދީފައިވާ ލުއިތަކާއި ގުޅިގެން މަރުކަޒީ ބޭންކް އެމްއެމްއޭ އިން މެދުކަނޑާލާފައިވާ ބައެއް ހިދުމަތްތަށް އަލުން ދޭން ނިންމައިފި އެވެ.

އެމްއެމްއޭ އިން ބުނީ މިހާރު މެދުކެނޑިފައިވާ ކުދި ރުފިޔާ ދޫކުރުމުގެ ހިދުމަތާއި ވަކިލާރި ދޫކޮށް ބަލައިގަތުމުގެ ހިދުމަތް މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން އަލުން ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި ހިދުމަތް އަލުން ދިނުމަށް ނިންމާފައިވަނީ ލޮކްޑައުންއަށް ލުއި ދިނުމާއި ގުޅިގެން ކަމަށްވެސް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.

މަރުކަޒީ ބޭންކުން ބުނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން މިމަހުގެ ނިޔަލަށް މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ އަންގާރަ އަދި ބުރާސްފަތި ދުވަހު ކަމަށެވެ. އަދި މި ދެ ދުވަހުު 9:30 އިން ފެށިގެން މެންދުރު 14:00 އަށް ހިދުމަތްތަށް ލިބޭނެ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ. ނަމަވެސް އެހެނިހެން ހިދުމަތްތަކަށް ކޮންމެ ހޯމަ ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ އޮތޯރިޓީ ހުޅުވިފައި ހުންނާނެ ކަމަށްވެސް ބުންޏެވެ.

ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން އެ އޮތޯރިޓީގެ ނަންބަރު 7919292 ނަންބަރަށް، އެ ފަރާތެއްގެ ނަމާއި، އެޑްރެސް އަދި މިހާރު ދިރިއުޅޭ އެޑްރެސް، އައިޑީކާޑު ނުވަތަ ޕާސްޕޯޓް ނަންބަރު، މޯބައިލް ނަންބަރާއި ހޯދަން ބޭނުންވާ ހިދުމަތެއް ލިޔުމަށްފަހު އެސްއެމްއެސް ނުވަތަ ވައިބާ މެދުވެރިކޮށް ފޮނުވުމުން ފުލުހުންގެ ފަރާތުން ހޯދަން ޖެހޭ ހުއްދައެއް ހިދުމަތް ބޭނުންވާ ފަރާތަކަށް ހޯދައިދޭނެ ކަމަށްވެސް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ. އަދި މި ހުއްދަ ލިބޭއިރު އެއޮތޯރިޓީއަށް އެ ފަރާތަކުން އަންނަންޖެހޭ ގަޑިއާއި ތާރީހު ބަޔާންކޮށްފައިވާނެ ކަމަށެވެ.

އެމްއެމްއޭއިން އިތުރަށް ބުނީ އެއޮތޯރިޓީން ދީފައިވާ ތާރީހާއި ގަޑިއަށް ސަމާލުކަންދިނުމަށް ވަރަށް ބޮޑަށް އެދޭ ކަމަށާއި އަދި ހިދުމަތް ހޯދަން އަންނައިރު އެ ފަރާތަކުން ހުންނަންވާނީ މާސްކު އަޅައިގެން ކަމަށެވެ.