ބޮލީވުޑް

އަޖޭ ޑައިރެކްޓްކުރާ "މޭޑޭ"ގެ ލީޑް ރޯލު އަމީތާބަށް

އެކްޓަރު އަދި ޑައިރެކްޓަރު އަޖޭ ދޭވްގަން އަލަށް އުފައްދަން ތައްޔާރުވަމުންދާ "މޭޑޭ" ގެ ބަތަލަކަށް އަމީތާބު ބައްޗަން ހަމަޖެހިއްޖެ އެވެ.

ފިލްމު ކްރިޓިކްސް އަދި ޓްރޭޑް އެނަލިސްޓް ތަރަން އާދާޝްގެ ޓުވީޓެއްގައި މި ފިލްމު ރަސްމީކޮށް ވަނީ އިއުލާން ކޮށްފަ އެވެ. އެ ޓުވީޓްގައި ބުނި ގޮތުގައި ފިލްމު ޑައިރެކްޓް ކުރުމުގެ އިތުރުން އެ ފިލްމުގައި މުހިއްމު ރޯލެއް ވެސް އަޖޭ އަދާ ކުރާނެ އެވެ. އޭނާ ކުޅެނީ ޕައިލެޓެއްގެ ކެރެކްޓާ ކަމަށް ވެސް މި ޓުވީޓްގައި ބުނެފައި ވެއެވެ.

ފިލްމުގައި ބައިވެރިވާ އިތުރު ތަރިން އަދި ފައިނަލް ވެފައެއް ނުވެ އެވެ.

މި ފިލްމު ޑައިރެކްޓް ކުރުމުގެ އިތުރުން ޕްރޮޑިއުސް ކުރަނީ ވެސް އަޖޭ އެވެ. މިއަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި އިންޑިއާގެ ހައިދަރުއާބާދުގައި މި ފިލްމުގެ ޝޫޓިން ފަށަން ވަނީ ހަމަޖެހިފަ އެވެ.

އަމީތާބަކީ ބޮލީވުޑްގައި މިހާރު މަސައްކަތްކުރާ އެންމެ ދުވަސްވީ ފިރިހެން އެކްޓަރު ނަމަވެސް މިހާރުގެ އެންމެ ޒުވާން އެކްޓަރަކުންނަކަށް އަދިވެސް އޭނާ ދުލެއް ނުކުރެ އެވެ. ޒުވާން އެކްޓަރުން އަތުގައި ނެތް ވަރަށް އޭނާގެ އަތުގައި ކުޅޭނެ ފިލްމުތަކާއި ޝޯތައް އެބަހުއްޓެވެ.

އަމީތާބު، 78، ކުޅެން ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު އަޔާން މުކަރުޖީގެ "ބްރަހްމަޝްތުރަ" އާއި ޑައިރެކްޓަރު މަނީ ރަތުނަމްގެ "ޕޮންނިއްޔިން ސެލްވަން" އަދި "ހީރާ ޕޭރީ 3" ހިމެނެ އެވެ. މީގެ އިތުރުން އަމީތާބު ގެންދަނީ ސޮނީ ޓީވީގެ މަޝްހޫރު ކުއިޒް ޝޯ "ކޯން ބަނޭގާ ކްރޯޅްޕަތީ" ވެސް ހޯސްޓް ކޮށްދެމުންނެވެ.