ފިނިޕޭޖް

"ތާނާޖީ: ދި އަންސަންގް ވޯރިއާ" އަހަރުގެ ބްލޮކްބަސްޓާ

އަޖޭ ދޭވްގަންގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" ރިލީޒްކުރީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. އަދި ފިލްމު ބޮކްސް އޮފީހުގައި ވަރަށް ރަނގަޅު ކާމިޔާބެއް ހޯދައި އަހަރުގެ ފުރަތަމަ ބްލޮކްބަސްޓާގެ މަގާމު ހޯދި އެވެ. އަދި މިހާރު ލަފާ ކުރެވޭ ގޮތުން މި އަހަރުގެ ހަމައެކަނި ބްލޮކްބަސްޓާ އަކަށް ވެސް ވާނީ މި ފިލްމު އެކަންޏެވެ.

މި އަހަރު ވެފައިވަނީ ހިންދީ ފިލްމު އިންޑަސްޓްރީގެ ހަޔާތުގައި ވެސް އެންމެ ބަނަ އަހަރަށެވެ. ފިލްމު އުފައްދަން ފެށީއްސުރެ މިހާތަނަށް ދުވަހަކު ވެސް ފިލްމެއްގެ މަސައްކަތް ނުކޮށް އަށް މަސް ދުވަސް ފާއިތުވެފައެއް ނެތެވެ. އިންޑަސްޓްރީގެ ހާލަތު ދުވަހަކު ނުދާހާ ދަށަށް ގޮސްފައިވާއިރު "ބްލޮކްބަސްޓާ"އަކީ މިހާރު ބޮލީވުޑްގެ ޑިކްޝަނަރީގައި ނެތް ބަހަކަށް ވަނީ ވެފަ އެވެ.

ދުނިޔެއަށް ބްލޮކްބަސްޓާ ފިލްމެއްގެ އުންމީދު މިހާރު ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. ސަބަބަކީ ތިއޭޓަރަށް ފިލްމެއް ބަލަން މަދު މީސްކޮޅެއް ވަނަސް އެއީ މިހާޜު ލައްކަ ބޮޑު ވަރު ކަމަށް ބެލެވޭތީ އެވެ.

އެހެންކަމުން ބޮލީވުޑަށް ވެސް މިއަހަރު ދެން ޖެހޭނީ "ތާނާޖީ" އަށް ލިބުނު ބްލޮކްބަސްޓާ ދަރަޖައިން އުފާވެފައި ތިބޭށެވެ. ޖެނުއަރީގައި އެ ފިލްމު ރިލީޒްކޮށް 279.55 ކްރޯޑު ރުޕީސް ލިބިފައި ވެއެވެ.

މިއަހަރު ބްލޮކްބަސްޓާގެ ދަރަޖަ ލިބޭނެކަމަށް ޓްރޭޑް އެނަލިސްޓުން ބުނަމުންދިޔަ އިތުރު ފިލްމުތައް ކަން ދިމާކުރި ގޮތުން މިއަހަރު ރިލީޒް ކުރެވޭ ގޮތް ނުވީ އެވެ. އޭގެ ތެރޭގައި ރަންވީރު ސިންގްގެ "83" އާއި އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" ހިމެނެ އެވެ.

މި ދެ ފިލްމުގެ ތެރެއިން "83" އަންނަ ޑިސެމްބަރު ފަހުކޮޅު ރިލީޒްކުރުމުގެ ވިސްނުމެއް ޕްރޮޑިއުސަރުން ގެންގުޅުނެވެ. ނަމަވެސް ފިލްމު ރިލީޒްކުރިޔަސް ދެން އެ ފިލްމަށް ވެސް ބްލޮކްބަސްޓާއެއްގެ ދަރަޖަ ލިބޭނެކަމުގެ އެއްވެސް އުންމީދެއް ނެތުމުން އަންނަ އަހަރުގެ ޖެނުއަރީ އަށް ފިލްމު ރިލީޒްކުރުމަށް މަޑުޖައްސާލައިފި ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ.

ސަބަބަކީ ފިލްމު ބަލަން ސިނަމާތަކަށް ވައްދަނީ އެ ސިނަމާއެއްގެ ކެޕޭސިޓީގެ ދެބައިކުޅަ އެއްބައި މީހުންނަށް ވާތީ ކޮންމެ ގޮތެއް ވިޔަސް ފިލްމަށް މާ ރަނގަޅު ފައިދާއެއް އަދި ނުލިބޭނެކަން ޔަގީން ކުރެވޭތީ އެވެ.

އަށް މަސް ދުވަހު އިންޑިޔާގެ ސިނަމާތައް ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވުމުގެ ހުއްދަ ލިބުނުފަހުން ފުރަތަމަ އަލަށް ރިލީޒްކުރި ފިލްމަކީ "ސޫރަޖް ޕޭ މަންގަލް ބާރީ" އެވެ. ނަމަވެސް މި ފިލްމަށް ވެސް އެކަށީގެންވާ ތަރުހީބެއް ލިބެމުން ނުދާ ކަމަށް ޚަބަރުތައް ބުނެ އެވެ.

މިއީ ކުރިން ވެސް ޓްރޭޑް އެނަލިސްޓުން ލަފާ ކުރި ކަމެކެވެ. އިންޑިޔާގައި ކޮވިޑް ބަލީގެ ކަންކަން އަދިވެސް ހަމައަކަށް އެޅިފައި ނުވާތީ ފިލްމު ބަލަން ސިނަމާތަކަށް ދާކަށް މީހުން އަދިވެސް އެހާ ހިތްހަމައެއް ނުޖެހެ އެވެ. މިފަހަރު ރިލީޒްކުރި ފުރަތަމަ ފިލްމުގެ ބޮކްސް އޮފީސް ނަތީޖާ އިން މި ފެންނަނީ އޭގެ ހެއްކެވެ.