އަޖޭ ދޭވްގަންގެ ބޭބެ އަނިލް ދޭވްގަން މަރުވެއްޖެ އެވެ. އުމުރުން 52 އަހަރުގެ އަނިލް މަރުވީ ކެންސަރު ބަލީގަ އެވެ.
ބޭބެ މަރުވިކަން ޔަގީންކޮށްދެމުން އަންގާރަ ދުވަހު އަޖޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ބޭބެ ވަކިވެ ދިއުމުން އާއިލާއަށް ފުން ހިތާމައެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމުގެ ސަބަބުން ޖަނާޒާގެ ކަންތައްތައް ވަރަށް ކުޑަ ގޮތަކަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އަޖޭ ބުނެފައި ވެއެވެ.
އަނިލް އަކީ ވަރަށް ގިނަ ފިލްމުތައް އުފެއްދުމުގެ މަސައްކަތް ކޮށްފައިވާ ޑައިރެކްޓަރެކެވެ. އޭނާ ފުރަތަމަ މަސައްކަތް ފެށީ 1996 ގައެވެ. ޑައިރެކްޓަރު ރާޖް ކަންވަރުގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އޭނާ ވަނީ ކޮއްކޮ އަޖޭ ދޭވްގަންގެ ތިން ފިލްމެއްގައިވާ "ޖީތު"، "ޖާން" އަދި "އިތިހާސް" ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.
އޭގެ ފަހުން އަނީސް ބަޒްމީ 1998 ގައި އުފެއްދި "ޕިޔާރް ތޯ ހޯނާ ހި ތާ" އާއި ބައްޕަ ވީރޫ ދޭވްގަން 1999 ގައި ޑައިރެކްޓްކުރި "ހިންދުސްތާން ކީ ގަސަމް" ގައި ވެސް އެސިސްޓެންޓެއްގެ ގޮތުގައި އަނިލް މަސައްކަތް ކޮށްފައި ވެއެވެ.
ޑައިރެކްޓަރެއްގެ ގޮތުގައި އަނިލް އުފެއްދި ފުރަތަމަ ފިލްމަކީ 2000 ގައި ރިލިޒްކުރި "ރާޖޫ ޗާޗާ" އެވެ. މި ފިލްމުގެ ތަރިންނަކީ އަޖޭ އާއި ކާޖޮލް އަދި ރިޝީ ކަޕޫރެވެ. އޭގެ ފަހުން 2005 ގައި އަޖޭ އާއި ޕްރިޔަންކާ ޗޯޕްޅާގެ "ބްލެކްމެއިލް" ވެސް ޑައިރެކްޓްކުރި އެވެ. އަނިލް އެންމެ ފަހުން އުފައްދާފައިވަނީ 2008 ގައި ރިލީޒްކުރި "ހާލޭ ދިލް" އެވެ.
އަޖޭގެ ފިލްމުތަކުގެ ތެރެއިން 2012 ގައި ރިލީޒްކުރި "ސަން އޮފް ސަރްދާރް" ގެ ކްރިއޭޓިވް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް އަނިލް މަސައްކަތް ކޮށްފައި ވެއެވެ.