ހަބަރު

ކެނެބިސް ގަހެއް ކަމަށް ބެލެވިގެން ތަހުލީލުކުރަނީ

Jun 10, 2020
2

ކ. ދިއްފުށީގެ ގެއެއްގައި ކެނެބިސް ގަހެއް އިންދައި ހައްދަމުންދާ ކަމަށް ބެލެވިގެން އެކަން ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނި ގޮތުގައި، ކެނެބިސް ގަހެއް ކަމަށް ބެލެވޭ ގަހެއް ދިއްފުށީގައި ހުރެގެން މިއަދު ހެނދުނު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އެ ގަހުގެ ފޮޓޯ ވެސް ވަނީ އާންމުވެފަ އެވެ. ގަސް ހައްދާފައިހުރީ ރައްކާތެރިކުރުމުގެ ގޮތުން ކޮއްޓެއް ވެސް ޖަހައިގެންނެވެ.

ފުލުހުން ބުނީ އެ ރިޕޯޓާ ގުޅިގެން ފުލުހުން މިއަދު ހަވީރު އެ ރަށަށް ދިޔަ ކަމަށެވެ. އަދި، ކޯޓު އަމުރެއްގެ ދަށުން އެ ގަސް ހުރި ތަން ބަލައި ފާސްކޮށް ތަހުގީގުގެ ބޭނުމަށް ގަހުގެ ސާމްޕަލް ނަގައި ތަހުލީލު ކުރުމަށް ފޮނުވާފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް ބޭނުން ކުރުމާއި އެ ގެންގުޅިގެން ރާއްޖޭގައި ގިނަ ބަޔަކަށް އެކި ހުކުމްތައް އައިސްފައިވެ އެވެ. ކެނެބިސްއާ ގުޅޭ ވަރަށް ބޮޑެތި ހުކުމްތައް ވެސް ކޯޓުތަކުން ކޮށްފައިވެ އެވެ.