ހަބަރު

އާމިރާއަށް ޖަވާބުދާރީވާން ކޮމިޓީން ފަސް ދުވަސް ދީފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ފާތުމަތު އާމިރާ ވަކި ކުރުމުގެ މައްސަލަ ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީއަށް ޖަވާބުދާރީވާން އާމިރާއަށް ފަސް ދުވަހުގެ ނޯޓިސްއެއް ފޮނުވަން އެ ކޮމިޓީން ނިންމައިފި އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައި ވަނީ އާމިރާއަށް ފަސް ދުވަހުގެ ނޯޓިސްއެއް ފޮނުވާނީ ލިޔުމުން ވެސް ޖަވާބުދާރީވުމުގެ ފުރުސަތު ލިބޭ ގޮތަށެވެ. އެ ގޮތަށް ކޮމިޓީން ނިންމީ ސީއެސްސީގެ ބާކީ ތިބި ހަތަރު މެންބަރުންނަށް ވެސް ލިޔުމުން ޖަވާބުދާރީވާން ފުރުސަތު ދީފައިވާތީ އެވެ.

މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން، މަޖިލީހުގެ ކޮމިޓީއަކަށް މުއައްސަސާއެއްގެ އިސް ބޭފުޅަކު ހާޒިރުވާން އަންގާނަމަ ނުވަތަ މައްސަލައެއްގައި ޖަވާބުދާރީވާން އަންގާނަމަ އެ ބޭފުޅަކަށް ފަސް ދުވަހުގެ މުއްދަތު ލިބޭ ގޮތަށް ނޯޓިސްއެއް ފޮނުވަން ޖެހެ އެވެ.

އާމިރާ ވަކި ކުރުމުގެ މައްސަލަ ދިރާސާ ކުރަން ކޮމިޓީން ފެށިއިރު، އޭނާއަކީ މި ސަރުކާރު އައި ފަހުން 2018 ވަނަ އަހަރުގެ ފަހުކޮޅު ސީއެސްސީއަށް އައްޔަން ކުރި މެންބަރެކެވެ. އެ ކޮމިޝަންގެ ދެން ތިއްބެވި މެންބަރުންނަކީ ކުރީގެ ސަރުކާރުގައި އައްޔަން ކޮށްފައިވާ މެންބަރުންނެވެ.

އާމިރާގެ އިތުރުން ސީއެސްސީގައި ދެން ތިއްބަވަނީ ކޮމިޝަންގެ ރައީސް އަލީ ޝަމީމްއާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި، މެންބަރު ޒަކަރިއްޔާ މުހައްމަދު، އަދި އިބްރާހިމް ޝަހީގެވެ. މި މެންބަރުން ވަކިކުރުމުގެ އިޖުރާއަތްތައް ވެސް މަޖިލީހުގެ ކޮމިޓީން ކުރިއަށް އެބަ ގެންދެ އެވެ.

ސީއެސްސީގެ މެންބަރުންގެ ފަރާތުން ސަރުކާރުގެ ވުޒާރާތަކަށް އެއްބާރުލުން ނުލިބޭ ކަމުގެ ޝަކުވާ ވަނީ މި ސަރުކާރުގެ ވަޒީރުން ކުރައްވައިފަ އެވެ. އެ މައްސަލާގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުރިހާ ވަޒީރުން ހާޒިރު ވެސް ކުރި އެވެ. އެއީ މި މަޖިލީހުގައި އެއް ކޮމިޓީއަކަށް އެއް ފަހަރާ މިހާތަނަށް ހާޒިރު ކުރި ހަމައެކަނި ފަހަރެވެ.

ކޮމިޓީއަށް ހާޒިރުވި ހުރިހާ ވަޒީރުން ވެސް ވަނީ ސީއެސްސީގެ މަސައްކަތްތަކުގައި ލަސްތަކެއް އުޅޭކަން ފާހަގަ ކުރައްވައިފަ އެވެ. އަދި ވުޒާރާތަކަށް އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ، ކުރީގެ ސަރުކާރުގައި އެ މެންބަރުންގެ އަމަލުތައް ހުންނެވި ގޮތް ފާހަގަކުރައްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ.