ޖުމްހޫރީ ޕާޓީ

މަޖިލިހަށް ހުރިހާ ބާރެއް ޖަމާ ކުރުން ގޯސް: ޖޭޕީ

ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ގެންދިއުމަކީ ހުދުމުހުތާރު ސިފައެއް ކަމަށާ ހުރިހާ ބާރެއް މަޖިލީހަށް ޖަމާ ކުރުމަކީ ބޮޑު ގޯހެއް ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެ އެވެ.

ސައުދު މިހެން ވިދާޅުވީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރު އިއުލާން ކުރައްވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ރުހުން ހޯދާ ގޮތަށް އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހެޅުމާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވަ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑު ޕާޓީގެ ނާއިބު ރައީސް ވިދާޅުވީ މަޖިލީހުން މިހާރު އަމަލު ކުރަމުން ގެންދަނީ ރައްޔިތުން ދިން އިތުބާރުގެ މައްޗަށް ނޫން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ގެންދިއުމަކީ ހުދުމުހުތާރު ސިފައެއް ކަމަށެވެ.

"މަޖިލީސްއަށް ހުރިހާ ބާރެއް ޖަމާ ކުރުމަކީ، ގާނޫނު އަސާސީ ބުނާ ތިން ބާރު ވަކިވުންތޯ؟ މީތޯ ރައްޔިތުން އިތުބާރު ކުރި ގޮތަކީ؟" ސައުދު ސުވާލު ކުރައްވާފައި ވެއެވެ.

ސައުދު ވަނީ ހުރިހާ ބާރުތަކެއް ރައްޔިތުން ދީފައިވާއިރު ފުރިހަމަ ޑިމޮކްރެޓިކް ސިސްޓަމަކުން ގައުމު ހިންގާނީ ކޮން ދުވަހަކުންތޯ ވެސް ސުވާލު ކުރައްވާފަ އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް، ސިއްހީ ކުއްލި ހާލަތުގެ ގަރާރަށް މަޖިލީހުގެ ރުހުން ހޯދަން މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރަޝީދެވެ.

އެ ބިލުގައިވާ ގޮތުން ސިއްހީ ކުއްލި ހާލަތު އިއުލާން ކުރާތާ 48 ގަޑިއިރުގެ ތެރޭގައި އޭގެ ގަރާރު މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ. އެއީ މަޖިލިސް ޗުއްޓީއަށް ގޮސްފައިވާ ދަނޑިވަޅެއްނަމަ، 14 ދުވަސް ތެރޭގައި މަޖިލީހަށް މެންބަރުން އެއްވެ އޭގެ މަސައްކަތް ފަށަން ވާނެ ކަމަށް ބިލުގައި ބުނެ އެވެ.

އެމްޑީޕީގެ އެ މެންބަރުގެ މި ބިލުގައި ބުނާ ގޮތުން ހެލްތު މިނިސްޓަރު އިއުލާން ކުރައްވާ ކުއްލި ހާލަތުގެ ގަރާރުގެ ވަކި ބައެއް ނުވަތަ މުޅި ގަރާރަށް ރުހުން ދިނުމުގެ ބާރު މަޖިލީހަށް އޮންނާނެ އެވެ. ގަރާރަށް މަޖިލީހުން ގެންނަން ބޭނުންވާ ބަދަލެއް ގެނެވޭނެ އެވެ. އަދި ގަރާރު ބާތިލް ކުރުމުގެ ބާރު ވެސް މަޖިލީހަށް އޮންނާނެ ކަމަށް ބިލުގައިވެ އެވެ.

ބިލުގައި ބުނާ ގޮތުން، އެ ބިލު ގާނޫނަކަށްވެ އެއަށް އަމަލު ކުރަން ފަށާއިރު ކުއްލި ހާލަތެއް އިއުލާންކޮށް އެ ހާލަތު ނިމުމަކަށް ގެނެސްފައި ނުވާނަމަ އެ ހާލަތުގެ ގަރާރާ މެދުގައި ވެސް އަމަލު ކުރަން ޖެހޭނީ ބިލުގައި ބުނެފައިވާ ގޮތަށެވެ. އެހެންކަމުން މަޖިލީހުން ބިލު ފާސްކުރާއިރު، މިހާރު އިއުލާންކޮށްފައިވާ ކުއްލި ހާލަތު ނިމުމަކަށް ނުގެންނަނަމަ، އެ ގަރާރުގެ މުއްދަތު އިތުރު ކުރުމުގެ ކުރިން މަޖިލީހަށް އެ ގަރާރު ފޮނުވައި ރުހުން ހޯދަން ޖެހޭނެ އެވެ.

ބިލުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ސިއްހީ ކުއްލި ހާލަތުގެ ގަރާރުގައިވާ މުއްދަތު ދިގު ކުރަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެނިގެން ހެލްތު މިނިސްޓަރަށް އަންގައިފިނަމަ އެ ގަރާރުގެ މުއްދަތު ހަމަވުމުގެ ކުރީން މަޖިލީހަށް ހުށަހަޅައި އެ މުއްދަތު އިތުރު ކުރަން މަޖިލީހުން ފާސްކުރަން ޖެހޭނެ އެވެ.