ފިނިޕޭޖް

ބާންސާލީގެ "ގަންގޫބާއީ"ގައި އަޖޭ އާއި އިމްރާން ހާޝިމީ

ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކުރާ ގިނަ ބައެއްގެ އިންތިޒާރުތަކާ ގުޅިފައިވާ ކުރީ ޒަމާނުގެ ޑްރާމާ "ގަންގުބައި ކަތިއާވަޅީ"ގެ ޝޫޓިން މިދިޔަ މާޗުން ފެށިގެން ވަނީ ހުއްޓިފަ އެވެ. އާލިއާ ބަޓް ލީޑް ރޯލުކުޅޭ މި ފިލްމުގެ ޝޫޓިންގް ހުއްޓުނީ ކޮރޯނާވައިރަހުގެ ވަބާ ފެތުރުމުގެ ބިރާ ހެދި އިންޑިޔާ ލޮކްޑައުން ކުރުމުންނެވެ.

ފިލްމުގެ ޝޫޓިންގަށް ތައްޔާރުކުރި ވަރަށް އަގުބޮޑު ރީތި ސެޓެއް ފިލްމު ސިޓީގައި ހުރެ މިހާރު ހަލާކުވަމުންދާއިރު އަލުން ޝޫޓިން ފެށުމަށް ސަރުކާރުގެ ހުއްދަ ލިބޭނެ އިރަކަށް ޕްރޮޑިއުސަރުން ކެތްތެރިކަމެއް ނެތި އަދިވެސް ދަނީ އިންތިޒާރު ކުރަމުންނެވެ. ވާރޭގެ ސަބަބުން ސެޓު ހަލާކުވާތީ ޕްރޮޑަކްޝަން ޓީމުން ފަހުން މުޅި ސެޓުގައި ރަބަރު ކަވަރެއް އަޅާ ރައްކާތެރިކޮށްފައި ވެއެވެ.

ލޮކްޑައުން ނިމި އަލުން ޝޫޓިން ފަށާއިރު ބާންސާލީ ވަނީ ފިލްމުގައި އިތުރު ދެ އެކްޓަރަކު ބައިވެރިކޮށްފައި ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ. އެއީ އަޖޭ ދޭވްގަން އާއި އިމްރާން ހާޝިމީ އެވެ.

މި ދެ އެކްޓަރުން އެކުގައި އެންމެ ފަހުން ސްކްރީނުން ފެނިފައިވަނީ މީގެ 10 އަހަރު ކުރިން ރިލީޒްކުރި "ވަންސް އަޕޯން އަ ޓައިމް އިން މުމްބައި" އިންނެވެ. މި ފިލްމުގައި ދެ އެކްޓަރުންގެ ހުރި ވަރުގަދަ ގުޅުންތައް ފިލްމު ބެލި އެންމެންނަށް ވެސް ވަނީ ފާހަގަ ކުރެވިފަ އެވެ.

"ގަންގޫބާއީ"ގައި މަސައްކަތްކުރާ މީހަކު މައުލޫމާތު ދިން ގޮތުގައި އާލިއާ އާއެކު އިމްރާން ޝޫޓްކުރަން ޖެހޭ ބައި މިއަހަރުގެ ކުރީކޮޅު އެމީހުން ވަނީ ވަރަށް ސިއްރު ސިއްރުން ޝޫޓްކޮށް ނިންމާލާފަ އެވެ. އަދި ލޮކްޑައުންއަށް ފަހު ޝޫޓިން ފެށޭއިރު އަޖޭ މި ފިލްމުގެ ޝޫޓިންގްގައި ބައިވެރިވާނެ ކަމަށެވެ.

އަޖޭ މި ފިލްމުގައި ކުޅެނީ ކަރީމް ލާލާ ކިޔާ ގޭންގްސްޓާރެއްގެ ރޯލެވެ. ނަމަވެސް އިމްރާނު ކުޅެނީ ކޮން ކަހަލަ ބައެއް ކަމެއް ސާފެއް ނުވެ އެވެ.

އިމްރާން އާއި އަޖޭ އަކީ އެކްޓްކުރުމުގައި އެމީހުންގެ ޚާއްސަ ގޮތްތަކެއް ގެންގުޅޭ ބަޔަކަށް ވާތީ ބާންސާލީ ބޭނުންވާ ކަހަލަ ސިފަތައް މި ދެ ތަރިންގެ ކިބައިގައި ހުރި ކަމަށް ވެއެވެ. މި ދެ ތަރިންގެ ރޯލުވެސް ފިލްމުގައި މާ ދިގެއް ނުވާނެ އެވެ.
"ގަންގޫބާއީގެ ހަޔާތުގެ ދަތުރުގައި ވަރަށް ގިނަ މީހުންނާ އޭނާ އާ ބައްދަލުވެ އެކި ކަހަލަ ގޮތްގޮތުން ގުޅުންތައް އުފެދިފައިވޭ. އިމްރާން އާއި އަޖޭގެ ކެރެކްޓާއާ ނުލައި އެ ދަތުރު ފުރިހަމައެއް ނުވާނެ،" މައުލޫމާތު ދިން މީހާ ބުންޏެވެ.
އާލިއާ އާއެކު "ގަންގޫބާއީ" އުފެއްދުމުގެ މަސައްކަތް ބާންސާލީ ފެށީ ސަލްމާން ޚާނާއި އާލިއާ އާއެކު އޭނާ އުފައްދަން މަސައްކަތްކުރި "އިންޝާﷲ"ގެ މަސައްކަތް ހުއްޓުނީމަ އެވެ. އެ ފިލްމު ކުރިއަށް ނުގެންދެވުނީ އެންމެ ފަހު ވަގުތު ސަލްމާން ފިލްމު ކުޅެ ނުދޭން ނިންމީމަ އެވެ.

"ގަންގުބާއީ"އަކީ ބާންސާލީގެ ޑްރީމް ޕްރޮޖެކްޓަކަށް ވެފައި އެ ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް އޭނާ ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

މި ފިލްމު ނިމުމުން ދެން ވެސް ބާންސާލީ އުފައްދަން އިއުލާންކޮށްފައިވަނީ ކުރީ ޒަމާނުގެ ވާހަކައަކަށް އުފައްދާ ފިލްމެކެވެ. އެއީ މިއުޒިކަލް ޑްރާމާއެއް ކަމަށްވާ "ބައިޖޫ ބަވްރާ" އެވެ. މި ފިލްމުގެ ލީޑް ރޯލަށް ރަންބީރު ކަޕޫރާއި ދީޕިކާ ޕަދުކޯން ހަމަޖެއްސުމަށް އެ ދެ އެކްޓަރުންނާ ބާންސާލީ މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ.